ވިޔަފާރި

މިިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 8.1 ޕަސެންޓް އިތުރުވެއްޖެ

މިިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 8.1 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ޖުލައި މަހު 122,332 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު އައި 113,175 މީހުންނާ އަޅާބަލާއިރު 8.1 ޕަސެންޓް އިތުރު ވުމެކެވެ. އަދި ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް 848,847 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 770,715 މީހުންނާ އަޅާ ބަލާއިރު 10.1 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 33,227 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު އައި 34,276 މީހުންނާ އަޅާބަލާއިރު 3.1 ޕަސެންޓުގެ ދަށްވުމެކެވެ. އަދި އޭޝިއާ އިން ދެން އެންމެ ގިނަ މީހުން ރާއްޖެ އައިސްފައިވަނީ އިންޑިޔާއިންނެވެ. އެ ގައުމުން 5,694 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު އައި 5,386 މީހުންނާ އަޅާބަލާއިރު 5.7 ޕަސެންޓް އިތުރު ވުމެކެވެ.

މިދިޔަ މަހު ޔޫރަޕުން އެންމެ ބޮޑު ކުރިއެއްމެއް ހޯދާފައިވަނީ ފްރާންސެވެ. އެ ގައުމުން 2,043 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 1,504 މީހުންނާ އަޅާބަލާއިރު 35 ޕަސެންޓުގެ އިތުރު ވުމެކެވެ. ދެން އެންމެ ގިނައިން މީހުން އައި އިޓަލީވިލާތުން 4,644 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 3,698 މީހުންނާ އަޅާބަލާއިރު 25.6 ޕަސެންޓް އިތުރު ވުމެކެވެ. އަދި މިދިޔަ މަހު އިނގިރޭސިވިލާތުން 8,421 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 7,705 މީހުންނާ އަޅާބަލާއިރު 9.3 ޕަސެންޓް އިތުރު ވުމެކެވެ. އަދި ޖަރުމަނު ވިލާތުން 6,932 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 6,830 މީހުންނާ އަޅާ ބަލާއިރު 1.5 ޕަސެންޓް އިތުރުވުމެކެވެ.