ކުޅިވަރު

ގައުމީ ކޯޗްގެ ބޮޑު އިތުބާރެއް ބަކާއަށް

މުހައްމަދު އާރިފް (ބަކާ) ގައުމީ ޓީމުން އަލުން ޖާގަ ލިބިގެން ދިޔައީ، ދެ އަހަރު ފަހުންނެވެ. ތިން އަހަރު ކުރިން އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފަހުން، ބަކާ އަށް ޓީމުން ޖާގަ ލިބުނީ މި އަހަރު މާޗް މަހު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭނާ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި އެވެ.

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަކީ، އޭގެ ފަހުން ބަކާ ކުރިމަތިލާނެ ފުރަތަމަ މުބާރާތެވެ. އޭރުގެ ކޯޗް ރިކީ ހާބަޓްގެ ކޯޗު ކަމުގެ ދަށުން އެންމެ އެދެވޭ ކުޅުމެއް އޭނާއަށް ނުދެއްކުނެވެ. އެހެންވެ ހާބަޓްގެ ޓީމުން އޭނާ އަށް ފުރުސަތު ގެއްލުނެވެ. އެނބުރިއައިސް ދެއްކި ކުޅުމުން ބަކާ ސާބިތުކޮށް ދިނީ އޭނާ އަކީ ގައުމީ ޓީމާ ދުރުގައި ހުންނަން ޖެހޭ ފެންވަރުގެ ކުޅުންތެރިޔެއް ނޫން ކަމެވެ.

އުމުރުން 33 އަހަރުގައި، ބަކާ ގައުމީ ޓީމަށް ނެގުމުން، ސްކޮޑު ނެގި ގޮތާމެދު ފާޑުކިޔުން އަމާޒު ކުރިނަމަވެސް، ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބަކާ ޓީމަށް ނެގީ، އޭނާ އަކީ މިޑްފީލްޑަށާއި ޑިފެންސަށްވެސް ކުޅެވޭނެ ކުޅުންތެރިޔަކަށް ވުމުން ކަމަށް ޝެގަޓް ވަނީ ބުނެފަ އެވެ.

"ބަކާ ގާތު ކުޅޭ ވާހަކަ ދެއްކީމަ އޭނާ ހުންނަނީ ތައްޔާރަށް، 100 ޕަސަންޓް ދޭން އޭނާ ހުންނަނީ ތައްޔާރަށް، އެކަހަލަ ކުޅުންތެރިން އަހަރެންގެ ޓީމަށް ބޭނުން ވަނީ،" ބަކާ އަށް ތައުރީފު ކުރަމުން މިދިޔަ މަހު ޓީމު އިއުލާންކޮށް ފަރިތަކުރުންތައް ފެށުމުގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝެގަޓް ބުންޏެވެ. "އުމުރުން 30 މައްޗަށް ދިޔަސް މިޑްފީލްޑަށް ކުޅޭ ކުޅުންތެރިޔާއަށް ނުވަތަ ޑިފެންސަށް ކުޅޭ ކުޅުންތެރިޔާއަށް ރަނގަޅު ފޯމެއްގައި ކުޅެވޭނެ، އަނެއްކަމަކީ ބަކާ އަކީ މިޑްފީލްޑްގެ އިތުރުން ސެންޓްރަލް ޑިފެންސަށްވެސް ކުޅެވޭނެ ކުޅުންތެރިޔެއް."

އަންނަ މަހު ހަތަރު ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ޓީމުން ގަތަރުގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕުން ބަކާ އަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.

"މިއީ ވަރަށް ދުވަސްތަކަކަށް ފަހު، ދެ އަހަރަށް ފަހު މަ ވެސް މިވަރުގެ ޓްރެއިނިންއަކަށް މި އައީ،" ބަކާ ބުންޏެވެ. "އަނެއްހެން ބުނަންޏާ މިހާވަރު އޮގަނައިޒްކޮށް ޓްރެއިނިންއެއް ނުވެސް ދޭ، ވަރަށް ރަނގަޅަށް ކެއުމާ ދެ އިރު ޕްރެކްޓިސްވެސް މިދަނީ ވަރަށް ރަނގަޅަށް."

ޓްރެއިނިން ކޭމްޕްގައި، ގައުމީ ޓީމު ގަތަރުގެ އަލް މަރްހިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަކާ ވަނީ މޮޅު ގޯލެއްވެސް ކާމިޔާބު ކޮށްފަ އެވެ. އޭރިއާގެ ބޭރުން ހަފުގެ މެދެއްހާ ހިސާބުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ އިހިގެން ގޮހެވެ. އެ މެޗުގައި ޓީމުން ދެއްކި ކުޅުމާއެކު ޓީމާ މެދު އިތުބާރު ބޮޑުވެފައިވާ ކަމަށް އޭނާ ބުންނެވެ. އޭނާ އުންމީދުކޮށްގެން ހުރީ ފޮނި ކާމިޔާބެއް ހޯދުމަށެވެ.

"ވަރަށް އުންމީދު ކުރަން މިފަހަރު ރަނގަޅު ނަތީޖާއަކަށް، ސަޕޯޓަރުން ހިތްހަމަޖެހޭވަރު، ރާއްޖެ ހިތްހަމަޖެހޭވަރުގެ ކާމިޔާބަކަށް." ބާކާ ބުންޏެވެ.