ވިޔަފާރި

ސައޫދީ އާ މާކެޓެއްގެ ގޮތުގައި ރާއްޖޭގެ ޓޫރިޒަމަށް

ރާއްޖޭގެ ޓޫރިޒަމަށް އާ މާކެޓެއްގެ ގޮތުގައި ސައޫދީ އަރަބިއްޔާ އިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށައިިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ޖުލައި މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ސައޫދީ އަރަބިއްޔާ އިން 3,466 މީހުން ރާއްޖެއަށް އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 3,196 މީހުންނާ އަޅާ ކިޔާނަމަ 8.4 ޕަސެންޓުގެ އިތުރު ވުމެކެވެ. އަދި މި އަހަރުގެ ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް ސައޫދީން ވަނީ 13,579 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 10,931 މީހުންނާ އަޅާބަލާއިރު 24.2 ޕަސެންޓް އިތުރު ވުމެކެވެ.

މެދުއިރުމަތިން ޖުލައި މަހު 6,693 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު އައި 6,593 މީހުންނާ އަޅާ ބަލާއިރު 1.5 ޕަސެންޓް އިތުރު ވުމެކެވެ. އަދި މި އަހަރުގެ މިހާތަނަށް އައި މީހުންގެ އަދަދު ވަނީ 29,823 އަށް އަރާފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 27,478 މީހުންނާ އަޅާ ބަލާއިރު 8.5 ޕަސެންޓް އިތުރު ވުމެކެވެ. އަދި ސައޫދީ ޓޫރިސްޓުން ވަނީ ރާއްޖޭގެ ޓޫރިޒަމްގެ 3.5 ޕަސެންޓް ހިއްސާ ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ޖުލައި މަހު 122,332 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު އައި 113,175 މީހުންނާ އަޅާބަލާއިރު 8.1 ޕަސެންޓް އިތުރު ވުމެކެވެ. އަދި ޖެނުއަރީން ޖުލައި މަހުގެ ނިޔަލަށް 848,847 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 770,715 މީހުންނާ އަޅާ ބަލާއިރު 10.1 ޕަސެންޓް އިތުރުވުމެކެވެ.