ހަބަރު

ވޯޓާ ވިލާއަކުން ކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެ

Aug 19, 2018

ރިސޯޓެއްގެ ވޯޓާވިލާއަކުން މޫދަށް ވެއްޓުނު ފަސް އަހަރުގެ ޗައިނާ ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރުދުވަހުގެ ރޭ، މާލެ އަތޮޅު އަކިރިފުށީގައި ހަދާފައިވާ ރިސޯޓެއް ކަމަށްވާ، އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓުގަ އެވެ. "އަވަސް"އަށް މައުލޫމާތު ހިއްސާކުރި އިތުބާރު ހުރި ފަރާތަކުން ބުނީ މައިބަފައިންނާ އެކު ޗުއްޓީ ހޭދަކުރަމުން ދިޔަ، ޗައިނާއަށް ނިސްބަތްވާ ފަސް އަހަރުގެ އެ ކުއްޖާ މޫދަށް ވެއްްޓުނީ ރިސޯޓްގެ ވޯޓާ ވިލާއަކުން އެވެ. އަދި އެ ކުއްޖާ ނުފެނިގެން ހޯދަމުން ދިޔައިރު، ފެނިފައި ވަނީ މޫދު ތެރޭގައި މަރުވެފައި އޮއްވާ ކަމަށް އޭނާ ބުންޏެވެ.

އެފަދަ ހާދިސާއެއް ހިނގިކަން ކަށަވަރުކޮށްދެމުން ފުލުހުން ބުނީ، އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 8:55 އެހާއިރު ކަމަށެވެ. އެކުއްޖާ ނުފެނިގެން ހޯދަމުން ދިޔައިރު މަރުވެފައި އޮއްވާ ފެނިފައިވަނީ އެރޭ 9:50 އެހާއިރު ކަމަށެވެ. އެކުއްޖާއަކީ ޗައިނާގެ ފަތުރުވެރިއެއް ކަމަށާއި އެކުއްޖާގެ އުމުރަކީ ފަސް އަހަރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަސް އަހަރުގެ ޗައިނާ ކުއްޖާ މަރުވެފައިވަނީ ކޮން ރިސޯޓަކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން މިހާރު އަންނަނީ އެމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.