ލައިފްސްޓައިލް

ފެންހިއްކާ ތުވާލި ބޭނުން ކުރަން ރަނގަޅީ ކިތައް ދުވަހު؟

Jun 5, 2015

"ފެންފުހެން ގެންގުޅޭ ތުވާލި ބޭނުންކުރަން އެންމެ ރަނގަޅީ ކިތައް ދުވަހު ހެއްޔެވެ؟" ހަމަ ޔަގީނުން ވެސް މިއީ އެކަށީގެންވާ ޖަވާބެއް ނުލިބި އޮންނާނެ ސުވާލެކެވެ.

އަހަރުމެންގެ ތެރެއިން ގިނަ މީހުން އާންމުގޮތެއްގައި ފެންފުހެން ގެންގުޅޭ ތުވާލި ދޮންނަނީ ހަފްތާއަކު އެއްފަހަރު އެވެ. ގިނަ ފަހަރަށް ހަފްތާއަކު އެއް ދުވަހުވެސް ދޮންނަނީ ތުވާލިން ތެތްކަން ނުކެނޑި، ނުބައި ވަސް ދުވަން ފެށުމުންނެވެ.

ފެންނަ ފެނުމަށް ފެން ފުހެން ބޭނުންކުރާ ތުވާލި ބޭނުންކުރުމަށްފަހު، ތެތްކަން ކެނޑުމުން އަނެއްކާވެސް ބޭނުންކުރަން ރަނގަޅު ކަމަށް ފެނެ އެވެ. ނަމަވެސް، މިގޮތަށް ބޭނުންކުރުން މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

އާންމުގޮތެއްގައި ގިނަ މީހުންނަކީ ދުވާލަކު ދެތިން ފަހަރު ފެންވަރާ މީހުންނެވެ. އެހެންކަމުން ފެންފުހެން ގެންގުޅޭ ތުވާލި ދެތިން ފަހަރު ބޭނުންކުރުމަށްފަހު ދޮވުން ރަނގަޅު ކަމަށް ހެލްތު އެޖެންސީތަކުން ބުނެ އެވެ. މިއަށްވުރެން ގިނަފަހަރު ބޭނުންކޮށްފި ނަމަ ތުވާލީގައި ބެކްޓީރިއާ އަށަގަތުމަށް މަގުފަހިވާތީ އެވެ. އަދި ކޮންމެފަހަރަކު ފެންފުހޭއިރު މަރުވެފައި ހުންނަ އެތައް މިލިއަން ސެލްތަކެއް ތުވާލީގައި ހަރުލުމުގެ އިތުރަށް ނުބައިވަސްވެސް ދުވަން ފަށާނެ އެވެ.

އެހެންކަމުން ތުވާލި ދޮންނައިރު ހަރުލާފައިވާ ނުބައި ވަސް ކަނޑުވާލުމަށް މީރުވަސްދުވާ ސޮފްޓްނާ ބޭނުންކުރުމުގެ ބަދަލުގައި ވިނެގާ ބޭނުންކުރާށެވެ. ސޮފްޓްނާ އަޅައިގެން ދޮވުމުން މީރުވަހެއް ހުރެދާނެ އެވެ. ނަމަވެސް ތުވާލީ ދޮންނައިރު ސޮފްޓްނާ ބޭނުންކުރުމުން، ހަރުލާފައި ހުންނަ ނުބައި ވަސް ތުވާލިން އެއްކޮށް ދިޔުމުގެ ބަދަލުގައި އެ ވަސް ނުފިލާ ހުރެއެވެ. އެންމެ ފުރަތަމަ ތުވާލި ދޮންނަން އަޅާއިރު، ދޮންނަކުނޑީގެ ބަދަލުގައި ވިނެގާ ޖޯޑެއް އަޅައިގެން ދޮވެލާށެވެ. ވިނެގާ ތުވާލީގައި ހަރުލާފައި ހުންނަ ވަސް ކަނޑުވާލަދެ އެވެ. އަދި ތުވާލި ހިކޭލެއް އަވަސްވެސް ވާނެ އެވެ. އެއަށްފަހު، ދެވަނަ ފަހަރަށް ދޮންނައިރު ދޮންނަކުނޑި ނުވަތަ އާންމުގޮތެއްގައި ބޭނުންކުރާ ޑިޓާޖެންޓްއެއް ބޭނުންކުރާށެވެ. .

ބޭނުންކުރުމަށް ފަހު ތުވާލި ތަނަކަށް ގުޅައަކަށް ޖަހާލާފައި ބޭއްވުމުގެ ބަދަލުގައި، ތުވާލި އަޅުވާ ރެކް ކަހަލަ ތަނެއްގައި ރީތިކޮށް ފަތުރާލާފައި ބޭއްވުމުން ފަސޭހައިން ހިކޭނެ އެވެ. މިގޮތަށް ތުވާލި ހިއްކަން ކޮޓަރި ތެރޭގައި އަޅުވާނަމަ، ފަންކާ ޖަހާފައި ބެހެއްޓުމުން ކޮޓަރި ތެރޭގެ ތެތްކަން ކުޑަވުމުގެ ސަބަބުން، ފަސޭހައިން ތުވާލި ހިކޭނެ އެވެ.ނުވަތަ އަވިން ހިއްކަން ބެލްކަނި ކަހަލަ ތަނެއްގައި އެޅުވެން ހުންނަ ނަމަ، ކޮޓަރިތެރެ އަށްވުރެން ރަނގަޅުވާނީ ބޭރުގައި އެޅުވުމެވެ.

ގިނަ މީހުންނަކީ ހަފްތާއަކު ތުވާލިއެއް ބޭނުންކުރަން އާދަވެފައިވާ ބައެއް ނަމަވެސް، ބެކްޓީރިޔާގެ ޒަރީޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މި އާދަ ބަދަލުކުރަން އެބަޖެހެ އެވެ.