މައްކާ، ސައުދީ އަރަބިއްޔާ - މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން މައްކާއަށް ޖަމާވެއްޖެ އެވެ.
އިސްލާމް ދީނުގެ ފަސް ވަނަ ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މުސްލިމުން މައްކާއަށް ޖަމާވާން ފަށާފައި ވަނީ، މީގެ ހަފްތާއެއްހާ ދުވަސްކުރިން އެވެ. ސައުދީގެ އޮތޯރިޓީތަކުން ބުނަނީ ވައިގެމަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން ދެ މިލިއަނަށް ވުރެ ގިނަ މުސްލިމުން މިހާތަނަށް ވެސް މައްކާއަށް އައިސްފައިވާ ކަމަށެވެ.
މި އެންމެންނަށް ހިދުމަތް ދިނުމަށް ސައުދީގެ ވުޒާރާތަކުން ވަނީ ބޮޑެތި ތައްޔާރީތައް ވެފަ އެވެ. އެގޮތުން 30،000 އަށް ވުރެ ގިނަ ސިއްހީ ހިދުމަތްތެރިންނާއި ސަލާމަތީ ހިދުމަތްތަކުގެ މީހުން އަދި އެހެން ވެސް މަސައްކަތްތެރިން ވަނީ ހައްޖާޖީންގެ ހިދުމަތަށް ނެރެފަ އެވެ. އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްފައިވާ އިރު، ހައްޖުވެރިންނަށް ފަހިވާނެ ހިދުމަތްތައް ވަނީ ގާއިމްކޮށްފަ އެވެ.
ހައްޖުގެ އެންމެ މުހިންމު އަޅުކަން ކަމަށްވާ، އަރަފާތު ބިމަށް ދިޔުމަށް، މިރޭ ފަތިހު ހައްޖާޖީއިން ދަތުރު ފަށާނެ އެވެ. ފޭލިގޭގެ ސަހަރުގެ ގޮތުގައި މަޝްހޫރުވެފައިވާ މިނާގެ ހުދު ފޭލިގެ ތަކުގައި ހައްޖުވެރިން މިއަދާއި މިރޭ އަޅުކަމުގައި ވަގުތުތައް ހޭދަކުރާނެ އެވެ. ހުދު އިހުރާމްގައި ތިބި، އެތައް މިލިއަން ހައްޖުވެރިންނެއް މިހާރު ވަނީ މިނާއަށް ޖަމާވެ ފޭލިގެތައް ފުރާލައިފަ އެވެ.
ހުރިހާ ހައްޖާޖީން ވެސް މާދަމާ އަރަފާތު ބިމުގައި މެންދުރު ނަމާދާއި އަސްރު ނަމާދު އެކުގައި ޖަމާއަތުގައި ކުރާނެ އެވެ. އޭގެ ކުރިން، ހުތުބާއެއް އިއްވާނެ އެވެ. އަދި އެއަށް ފަހު އެނބުރި މިނާއަށް ގޮސް، ޖަމްރާތަކަށް ހިލަ އުކާނެ އެވެ.
ރާއްޖެއިން ވެސް މިފަހަރު 1،500 މީހަކު ވަނީ ހައްޖަށް ގޮސްފަ އެވެ. އެންމެ ގިނައިން މިއަހަރު ވެސް ހައްޖަށް ގޮސްފައި ވަނީ އިންޑޮނޭޝިޔާއިން އެވެ.
ހައްޖާއި އުމުރާގެ ކަންކަމާ ބެހޭ ސައުދީގެ ވަޒީރު، މުހައްމަދު ސާލިހު ބެންތީން ވިދާޅުވީ، ހައްޖުވެރިން އުފުލުމުގައި 18،000 ބަސް ބޭނުން ކުރާނެ ކަމަށާއި އެ ބަސްތައް މަގުނޯޅޭނެ ގޮތަށް ޓްރެކް ކުރަމުން ދާނެ ކަމަށެވެ. އަދި ހައްޖުވެރިން މަގު އޮޅި ގެއްލުމުގެ ފުރުސަތު އޮތުމުން ކޮންމެ ހައްޖުވެރިއެއްގެ އަތުގައިވެސް ޖީޕީއެސް ހިމެނޭ ޓްރެކިން ބޭންޑެއް ހަރުކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހައްޖުގެ ތެރޭގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގުމަށް އަދި ހައްޖާ ގުޅުމެއް ނެތް ހަރަކާތްތަކަށް ފުރުސަތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.