ރެއާލް މެޑްރިޑް

ރެއާލްގެ ކޮންޓްރޯލް ބޭލްއަށް

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޒައިނުއްދީން ޒިދާންގެ ދައުރު ނިމުމަށް ފަހު، ރެއާލް ކުރިމަތިލި ފުރަތަމަ ލަލީގާގެ މެޗުގައި، ގެޓާފޭއާ ދެކޮޅަށް ގެރެތު ބޭލްގެ މޮޅު ކުޅުމާއެކު ރެއާލް ކާމިޔާބު ކޮށްފި އެވެ.

މިދިޔަ ދެތިން ސީޒަންގައި ރެއާލްގެ ހަމަލާތަކުގެ އެންމެ މުހިންމު ތަރިއަކަށްވީ، މިހާރު ޔުވެންޓަސްއަށް ކުޅެމުންދާ ރޮނާލްޑޯ އެވެ. އޭނާ ރެއާލް ދޫކޮށް ދިޔަ ނަމަވެސް އޭނާގެ ބަދަލުގައި އިތުރު ކުޅުންތެރިޔެއް ގެނެސްފަ އެއް ނުވެ އެވެ. ރޮނާލްޑޯ ނެތުމުން، ގެތާފޭ އާ ދެކޮޅަށް ރެއާލްގެ ހަމަލާތަކުގައި އެންމެ މުހިންމު ތަރިއަކަށްވީ ބޭލް އެވެ.

އޭނާ ވަނީ ގެޓަފޭގެ ގޯލަށް ނުރައްކާތެރި ހަމަލާތެއް ފޮނުވާލާފަ އެވެ. ރެއާލްގެ ފުރަތަމަ ލަނޑު، ޑެނީ ކާވަހާލް ކާމިޔާބު ކުރީ މެޗުގެ 20 ވަނަ މިނެޓްގަ އެވެ. ބޭލް އޭރިއާ ތެރެއަށް ނަގައިދިން ހުރަސް، ގެޓާފޭގެ ކީޕަރު ޑޭވިޑް ސޯރިއޯ ގޯލް އޭރިއާ ތެރެއިން ކުރިއަށް ނިކުމެ ބޯޅަ ޕަންޗު ކޮށްލުމުން އެބޯޅަ ރީބައުންސް ވެގެން ގޮސް ލިބުނީ ކާވަހާލް އަށެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ އޮހިގެން ގޮސް ވަނީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.

ޔޫއެފްއާ ސްޕަކަޕްގައި، އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވި ޓީމަށް، ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވުނު ނަމަވެސް މާބޮޑު ބަދަލުތަކެއް ގެނެސްފަ އެއް ނުވެ އެވެ. ކޭލޯ ނާވަސްގެ ބަދަލުގައި ފުރަތަމަ 11 އިން ތިބޯޓް ކޯޓްއާ އަށް ޖާގަ ދޭނެ ކަމަށް ބެލެވުނެވެ. ނަމަވެސް ރެއާޅްގެ ކޯޗް ހުލެން ލޮޕެޓެގީ ވަނީ ނާވަސްއަށް މަގަމު ދީފަ އެވެ. ނާވަސްއަށް މާ ނުރައްކާތެރި ބޯޅައެއް ދިފާއު ކުރާކަށް ނުޖެހުނެވެ.

ސްުޕަ ކަޕު މެޗުގައި އަނިޔާވެގެން ބަދަލު ކުރަން ޖެހުނު ކެސެމީރޯގެ ބަދަލުގައި، ފުރަތަމަ 11 އިން ފުރުސަތު ދިނީ ޒުވާން ކުޅުންތެރިޔާ ޑެނީ ސަބެޔޯސް އަށެވެ.

ރެއާލްގެ ދެ ވަނަ ލަނޑު ބޭލް ކާމިޔާބު ކުރި މެޗުގެ 51 ވަނަ މިނެޓްގަ އެވެ. މާކޯ އެސެންސިއޯ ނަގައިދިން ބޯޅަ ވެއްޓިގެން ފައި ބޭލް ވަނީ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.