މިއުޒިކް

ރާއްޖެ ތަމްސީލުކުރަން ޑިޓިއުން ބޭންޑް ލަންޑަނަށް

އިނގެރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ރާއްޖެ ތަމްސީލުކުރުމަށް މަޝްހޫރު ދިވެހި މިއުޒިކް ބޭންޑް ޑިޓިއުން އިން މިއަދު ފުރައިފި އެވެ.

ލަންޑަންގެ ރޮތަމް ޕާކުގައި ބޮޑު ކްރައުޑެއްގައި ޑިޓިއުން އިން ޕާފޯމްކުރާނެ އެވެ. ރާއްޖެ ތަމްސީލުކުރުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑިޓިއުން އިން ވަނީ ބާލިންގައި އޮންނަ އައިޓީބީ ޓޫރިޒަމް ފެއާގައިވެސް ޕާފޯމްކޮށްފަ އެވެ.

ޑިޓިއުން ބޭންޑަކީ ދިރާގުގެ ބްރޭންޑް އެމްބަސޭޑަރެއްވެސްމެ އެވެ. މި ބޭންޑުން ވަނީ މިހާތަނަށް އެއް އަލްބަމް ނެރެފަ އެވެ. އަދި ދެ ވަނަ އަލްބަމެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

"ނަށާލާ" އަދި "ނޫން ނޫން ނުދޭ" ފަދަ ރީތި ލަވަތައް ގެނެސްދީފައިވާ ޑިޓިއުންގެ ރިލީޒްކޮށްފައިވާ އަލްބަމްގެ ލަވަތައް އެ ބޭންޑުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންނާއި އައިޓިއުންސްއިން ގަންނަން ލިބެ އެވެ.

ޑިޓިއުން ބޭންޑުގެ ލަވަ "ނަށާލާ".

މި އަހަރު 12 އަހަރު ފުރޭނެ މި ބޭންޑުން އަންނަނީ އަހަރީދުވަސް ކުލަގަދަ ގޮތެއްގައި ފާހަަގަކުރުމަށް ގްރޭންޑް ޝޯއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ޝޯ އޮންނާނީ އަންނަ ނޮވެމްބަރު މަހުގައި މެދު ތެރޭގައި އޮލިމްޕަސް ސިނަމާގަ އެވެ.