ރާއްޖެ ކުޅިވަރު

ނިއު ރޭޑިއަންޓް ދޫކޮށް ބުރުޒޮން ބަންގުލަދޭޝް ލީގަށް

މިދިޔަ ދޮޅު އަހަރު ތެރޭ ނިއުރޭޑީއަންޓްގައި މަސައްކަތް ކުރި ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ނިއުގެ ކޯޗު ކަމުން އިސްތިއުފާ ދިނުމަށް ފަހު ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގެ ކުލަބު ބޮށުންދަރާ ކިންގްސްގެ ކޯޗު ކަމާ ހަވާލުވެއްޖެ އެވެ.

މިދިޔަ އަހަރު ބަންގުލަދޭޝް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ބޮށުންދަރާ ޔުނައިޓަޑް، އަންނަ ސީޒަންގައި ވާދަ ކުރާނީ ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގަ އެވެ. އެ ގައުމުގެ އާ ފުޓްބޯޅަ ސީޒަން އަންނަ މަހު ފަށާއިރު، ބޮށުންދަރާއިން ދަނީ އެ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބުރުޒޮން ނިއު ދޫކޮށްލުމުން، ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ (ޓެޑް) ވިދާޅުވީ، ބުރުޒޮން ޓީމުން ވަކިވީ ދެފަރާތް އެއްބަސްވެ، ނިއުގެ ހުށަހެޅުމަށް ވުރެ ބޮޑު ހުށަހެޅުމެއް ލިބުމުން ކަމަށެވެ.

ނިއުގައި އޭނާ މަސައްކަތް ކުރި ދޮޅު އަހަރުގައި އޭނާ ވަނީ، ރާއްޖޭގައި ކުޅޭ ހުރިހާ މުބާރާތެއް ނިއު އަށް ކާމިޔާބު ކޮށްދީފަ އެވެ. މިދިޔަ އަހަރުގެ މާލޭ ލީގް ފިޔަވައި ހުރިހާ މުބާރާތެއް ނިއު އިން ހޯދި އެވެ. ބުރުޒޮން ނިއު އާ ހަވަލުވީ، މިދިޔަ އަހަރު މާލޭ ލީގް ނިމެން ކައިރިވެފައި ވަނިކޮށެވެ. އޭނާ ވަނީ މި އަހަރުގެ މާލޭ ލީގް ނިއު އަށް ކާމިޔާބު ކޮށްދީފަ އެވެ.

ނިއު އިން ވަނީ އޭނާ ކޮށްދިން މަސައްކަތް ފާހަގަ ކޮށް އޭނާއަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި އެ ކުލަބުގައި އޭނާ ނެތް ނަމަވެސް އަބަދުވެސް އެ ކުލަބަށް އޭނާގެ ސަޕޯޓް ލިބިގެންދާނެ ކަމަށް ނިއު އިން ޔަގީން ކުރާ ކަމަށްވެސް ނިއުގެ ސޯޝަލް މީޑިއާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބުރުޒޮން ބުނީ، އޭނާ ރާއްޖޭގައި ހޭދަ ކުރީ ކާމިޔާބު ދުވަސްތަކެއް ކަމަށެވެ. ނަމަވެސް މިވަގުތަކީ އާ ޗެލެންޖެއް ނަގަންވީ ވަގުތުކަން އޭނާ ފާހަގަ ކުރި އެވެ.

ރާއްޖޭގައި މަސައްކަތް ކުރުމުގެ ކުރިން، ބުރުޒޮން ވަނީ އިންޑިއާގެ އައި ލީގާއި އިންޑިއަން ސްޕަ ލީގްގައި މަސައްކަތް ކޮށްފަ އެވެ. އަދި ސްޕެއިންގެ ދެ ވަނަ ޑިވިޝަންގައި ވެސް މަސައްކަތް ކުރި އެވެ.