އެމްއެމްޕީއާރްސީގެ ތެރެއިން ހިޔާނާތްވީ ފައިސާތައް އެ ހުރި ތަނަކުން ހޯދައި އޭގައި ޖަވާބުދާރީކުރުވަންޖެހޭ މީހުން ޖަވާބުދާރީކުރުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.
ނ. މަނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ނ. އަތޮޅުގައި 50 އެތައް ފަޅު ރަށެއް އޮތްއިރު އަތޮޅު ކައުންސިލަށް ވެސް ނޭނގި ފަޅު ރަށްތައް ވަނީ އެކި މީހުންނަށް ދޫކޮށްފަ ކަމަށެވެ. ވިއްކާ ނުލާ ބާކީ އޮތީ ދެތިން ހަތަރު ފަޅު ރަށެއް ކަމަށެވެ. އެއް ރަށް ހަތް މީހަކަށް ދީފައިވާ މައްސަލައެއް ވެސް ފެންމަތިވެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އިބޫ ވިދާޅުވީ، އެ ބޭފުޅުން ނުކުމެ ތިއްބެވީ އެކަންކަން ހުއްޓުވުމަށް ކަމަށެވެ. އެ ވައްކަމާއި ހިޔާނާތުގެ ހަގީގަތް ހޯދުމަށް ކަމަށެވެ. އެމްއެމްޕީއާރްސީއިން ގެއްލިފައިވަނީ 1.2 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ އަދަދު ތިން ގުނައަށް އަރާނެ ކަމަށެވެ. އެ އަދަދާއި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް ކޮށްފައިވާ ބޭކާރު ހަރަދު އެއްކޮށްލުމުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ބޯހިޔާވެހިކަން ފޯރުކޮށްދެވުނީސް ކަމަށް އިބޫ ވިދާޅުވި އެވެ.
"ތިން ހުޅުމާލެ ހަދާ ވަރުގެ ފައިސާ އެއީ، ވައްކަން ނުކުރިނަމަ، 14،000 އާއިލާއަށް ބޯހިޔާވަހިކަން ލިބުނީސް، އެއީ ބޯހިޔާވަހިކަމަށް ބޭނުންވާ އާބާދީގެ 80 ޕަސެންޓް، ގެއްލުނު ފައިސާ 34 ބަނދަރާއި 15 އެއާޕޯޓް އެޅުނީސް،" އިބޫ ވިދާޅުވި އެވެ.
"މިއީ މި ގެއްލުނު ފައިސާ ކުރެވޭނެ ކަންކަން، ދެން މި ދައްކަނީ ކޮން ތަރައްގީއެއްގެ ވާހަކައެއް، އެ ތަރައްގީ އޮތީ އެ ބޭފުޅުންގެ ޖީބުގަ، އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ ދުވަހު އެ ފައިސާ ހޯދަން މަސައްކަތް ފަށާނަން
މިއަދު ވެސް އޭގެ މަޝްވަރާކޮށްފިން، މައުލޫމާތުތައް އެއްކޮށް އެއަށްވީ ގޮތް ބެލުމަށް މި ތިބީ،"
އިބޫ ވަނީ އެ މައުލޫމާތުތައް އެއްވެސް ނުފޫޒެއް ނެތި އާންމުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ވެސް ގޮވާލައްވާފަ އެވެ. އިބޫ ވިދާޅުވީ، އެ މައުލޫމާތުތައް އޭސީސީއިން ހާމަކުރަންޖެހޭނެ ކަމަށާއި އެއީ ވަކި މީހެއްގެ ފައިސާ ނޫން ކަމަށެވެ. ރައްޔިތުންގެ ފައިސާއަށް ވީގޮތް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ.
އިބޫ ވިދާޅުވީ، ރައްޔިތުންގެ ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ސަރުކާރު ކަމަށެވެ. ކޮންމެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް ލިބޭ ޝަކުވާއަކީ ބޯހިޔާވަހިކަމުގެ ޝަކުވާ ކަމަށެވެ. އޭގެ އިތުރުން ފެނާއި ނަރުދަމާގެ މައްސަލަ ބޮޑުކަން ވެސް ފާހަގަކުރެއްވި އެވެ. އިބޫ ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާ ފޯރުކޮށްދެއްވާނެ ކަމަށެވެ.
ރާއްޖޭގެ މިހާރު އޮތް ހާލަތަކީ ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް އެކުގައި މަސައްކަތް ކުރަންޖެހިފައިވާ ހާލަތެއް ކަމަށާއި އެހެންވެ ޕީޕީއެމްގެ މެންބަރުންނަށް ވެސް އިދިކޮޅާ ގުޅުމަށް ގޮވާލައްވާ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ، ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ޕާޓީތަކުން ކަމަށެވެ.
އިންތިހާބުގައި ވާދަ ކުރައްވާފައިވަނީ ސަރުކާރާއި އިލެކްޝަން ކޮމިޝަނަށް އިތުބާރު ކުރައްވާތީ ނޫން ކަމަށާއި ނަމަވެސް އިތުބާރު ކުރައްވަނީ ރައްޔިތުންނަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.