އަދާލަތު ޕާޓީގެ ނަމުގައި ނޫސްވެރިންނާ ބައްދަލުކުރި މައްސަލަ އެ ޕާޓީ އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހު އަދާލަތު ޕާޓީގެ އާންމު މެންބަރުން ކަމަށް ބުނެ، ޝީ ބިލްޑިންގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެ ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ޕާޓީ ހިންގަނީ ދެ ބޭފުޅެއް ބޭނުންވާ ގޮތަށް ކަމަށާއި ޕާޓީއިން ފައިސާ ހަރަދު ކުރާ ގޮތާ މެދު ވެސް ވަނީ ސުވާލު އުފައްދައި ތުހުމަތުތަކެއްކޮށްފަ އެވެ.
އެކަމާ ގުޅިގެން އަދާލަތުން މިއަދު ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ޕާޓީތަކުގެ ފަރާތުން ކަމަށް ބުނެ މީޑިއާތަކަށް ގުޅައި އަދާލަތު ޕާޓީއަށް ނިސްބަތްވާ ބަޔަކު އެ ޕާޓީގެ ނަމުގައި މީޑިއާތަކަށް މައުލޫމާތު ދިން މައްސަލައިގެ ސަބަބުން ޝަހުސަށް ލިބިފައިވާ ގާނޫނީ ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގެ 312 ވަނަ މާއްދާއިން ބަޔާން ކުރާ ކުށަކަށް އަރައިގެންފައިވާތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް އަދާލަތުން ބުންޏެވެ.
އެ މައްސަލާގައި އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު ކުރިން ވިދާޅުވެފައި ވަނީ އެ ޕާޓީއިން ހުރިހާ ނިންމުމެއް ނިންމާފައި ވާނީ އެ ޕާޓީގެ މަޝްވަރާ މަޖިލިސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ތަނަވަސް އަގުލަބިއްޔަތަކުން ނިންމައިގެން ކަމަށެވެ. އަދި އެކަންކަމާ ގުޅޭ މައުލޫމާތު ހިފެހެއްޓުމެއް ނެތި މީޑިއާގައި އާންމު ވެސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮން ބައެއް ކަން ނޭންގޭ ބަޔަކު މީޑިއާގައި ދަތު ހަބަރު ފަތުރަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ސިޔާސީ ފަރާތްތަކުގެ ސަމާލުކަން ހޯދުމަށް ކަމަށް ނަޒީރު ވިދާޅުވި އެވެ.