އިދިކޮޅު ހުރިހާ ޕާޓީތަކެއް މިފަހަރުގެ ރިޔާސީ އިންތިހާބަށް ނިކުމެ ތިބީ އެކުވެރިކަމަކީ ގަދަފަދަ ބާރެކޭ ބުނެ، ވަރުގަދަ އަޒުމެއްގަ އެވެ. އިއްތިހާދުގެ ކެންޑިޑޭޓަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީއިން އިއްތިފާގުވި، އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ. ރަނިންމޭޓަކީ، ޖޭޕީއަށް އެއްބަސްވެވުނު، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ.
މި ބޭފުޅުންނާ އެކު އިދިކޮޅު އިއްތިހާދުން އަތުކުރި އޮޅާލާފައި އޮތީ، ސިޔާސީ ބަހުރުވައިން ނަމަ، މި ދެބޭފުޅުންނާ އެކު އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށެވެ. ތިލަކޮށްލާފައި ބުނާ ނަމަ އެއީ ވަގުތީ ސަރުކާރެއް ގާއިމް ކުރުމުގެ ފަލްސަފާ އެވެ. އިބޫއަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ރައްޔިތުންނަށް ނެރެ ދެއްކި އެ ޕާޓީގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި އިންތިގާލު ސަރުކާރުގެ ތަފްސީލްތައް ދީފައިވެ އެވެ. އެ ތަފްސީލްތައް ހުލާސާ ކުރަމާ ހިނގާށެވެ.
ވަގުތީ ސަރުކާރުގައި ކަންހިނގާނެ ގޮތް
- ދޮޅުއަހަރަކަށް ދެމިގެން ދާނެ ސަރުކާރެއް
- ކޯލިޝަންތަކަށް ގާނޫނީ ބާރުވެރިކަން ދިނުން
- ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުން
ޖަޒީރާ މެނިފެސްޓޯއިން ވައުދުވާ ވަގުތީ ސަރުކާރުގެ ވާހަކަ ތަފްސީލް ކޮށްދެއްވަމުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެ ހަފްލާގައި ދެއްކި ޕްރެޒެންޓޭޝަންގައި ވިދާޅުވަނީ ވަނީ، މިފަހަރު ހުރިހާ ޕާޓީތައް ހިމެނޭ، ކޯލިޝަނަކުން އުފެދޭނީ ވަގުތީ ސަރުކާރެއް ކަމަށް އެމްޑީޕީ އިން ގަބޫލު ކުރާ ކަމަށެވެ. އަދި ދޮޅުއަހަރަށް އަންނަ އެސަރުކާރުގެ މަސައްކަތަކީ، ތަޖުރިބާއަށް ބަލައި ސިޔާސީ ހަމަޖެހުން ގާއިމް ކުރުމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލުތައް ގެނައުމާއި ގާނޫނުތަކަށް ބަދަލު ގެނެސްގެން ނިގުޅައިގެންފައިވާ ހައްގުތައް އަލުން ރައްޔިތުންނަށް ހޯދައިދީ އިންސާފު ގާއިމްކޮށް ދިނުމުގެ މަސައްކަތެވެ. މިއީ ކޯލިޝަންގެ އެންމެ ނުފޫޒު ގަދަ އަދި އެންމެ ބައި ބޮޑު ޕާޓީއިން ކަންކަން ރާވާފައިވާ ގޮތެވެ. އެހެން ވީމާ މި ވަގުތަށް އެންމެ ބޮޑު ސުވާލަކީ އިބޫއަށް އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ، އޭނާ ވެވަޑައިގަންނަވާނީ ވަގުތީ ރައީސްއަކަށް ހެއްޔެވެ؟ ރައްޔިތުންގެ ފުރިހަމަ ރުހުމުގައި އިބޫ ވެރިކަމުގެ ބާރުތައް ދޫކޮށްލުމަށް ފަހު، ދެން މަންޒަރު ބަދަލުވާނީ ރައްޔިތުން ކުރެހި އެ ތަސްވީރާ ދިމާ އިދިކޮޅަށް ހެއްޔެވެ؟
މިއީ 23 ސެޕްޓެމްބަރުގައި ރައްޔިތުން ވޯޓް ފޮށީގެ ކައިރިއަށް ދިޔުމުގެ ކުރިން އިދިކޮޅު ކެންޑިޑޭޓް އިބޫ، ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާ ސުވާލުތަކެވެ. ސަބަބަކަށް ވަނީ، މިއަހަރު ވެސް ނަގާ ރިޔާސީ އިންތިހާބުގެ ވޯޓަކީ ކުރިއަށް އޮތް ފަސް އަހަރަށް ގައުމުގެ ސިޔާސަތުތައް ކަނޑައަޅާނެ އެންމެ އިސް ބޭފުޅަކު ހޯދުމަށް ނަގާ ވޯޓަކަށް ވެފައި އޮތުމެވެ. އަދި އެތައް މިލިއަން ރުފިޔާއެއް ބަޖެޓުން ހޭދަކޮށްގެން ގިނަ ރައްޔިތުންން ނިކުމެގެން އިންތިހާބެއް ބާއްވަނީ އެ ތަސައްވަރުގަ އެވެ. ވޯޓް ފޮށިން ރައްޔިތުން ނެރެން ބޭނުން ވާނީ ވަގުތީ ސަރުކާރެއްގެ ފޯމިއުލާއެއް ނޫނެވެ. އެއީ ފަސްއަހަރަށް ދެމިގެން ދާނެ ވެރިކަމެއްގެ އުންމީދެކެވެ.
މި ހުރިހާ ޝައްކުތަކާއި އޮޅުންބޮޅުންތަކަކަށް އިބޫ ދެއްވަނީ ފިނި ޖަވާބެކެވެ. ވިދާޅުވަނީ ގާނޫނު އަސާސީގައި އޮތީ ވެރިއަކު އިންތިހާބު ކުރާނީ ފަސްއަހަރަށް ކަމަށެވެ. އަދި އެކަން ބަދަލު ނުވާހާ ހިނދަކު އެމަނިކުފާނަކީ ވެސް ފަސްއަހަރަށް އަންނާނެ ބޭފުޅެއް ކަމަށެވެ.
އެކަމަކު ސުވާލު އުފެދެނީ އެމްޑީޕީގެ މެނިފެސްޓޯގެ އިބާރާތްތަކުން އެވެ. މެނިފެސްޓޯގައި ބުނެފައި ވަނީ، ބަރުލަމާނީ ނިޒާމެއް ގާއިމް ކުރުމުގެ ވާހަކަ އެވެ. ހާއްސަކޮށް، މަޖިލީހުގެ މެޖޯރިޓީ ބުރަވާ ކޮޅަކުން ސަރުކާރެއް ގާއިމްކުރުމުގެ ވާހަކަ އެވެ. ސުވާލު އުފެދޭ ހިސާބަކީ މި އެވެ. އިބޫ ވެރިކަމަށް ވަޑައިގެން ދޮޅު އަހަރުތެރޭގައި ގާނޫނީ އަސާސީގައިވާ ވެރިކަމުގެ ނިޒާމު ބަދަލުކޮށްފި ނަމަ، ރައްޔިތުން ވޯޓްފޮށިން ނެރުނު ނަތީޖާ އެފުއްމިފުށަށް އެނބުރުނީ އެވެ. މަންޒަރު ބަދަލުވީ އެވެ.
" ފަސް އަހަރަށް ބަދަލެއް ގެންނަނަމަ އެކަން ކުރެވެން އޮތީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް. އެ ބަދަލުތައް ގެންނަ ކަމަށްވާނަމަ އެކަން ކުރަންޖެހޭނީ ރައްޔިތުންގެ ވޯޓުން، އެ ބަދަލުތައް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނިގެން ދާނެ،" މިއީ އެ ސުވާލަށް އިބޫ ދެއްވާ ޖަވާބެވެ. އެކަމަކު އެ ޖަވާބު މައްސަލައިގެ ދެ ފުއްސާފެއް ނުވެ އެވެ.
ބަރުލަމާނީ ނިޒާމުގައި ވެސް ވެރިކަމުގެ ތަފާތު މޮޑެލްތައް އެބަ ހުއްޓެވެ. އެހެން ނަމަވެސް، އިދިކޮޅު ފަރާތްތަކުން ގެންނަން ބޭނުން ވަނީ ކޮން ޒާތެއްގެ ބަރުލަމާނީ ނިޒާމެއްތޯ ވެސް އޮތީ ސާފުނުވެ އެވެ. އަދި އޮތީ މާ ބޮޑު ސުވާލެކެވެ؛ ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރަން އިިދިކޮޅު ފަރާތްތަކުގެ އޮތީ ކޮމްޕްލޭނެއް ހެއްޔެވެ؟ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެކަން ދޫކޮށްލާނީ ހެއްޔެވެ؟ ނޫނީ މަޖިލީހުގެ ތެރެއިން އެކަން ނިންމާލާނީ ހެއްޔެވެ؟ ވޯޓް ފޮށީގެ ކައިރިއަށް ރައްޔިތުން ދިޔުމުގެ ކުރިން މި ސުވާލުތަކަށް އިދިކޮޅު ކެންޑިޑޭޓް ޖަވާބު ދެއްވަން ޖެހެ އެވެ. ހަމަ އެކަނި ވައްކަމާއި އަނިޔާގެ ވާހަކަތައް ވިއްކައިގެން ރައްޔިތުން އަދިރީގައި ބައިތިއްބައިގެން ވޯޓް ތަކެއް ހޯދުމުގެ ނަތީޖާ ފަހުން ހިތިވެދާނެ އެވެ. މިސާލަކަށް، 2008 ގައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ދައުރުގެ މެދެއްހާ ހިސާބުން އިންތިހާބެއް ބޭއްވުމުގެ އެއްބަސްވުންތަކެއްގެ ތެރެއިން އެވެ. ނަތީޖާއަކަށް ވީ ކޯލިޝަން ގުޅުމައި ރެދުލައި ބަޔަކަށް ފަހު ބަޔެއް ވެއްޓި އެންމެ ފަހުން ސިޔާސީ ހަމަނުޖެހުންތަކެއް ގައުމުގެ ތެރޭގައި އުފެދި އެންމެ ފަހުން ސަރުކާރު ވެސް ވެއްޓުނީ އެވެ. ގައުމަށް ހަމަޖެހުން ނައިސް ދިގުދެމިގެން ދިޔައީ އެވެ.
އެ ހުރިހާ ތަޖުރިބާތަކަކާ އެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ދޮޅުއަހަރުގެ ވަގުތީ ވެރިކަމެއް މިފަހަރު ގާއިމް ކުރުމާ ދެކޮޅު ހައްދަވައިފަ އެވެ. އަދި ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރުމަކީ ވެސް ގޯހެއްގެ ގޮތުގައި ގާސިމް ސިފަކުރައްވައިފަ އެވެ. ސަރުކާރު ބައި އެޅޭ އިރު، އަދި އިންތިހާބު ކާމިޔާބުކުރުމުގެ ބެލެންސިން ފޯމިއުލާއަކަށް ގާސިމްވާ އިރު އެމަނިކުފާނުގެ ދެކޮޅު ހެދުންތަކާ
އެކު އެމްޑީޕީގެ ވަގުތީ ވެރިކަމުގެ ފަލްސަފާއަށް ފޯމިއުލާއަށް ހޯދަން އިދިކޮޅަށް ހަގީގަތުގައި ވެސް އުނދަގޫވެފައިވާ ކަމަށް ބުނުމުގެ ޖާގަ ވަރަށް ބޮޑެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައީސް ނަޝީދު ކިތަންމެ ވަރަށް ލޮބީ ކުރެއްވި ނަމަވެސް، ވަގުތީ ސަރުކާރެއް ގާސިމް ކުރުމަށް ގާސިމް ނޫނެކޭ ވިދާޅުވާ ހިނދަކު ވެރިކަމުގެ ނިޒާމް ވެސް ބަދަލު ކުުރުމަކީ މުސްތަހީލު ކަމެކެވެ. ސީދާ ސާފު ޖަވާބެއް އިބޫއަށް ވެސް އެ މައްސަލައިގައި ނުދެއްވިގެން އުޅެނީ އެހެން ވެގެން ކަމަށްވުން ވަރަށް ކައިރި އެވެ. އިބޫ ވިދާޅުވީ އަދުނޫން މާދަމާ އިދިކޮޅު އިއްތިހާދުގެ މެނިފެސްޓޯ އާންމުވާނެ ކަމަށެވެ. އެމެނިފެސްޓޯއިން އެ ކަންކަމަށް ޖަވާބު ލިބޭނެ ކަމަށް އިބޫ ވިދާޅުވެ ދެއްވަނީ އުންމީދެވެ. އެހެން ނަމަވެސް ވޯޓަށް 30 ހަކަށް ދުވަސް އޮތްއިރު އެ މެނިފެސްޓޯ ހަގީގަތަކަށް ވެގެން އަންނަތަނެއް އަދި ނުފެނެ އެވެ.
މައުމޫން ރިފޯމް މޫވްމަންޓް، އެމްއާރުއެމްއިން އިދިކޮޅު ޕާޓީތަކުގެ މެނިފެސްޓޯއަށް ހުށަހަޅާ ކަންކަން އާންމުވެގެން އައިއިރު، މައުމޫން ވެސް އަބަދުވެސް ތާއީދު ކުރައްވާ ގޮތަށް އެމަނިކުފާނު ވެސް ބޭނުންފުޅުވަނީ ރިޔާސީ ނިޒާމެއް ދަމަހައްޓަވާށެވެ. އެހެން ވެއްޖެ ނަމަ، ފަސްއަހަރުގެ ދައުރެއްގެ މެދުތެރެއިން ރިޔާސީ އިންތިހާބެއް ބޭއްވުމަކީ ގާނޫނީ ގޮތުން ހައްލު ހޯދަން އުނދަގޫ ކަމަކަށްވާނެ އެވެ. އަދި އެއީ ގާނޫނީ ހައްލެއް މިހާތަނަށް ހޯދައިދީފައި ނެތް ކަމެކެވެ. އިސްލީޑަރުންގެ ހިޔާލުތައް ވަގުތީ ވެރިކަމާއި ވެރިކަމުގެ ނިޒާމާ ދެމެދު ދެކަފިވެ، ދެން އުފެދޭ މައްސަލަތައް ވަރަށް ބޮޑު ވެދާނެ އެވެ. އެ މައްސަލަތަކުގެ ތަސްވީރެއް ސިޔާސީ ފައިދާއަށް ނަމަވެސް ރައީސް ޔާމީން ކުރައްސަވަނީ އިދިކޮޅު ވެރިކަމެއް ގާއިމް ވެއްޖެ ނަމަ ހަމަޖެހުން ނައިސް ގައުމު އިތުރަށް ހަލަބޮލިކަމުގެ ތެރެއަށް ސޮއްސާލަފާނެ ކަމަށް ވިދާޅުވަމުން އެވެ.
"މިއަދު އެ ބޭފުޅުން ދައްކަވާފައި އެ ވަނީ އިބްރާހިމް މުހައްމަދު ސޯލިހް. އަށާރަ މަސް ފަހުން ދެން ސޫރަވެގެން، ސިފަވެގެން ދާނީ ކޮން ބޭފުޅެއްގެ މޫނުތޯ އެބަ ޖެހޭ ސާފުކޮށްދެއްވަން،" ތ. ތިމަރަފުށީގައި މިފަހުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ. "ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފިނަ، އިބޫއަކަށް ވިދާޅެއް ނުވެވޭނެ ތިމަންނާއޭ ބޮޑު ވަޒީރަކަށް ވާނީ. އެ ޕާޓީގެ ތެރޭގައި އެއަށް ވުރެ ނުފޫޒު ގަދަ ބޭފުޅުން އެބަ ތިއްބެވި،"
އިދިކޮޅު ކޯލިޝަނެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫގެ ނަން ފުރޭނިގެން އައީ ވެސް މިކަހަލަ ހާޖާނުތަކެއްގެ ތެރެއިން އެވެ. މިހާރު އޮތް އެންމެ ބޮޑު ސުވާލަކީ އިބޫއަށް ވެރިކަމުގެ ބާރުތައް ލިބިއްޖެ ނަމަ، ގައުމު އަނެއްކާ ވެސް އިތުރު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުނީ ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުން ވާނީ ބޮޑު ސިޔާސީ ހާޖާނަކަށެވެ. ގައުމު އިތުރަށް ހަލަބޮލިކޮށްލާނެ ކަމަކަށެވެ. މި ނިމޭ ފަސްއަހަރުވެސް ގައުމީ މިދަނީ ސިޔާސީ ހަމަޖެހުން ނުހޯދި އެވެ. ސިޔާސީ ލީޑަރުންގެ އެދުންތައް ބޮޑުވެ ގައުމަށް އަދިވެސް ހަމަޖެހުމެއް ނާދެ އެވެ. އިބޫގެ ފުރަތަމަ ދުވަހުގެ ވައުދަކީ މިހާރު ކަސްދޮޅުގައި ތިބި ސިޔާސީ ބޭފުޅުން ދޫކޮށްލުމެވެ. އޭގެ ކޮންމެ ބޭފުޅަކު ވެސް މިވަގުތު ފަހަތަށް ޖެހިވަޑައިގަތް ތިބެން މަޖުބޫރު ވިޔަސް، އެބޭފުޅުންގެ ވެރިކަމުގެ އުންމީދާއި އަމިއްލަ ޑިމާންޑްތައް އިންތިހާއަށް ބޮޑެވެ. ސުވާލަކީ ދެން މަންޒަރު ބަދަލުވާނީ ކިހިނެތް ހެއްޔެވެ؟ އެބޭފުޅުން ތިއްބެވީ އިބޫއަށް އެހެން ދައުރެއް ދެއްވަން އާ އެކޭ ވިދާޅުވެގެން ހެއްޔެވެ؟ އެބޭފުޅުންގެ ސިޔާސީ ކެރިއަރު އެެގޮތަށް އެއްބަސްވެ ގުރުބާން ކުރާނެ ހެއްޔެވެ؟
އެ ސުވާލަށް އެއްވެސް ސިޔާސީ ލީޑަރެއް ޖަވާބެއް ނުދެއްވަ އެވެ. ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރެއް ކަމަށްވާ، އަހުމަދު ފަޔާޒު އެ ސުވާލަށް ވިދާޅުވެފައި ވަނީ، އިބޫއަށް ފަސް އަހަރުގެ ދައުރެއް ދޭން ލީޑަރުން އެއްބަސް ކަމަށެވެ. ދެން އެކަމަށް ޖަވާބެއް ދެއްވީ، އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އެވެ. އޭނާ ވިދާޅުވަނީ އިބޫ ވެރިކަމަށް ވަޑައިގަންނަވާނީ ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ. އެކަމަކު އެ ކަންކަމުގެ ވަށައިގެން އެނބުރޭ ތަފާތު ހިޔާލުތަކަށް އެބޭފުޅުން ޖަވާބެއް ނުދެއްވަ އެވެ. އަދި ޕާޓީތަކުގައި އެބޭފުޅުންނަށް ވުރެ ސީނިއާ ލެވަލްގެ ބޭފުޅުން ތިއްބެވި އިރު އެބޭފުޅުން އަމުދުން އެކަމަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. މި ހުރިހާ ސަބަބުތަކެއް ހުރުމުން ޔަގީންވާ ކަމަކީ އިބޫއަށް ފަސްއަހަރު ދިނުމާ މެދު އަދިވެސް ކޯލިޝަންގެ ތެރޭގައި ބައިބައިވުން އޮތް ކަމެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސްގައި ވެސް ތާށިވަނީ އެ ހިސާބުން އެވެ.
"ކޯލިޝަނުން ވަނީ ފަސް އަހަރުގެ ދައުރަކަށް ވައުދުވެފަ ކަމަށާއި ދޮޅު އަހަރުވުމުން އިބޫ އިސްތިއުފާ ނުދެއްވާނެ. އަދި އެއްވެސް އިދިކޮޅު ލީޑަރެއްގެ ނުފޫޒެއް ވެސް އިބޫއަށް ނޯންނާނެ،" ފަޔާޒު ވިދާޅުވި އެވެ. ފަޔާޒު އެހެން ވިދާޅުވި ނަމަވެސް، ކުރީގެ ސިޔާސީ ތަޖުރިބާ އާއި ސިޔާސީ ހަގީގަތަށް ބަލާއިރު އިދިކޮޅުގައި ތިއްބެވި ލީޑަރުން ތިއްބެވީ އިބޫއަށް އެ ފުރުސަތު ދޭންތޯ އެބޭފުޅުން ސާފުބަހުން ވިދާޅުވާން ޖެހެ އެވެ. ޔަގީންވާ ކަމަކީ، ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއް އިބޫ އަންނަނީ ވެވަޑައިގަންނަވަމުން އެވެ. އެއީ ހުވަފެންތަކެއް ނޫން ކަމަށް ވެސް އިބޫ ވިދާޅުވެ އެވެ. އެހެން ވެއްޖެ ނަމަ، ރައްޔިތުންނަށް އެ ވައުދުތައް ފުއްދައިދިނުމަށް އިބޫއަށް އެންމެ ދޮޅުއަހަރަކުން ނުފުދެ އެވެ. އެެހެންވާނަމަ، އިބޫގެ ވައުދުތައް ވާނީ ހަމައެކަނި ވޯޓް ހޯދުމުގެ އުކުޅަކަށެވެ. ސެޕްޓެމްބަރު 23ގެ ކުރިން ރައްޔިތުންނަށް މި ސުވާލުތަކަށް އިބޫ ޖަވާބު ދެއްވަން ކޮންމެހެން ވެސް ލާޒިމެވެ. ސަބަބަކަށް ވަނީ ރައްޔިތުން ސިޔާސީ ހަމަޖެހުމަކަށް ބޭނުންވެފައިވާ ކަމެވެ. ސިޔާސީ ހަލަބޮލިކަމުގެ ހާސްކަމުން ގައުމު މިންޖުކޮށް، އަމާން ރާއްޖެއަކަށް އިބޫއަކީ ޗޮއިސްއެއް ކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވޭނީ މި ކަންކަން ސާފުވެގެން އެވެ. އެހެން ނޫން ނަމަ، މާޒީގެ ހިތި ތަޖުރިބާތައް އަނެއްކާ ވެސް ތަކުރާރު ވާނެ އެވެ.