ހަބަރު

ބޭރުގެ ބާރުތަކުގެ ކުރިމަތީ ދޫނުދޭނަން، އެޅުނު ފިޔަވަޅެއް އަޅާނަން: ޑިފެންސް މިނިސްޓަރު

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ، އަންނަ ސެކްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ސަރުކާރުން އޮޅުވާލައިފި ނަމަ، އިންޑިއާ ސިފައިން ރާއްޖެ ހިފަން ޖެހޭ ކަމަށް، އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ރާޖަ ސަބާގެ ނުފޫޒު ގަދަ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ގައުމެއް ކަމަށެވެ. ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށެވެ.

"ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް ބޭރު ބަޔަކު ވަންނާކަށް ނުވަތަ ވައްދާތަކަށް ނުޖެހޭނެ، އެ ފުރުސަތު ދިވެހިން ނުދޭނެ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ދަމަހައްޓަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އަވަށްޓެރި ގައުމުތަކާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުމަށް ބުރޫއަރާފަދަ ކަންކަން ނުކުރުމަށް ވެސް ގޮވާލައްވާފަ އެވެ.

ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެންބަރު، އަދި ކުރިން ޔޫނިއަން މިނިސްޓަރުކަން ވެސް ކުރެއްވި، ސުބްރަމާނިއަން ލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިދިޔަ ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖެއެމްވީގައި ޝާއިއު ކުރި ހަބަރާ އެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން އިންތިހާބު އޮޅުވާލައިފި ނަމަ، އިންޑިއާއިން ރާއްޖެ އަރައި ހިފަން ޖެހޭ ކަމަށެވެ.

ނަޝީދާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ވެސް، ސުބްރަމާނިއަން ބުދަ ދުވަހު ޓްވީޓެއް ކުރެއްވި އެވެ. އެ ޓްވީޓްގައި އޭނާ ވިދާޅުވެފައި ވަނީ، އިންތިހާބު އޮޅުވާލުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް އެއްވެސް ވަރެއްގެ ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ މަޝްރަހާ ބެހޭ ގޮތުން ނަޝީދާ އެކު މަޝްވަރާ ކުރެއްވި އިރު، އެމަނިކުފާނު އެންމެ ކަންބޮޑުވެ ވަޑައިގެން ހުންނެވީ، އަންނަ ރިޔާސީ އިންތިހާބު ސަރުކާރުން އޮޅުވާލަފާނެތީ ކަމަށެވެ. އޭނާ ވަނީ ރާއްޖޭގެ މިހާރުގެ ސަރުކާރުން އިންޑިއާއަކީ ވަރަށް ދައްބައެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ސިފަކުރައްވައިފަ އެވެ. އަދި އެކަން ބަދަލުކުރުމަށް އިންޑިއާ ސަރުކާރުން އެކްޝަން ޕްލޭނެއް އެކުލަވާލަން ވެސް އޭނާ ގޮވާލެއްވި އެވެ.