ހަބަރު

ޝަހީމް ލ. އަތޮޅަށް ވަޑައިގެންފި، ހޫނު މަރުހަބާއެއް

ރައީސް އަބްދުﷲ ޔާމީނަށް ތާއިދު އިތުރު ކުރެއްވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ލ. އަތޮޅަށް ވަޑައިގެންފި އެވެ. އެމަނިކުފާނު ލ އަތޮޅަށް ވަޑައިގަތުމުން ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަން ޖަމާވެފަ އެވެ.

ޝަހީމް މިއަދު ހަވީރު ލ. ކައްދުއަށް ފައިބައިވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ. އެތަނަށް އަތޮޅުގެ އެކި ރަށްރަށުގެ ޕީޕީއެމް ސަޕޯޓަރުން އެއްވެ ތިއްބެވެ. އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބި މީހުންނާ ސަލާމް ކުރައްވަން ޝަހީމް ގިނަ ވަގުތު ހޭދަކުރެއްވި އެވެ. އަދި ގިނަ ސަޕޯޓަރުން ޝަހީމްއާ އެކު ސެލްފީ ނަގާ ހެއްދެވި އެވެ.

ލ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި އެކި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދޮރުން ދޮރަށް ވެސް ޝަހީމް ހިންގަވާނެ އެވެ.

މީގެކުރިން ޝަހީމް ވަނީ އުފަން އަތޮޅު، ގއ. އަތޮޅާއި ގދ. ތިނަދޫ އާއި ފުވައްމުލައް ސިޓީގައި ކެމްޕެއިން ކުރައްވާފަ އެވެ. އެ ރަށްރަށުގެ ގިނަ ރައްޔިތުންނާ ޝަހީމް ބައްދަލު ކުރައްވާފައިވެ އެވެ. އަދި އެ ދަތުރުތަކަށްފަހު ޝަހީމް ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް އޮތް ތާއިދު ބޮޑު ކަމަށެވެ.