ހަބަރު

މަސްދޯނީގައި އިބޫ ދުވާފަރަށް، މަރުހަބާ ވަރަށް ތަފާތު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރ.ދުވާފަރަށް މަސްދޯންޏެއްގައި ގެންދަވައި ތަފާތު މަރުހަބާއެއް އެ ރަށުގެ ރައްޔިތުން ކިޔައިފި އެވެ.

އިބޫ މިއަދު މަަސްދޮންޏަށް އަރާވައިގެންނެވީ އެ އަތޮޅު ކިނޮޅަހަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. ކަނޑުމަތިން އެހެން މަސްދޯނިތަކުގައި ވެސް ވަނީ އިބޫއަށް ދުވާފަރުގެ ރައްޔިތުން މަރުހަބާ ކިޔާފަ އެވެ.

އިބޫ މަސްދޯނީގައި ދުވާފަރަށް ވަޑައިގެންނެވީ އިރުއޮއްސުނު ވަގުތުގަ އެވެ. އޭރު ގިނަ އަދަދެއްގެ ރައްޔިތުން އިބޫއަށް މަރުހަބާ ދަންނަވައި ސަލާމް ކުރުމަށް އެއްވެ ތިއްބެވެ. ވަރަށް ގިނައިރު އިބޫ ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ހޭދަ ކުރެއްވި އެވެ.

މިރޭ ބޭއްވި އެ ރަށުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރެއްވިއިރު ވެސް އެ ވަރުގެ މަރުހަބާއެއް އަދި ފެނިފައިނުވާ ކަމަށެވެ. އިބޫ އެހެން ވިދާޅުވުމާއެކު އެ ރަށުގެ ރައްޔިތުން ވަނީ ބާރަށް ތަރުތީބު ދީފަ އެވެ.

އިބޫ މިހާރު ރ. އަތޮޅަށް ކުރައްވާ ދަތުރުގައި ރަށްރަށުން ތަފާތު މަރުހަބާތައް ދަނީ ކިޔަމުންނެވެ. އެގޮތުން އީދުގެ ކުލަ މަޖަލުން ވެސް ވަނީ އިބޫއަށް މަރުހަބާ ބައެއް ރަށްރަށުން ކިޔާފަ އެވެ.

އިބޫ މިހާރު ރ. އަތޮޅަށް ކުރައްވާ ދަތުރުގައިި އިއްޔެ ވަނީ ފަސް ރަށަކަށް ވަޑައިގެންފަ އެވެ. މިއަދު ފަސް ރަށަކަށް ވަޑައިގަންނަވާފައިވާއިރު މާދަމާ ވެސް އިބޫ ރ. އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.