ހަބަރު

ސުބްރަމާނިއަންގެ ވާހަކަތައް ފައިސަލް ކުށްވެރި ކުރައްވައިފި

Aug 24, 2018
9

އިންތިހާބު އޮޅުވާލައިފި ނަމަ، އިންޑިއާއިން ރާއްޖެ ހިފަން ޖެހޭ ކަމަށް، އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ބީޖޭޕީގެ މެންބަރު، ސުބްރަމާނިއަން ސުވާމީ މިއަދު ވިދާޅުވުމާ ގުޅިގެން، އެ ވާހަކަތައް ވާހަކަތައް އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ކުށްވެރި ކުރައްވާ ދެކޮޅު ހައްދަވައިފި އެވެ.

ފައިސަލް ނަސީމް ވިދާޅުވީ، އިންޑިއާއިން ރާއްޖެ ހިފަން ޖެހޭ ކަމަށް ސުބްރަމާނިއަން ވިދާޅުވި ވިދާޅުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަފުޅެއް ކަމަށެވެ. އަދި އެކަމަށް ފާޅުގައި އިންކާރު ކުރައްވާ ކަމަށް ވެސް ރަނިންމޭޓް، ފައިސަލް ވިދާޅުވި އެވެ. އަދި އިންޑިއާ އޮންނާނީ އަބަދުވެސް ރާއްޖޭގެ އެންމެ ކައިރި އެކުވެރިޔާގެ ގޮތުގައި ކަމަށާއި އެ ގުޅުމަށް ބުރޫ އަރާ ކަމެއް އިންޑިއާއިން ނުކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

އޭނާގެ ވާހަކަތައް ރާއްޖޭގެ އެކި ފަރާތްތަކުން ވެސް ގެންދަނީ ވަރަށް ބޮޑަށް ކުށްވެރިކޮށް ފާޑުކިޔަމުން އެވެ. އަދި އެފަދަ ވާހަކަތަކުގެ ސަބަބުން އިންޑިއާ-ރާއްޖެ ގުޅުމަށް ބުރޫ އަރާ ކަމަށް ވެސް އެކި ފަރާތްތަކުން އަންނަނީ ބުނަމުން އެވެ.

ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެންބަރު، އަދި ކުރިން ޔޫނިއަން މިނިސްޓަރުކަން ވެސް ކުރެއްވި، ސުބްރަމާނިއަން ލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިދިޔަ ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖެއެމްވީގައި ޝާއިއު ކުރި ހަބަރާ އެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން އިންތިހާބު އޮޅުވާލައިފި ނަމަ، އިންޑިއާއިން ރާއްޖެ އަރައި ހިފަން ޖެހޭ ކަމަށެވެ.