މިއުޒިކް

ނިކްގެ އާ ލަވަ ލޯތްބާ އެކު ޕްރިޔަންކާއަށް

ނިކްގެ އާ ލަވަ "ރައިޓް ނައު".

ޕޮޕް ބޭންޑް "ޖޯނަސް ބްރަދާސް" އިން މަޝްހޫރުވި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އާ ލަވައިގެ އޯޑިއޯ ރޭގައި ވަނީ ދޫކޮށްލާފަ އެވެ. އާ ލަވައިގެ ނަމަކީ "ރައިޓް ނައު" އެވެ. ނިކްއާއެކު މި ލަވަ ކިޔާފައި ވަނީ ރޮބިން ޝުލްޒް އެވެ.

ނިކް 25، އޭނާގެ އާ ލަވަ މި ދޫކޮށްލީ ގްލޯބަލް އައިކަން، އިންޑިއާއަށް ނިސްބަތްވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާ 35، އާއި އެންގޭޖުވިތާއި ހަ ދުވަސް ފަހުންނެވެ.

ފޭނުން ބުނަމުންދާ ގޮތުގައި މި ލަވަ ނިކް ހާއްސަކުރީ ޕްރިޔާންކާ އަށެވެ. ލޯބީގެ މި ލަވައިގެ ޅެން އެންމެ ގުޅެނީ ޕްރިޔަންކާ އާއި ކަމަށް ފޭނުން އަންނަނީ ބުނަމުންނެވެ. ނިކް އާއި ޕްރިޔަންކާ އެންގޭޖުވީ މިދިޔަ ހަފްތާގެ އާދިއްތާގަ އެވެ.

ކައިވެނިކުރާނެ ދުވަހެއް އަދި ކަނޑައެއް ނާޅަ

ޕްރިޔަންކާގެ މަންމަ، މަދޫ ޗޯޕްރާ ޑީއެންއޭ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ނިކްއާއި ޕްރިޔަންކާ ކައިވެނިކުރާނެ ތާރީހާއި ކައިވެނިކުރާނެ ތަނެއްވެސް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. އެ ދެމީހުން މަސައްކަތުގެ ގޮތުން މި ދުވަސްވަރު އުޅެނީ ވަރަށް ބިޒީކޮށް ކަމަށާއި ކައިވެނީގެ ކަންކަން ނިންމާނީ އެ ދެމީހުންނަށް ލުއި ވަގުތެއް ލިބުމުން ކަމަށެވެ.