ޕިކަޕަކަށްފަހު ޕިކަޕެކެވެ. ލޮރީއަކަށްފަހު ލޮރީއެކެވެ. ކޮންމެ ލޮރީއެއް ކޮންމެ ޕިކަޕެއް ވެސް ވަނީ މީހުނުން ފުރިފަ އެވެ. ކުދި ބޮޑު އަންހެން ފިރިހެނުންނެވެ. ރަށް ވަށައި އެ ވެހިކަލްތައް ދުއްވާއިރު އޭގެން ފެންނަނީ އާއިލީ ގުޅުމުގެ ރީތި މަންޒަރުތަކެވެ.
މިއީ ހާއްސަ ދުވަސްތަކުގައި އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށް، ހދ. ކުޅުދުއްފުށިން ފެންނާނެ މަންޒަރެވެ.
އިއްޔެއަކީ ބޮޑު އީދާއެކު އައި ހުކުރެވެ. ހުކުރު އަބަދުވެސް ވެފައި އޮންނަނީ އާއިލީ ދުވަހަކަށެވެ. އޭގެ ތެރެއަށް އީދު ވަނުމާއެކު ކުޅުދުއްފުށިން އިއްޔެ ފެނިގެން ދިޔައީ ވަރަށް އާއިލީ ދުވަހެކެވެ.
ލޮރީ ނޫނީ ޕިކަލް ބުރު މުޅި އާއިލާއިން ނުވަތަ އަވަށްޓެރިން ޖެހުމަކީ ކުޅުދުއްފުށީގައި މިހާރު އާދައަކަށްވެފައިވާ ކަމެކެވެ. ކުރިޔާލާ ޕްލޭންކޮށްގެން ހަވީރު ގަޑީގައި ނަލަ ހެދިގެން އާއިލާތައް ލޮރީ ބުރު ޖަހަ އެވެ. މުޅި ރަށުގައި ބުރު ޖަހާ ނިމޭއިރު އެންމެން ތިބެނީ އުފަލުންނެވެ.
ކުޅުދުއްފުއްޓަކީ ވެހިކަލްތައް އިންތިހާއަށް އިތުރުވަމުންދާ ރަށެކެވެ. ލޮރީ އާއި ޕިކަޕް ވެސް އެހާ ގިނަ އެވެ. އެކަމަކު އިއްޔެ ހަވީރުވީއިރު ރަށުގައި ދަތުރެއް ނެތް ހަމަ އެންމެ ލޮރީއެއް، ޕިކަޕެއް ވެސް ނެތެވެ. ލޮރީތަކާއި ޕިކަޕްތައް އުޅުނީ އާއިލާ ބުރު ޖެހުމުގަ އެވެ.
"މިއީ މިހާރު ކޮންމެ ބަންދެއް އަޔަސް އަހަރެމެން ކުރާ ކަމެއް، ދަރިން ވަރަށް އުފާވޭ މިގޮތަށް ބުރެއް ޖަހާލީމަ،" ދަރިއެއް ގޮވައިގެން ލޮރީއެއްގައި އިން އަންހެނަކު ބުންޏެވެ.
"އަސްލު ލޮރީ ނޫނީ ޕިކަޕަށް އަރަނީ، ސައިކަލްގައި ބުރު ޖަހާއިރު އެންމެންނަށް އެކީގަ ނުތިބެވޭތީ، މަޖަލެއް ނުކުރެވޭނުން؟ ކާރު ވެސް މިހާ މަޖަލެއް ނުވާނެ،" އެހެން މީހަކު ބުންޏެވެ.
ލޮރީތަކާއި ޕިކަޕްތަކުގައި ހެވިފައި ތިބި މޫނުތަކުން އިއްޔެ ކުޅުދުއްފުށިން ފެނުނީ ވަރަށް ގަޔަވާ މަންޒަރެކެވެ. އާއިލީ ގުޅުމުގެ މިސާލުތަކެވެ. މިކަހަލަ ކަންކަމަކީ މިހެން ބަދަހިވެ އިތުރަށް ވަރުގަދަވާންޖެހޭ ކަންކަމެވެ.