ހަބަރު

އިބޫގެ ވަރުގަދަ ރައްދެއް ސުބްރަމާނިއަންއަށް!

Aug 26, 2018
7

ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ ރާއްޖެ ހިފަން ޖެހޭ ކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ބީޖޭޕީގެ މެންބަރު، ސުބްރަމާނިއަން ސުވާމީ ވިދާޅުވުމުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އޭނާއަށް ރައްދުދެއްވައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިދިޔަ ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖެއެމްވީގައި ޝާއިއު ކުރި ހަބަރާ އެކު ސުބްރަމާނިއަން ކުރެއްވި ޓްވީޓް، ރީ ޓްވީޓު ކުރައްވަމުން އިބޫ ވަނީ އޭނާގެ އެ ގޮވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އިންތިހާބު އޮޅުވާލުމަށް ރައީސް އަބްދުﷲ ޔާމީން އާއި އިލެކްޝަން ކޮމިޝަން އިން މިހާރު ވެސް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަންކަމާ ކުރިމަތިލައްވާނީ ބައިނަލްއަގުވާމީ ގޮތުން އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އެފަދަ ކަންކަން ހައްލު ކުރައްވާނީ ޖަޒުބާތުގައި ޖެހިވަޑައިގެން ނެރުއްވާ ބަޔާންތަކުން ނޫން ކަމަށާއި ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަން މާ މުހިންމުވާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ރާއްޖެ ހިފަން ގޮވާލި ވާހަކައާ ގުޅިގެން ގިނަ ބަޔަކު ފާޑު ކިޔަމުންދާއިރު އިދިކޮޅު އިއްތިހާދުގެ ގިނަ ބޭފުޅުން ވެސް ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ.