ދުނިޔެ

ޒިމްބާބުވޭ ކޯޓުގެ ނިންމުން ބަލައެއް ނުގަންނާނަން: ޗަމީސާ

Aug 26, 2018

ހަރާރޭ (އޯގަސްޓް 25) - ޒިމްބާބުވޭގެ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ކަނޑައެޅެން ނެތްކަމަށް އެގައުމުގެ އެންމެ މަތީ ކޯޓުން ނިންމި ނިންމުން، ބަލައިނުގަންނަވާނެކަމަށް އިދިކޮޅު ކެންޑިޑޭޓް ނެލްސަން ޗަމީސާ އަނެއްކާވެސް ތަކުރާރުކުރައްވައިފި އެވެ.

ޒިމްބާބުވޭގެ ރިޔާސީ އިންތިހާބު މިހާރު ވެސް ވެރިކަމުގައި ހުންނެވި އެމާސަން ނަންގަގްވާ ކާމިޔާބު ކުރައްވައިފި ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވީ ނަމަވެސް، އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކޯޓަށް މައްސަލައެއް ހުށަހެޅީ މިމަހު ކުރީކޮޅެވެ.

ނަމަވެސް، ވޯޓު އޮޅުވާލާފައިވާ ކަމަށް ސާބިތުވާފަދަ ހެކި ހުށަހަޅާފައިނެތް ކަމަށް ބުނެ ޒިމްބާބުވޭގެ އެންމެ މަތީ ކޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ.

ރަސްމީ ނަތީޖާ ދައްކާގޮތުން، އެގައުމުގައި 37 އަހަރު ވެރިކަން ކުރެއްވުމަަށް ފަހު މިދިޔަ އަހަރު ފަހުކޮޅު މަގާމު ދޫކޮށްލެއްވި ރޮބަޓް މުގާބޭ ނެތި ބޭއްވުނު ރިޔާސީ އިންތިހާބު މިހާރު ވެރިކަމުގައި ހުންނެވި އަދި ކުރީގެ ނައިބު ރައީސް ނަންގަގްވާ އަށް 50.8 ޕަސަންޓު ވޯޓު ވަނީ ލިބިވަޑައިގަންނަވާފަ އެވެ. ޗަމީސާ އަށް ލިބިވަޑައިގަތީ 44.3 ޕަސަންޓު ވޯޓެވެ. ނަންގަގުވާއަށް 50 ޕަސަންޓަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާތީ، ދެވަނަ ބުރަކަށް ދާކަށް ނުޖެހުނެވެ.

ކޯޓުގެ ނިންމުމާއެކު، ގުޅިގެން މަސައްކަތް ކުރުމަށް، އިދިކޮޅު ފަރާތްތަކަށް ނަންގަގުވާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ނަމަވެސް، ޗަމީސާ ވިދާޅުވަނީ، އިންތިހާބުގައި ބޮޑެތި އޮޅުވާންތަކެއް ހުރި ކަމަށާއި، ވެރިކަން ކުރެއްވުމަށް "ގާނޫނީ ހައިސިއްޔަތު" ލިބިވަޑައިގެންފައިވާ ކަމަށެވެ.

އާ ރައީސަކު އިންތިހާބު ކުރުމުގެ އިތުރުން، މަޖިލީހާއި ކައުންސިލަށް މެމްބަރުން ހޮވުމަށްވެސް މިދިޔަ ހޯމަ ދުވަހު ވަނީ ވޯޓުލާފަ އެވެ. މަޖިލީސް އިންތިހާބުގެ ނަތީޖާ ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވާ އިރު، ވެރިކަންކުރާ ޒަނޫއެފްޕީ އަށް ވަނީ ތަނަވަސް އަގުލަބިއްޔަތެއް ލިބިފަ އެވެ. މަޖިލީހުގެ 210 ދެ ގޮނޑީގެ ތެރެއިން ޒަނޫއެފްޕީ އަށް 145 ގޮނޑި ލިބިފައިވާއިރު، އެމްޑީސީ އިސްވެ އޮތް އިދިކޮޅު އިއްތިހާދަށް ލިބިފައިވަނީ އެންމެ 63 ގޮނޑި އެވެ.