ވިޔަފާރި

އެނބޫދޫ މަޝްރޫއުގެ މުހިންމު ބައިގެ މަސައްކަތް ކުރަން ދިވެހި ކުންފުނިތަކަށް!

އެނބޫދޫ ފަޅުގައި ކުރިއަށް ގެންދާ، ކްރޮސްރޯޑްސް އިންޓަގްރޭޓަޑް ރިސޯޓް މަޝްރޫއުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ތައިލެންޑްގެ ޕްރޮޕަޓީ ޑިވެލޮޕާ ސިންގް އެސްޓޭޓް އިން ރާއްޖޭގެ ކުންފުނިތަކަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ނުވަ ރަށެއްގެ މައްޗަށް ބިނާކުރާ ކްރޮސްރޯޑްސް އިންޓަގްރޭޓަޑް ރިސޯޓް އަކީ ލެޝާ އަދި އާއިލާ އެކުގައި ދަތުރުކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު އެކެވެ. އިންޑިއާ ކަނޑުގައި ގާއިމުކުރެވޭ އެންމެ ބޮޑު އިންޓަގްރޭޓަޑް ރިސޯޓުގެ ގޮތުގައި ވަރަށް އަވަހަށް ފެނިގެންދާ މި މަޝްރޫއު ކުރިއަށް ގެންދަނީ ސިންގް އެސްޓޭޓް އިން ގަބޫލުކުރާ، "ބިލްޑިންގް ބިގް، ޕްރޮޓެކްޓިންގ ދަ ސްމޯލް" ވިސްނުމުގެ ދަށުންނެވެ. ސިންގް އެސްޓޭޓްގެ ފަރާތުން ރާއްޖޭގެ ކޮންޓްރެކްޓަރުންނާއެކު މަސައްކަތްކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮންސްޓްރަކްޝަންގެ ބިޔަ މަޝްރޫއުތައް ކުރިއަށް ދާއިރު އެ ކަންކަން ކުރިއަށް ދަނީ އެނބޫދޫ ފަޅުގެ އަސްލާއި ވަށައިގެންވާ ތިމާވެށީގެ ހަގީގަތް ރައްކާތެރިކޮށް ދިވެހިންގެ އާދަކާތަކާ ފުށުނާރާގޮތަށް ކަން ޔަގީންކުރުމެވެ.

އައިމާ ކޮންސްޓްރަކްޝަން

އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީއިން ކޮރޮސްރޯޑްސް މަޝްރޫއުގެ ޓައުންޝިޕް ބިނާކުރުމުގައި މައި ދައުރެއް އަދާކުރާއިރު އަލިއާ ކޮންސްޓްރަކްޝަންގެ ފަރާތުން ކްރޮސްރޯޑްސް ގެ މައި ރަށުގައި ކިއުރިއޯ ބައި ހިލްޓަން ގެ ހޮޓެލް ބިނާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެއެވެ. އަދި މިއާއެކު އެސްއޭއެސްއީ ކޮންސްޓްރަކްޝަން އިން ކޮރޮސްރޯޑްސްގެ ޝޯލަ އިން ހިމާޔަތްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. މި ކުންފުނިތަކާއެކު ކޮންޓްރެކްޓްގައި ސޮއިކުރުމާއެކު ކޮރޮސްރޯޑްސް މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތައް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި 2018 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރ ގައި ނިންމުމަށް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި މަޝްރޫއުގެ ދެވަނަ ފިޔަވަހި ނިންމަން ވަނީ ރާވާފައެވެ. ކްރޮސްރޯޑްސް ގެ ސަބަބުން 5000 ވަޒީފާ އުފެދޭނެ ކަމަށް ލަފާކުރެވެ އެވެ.

ސިންގް އެސްޓޭޓްގެ ސީޑީއޯ މިސްޓާ ޓެރަޗާޓް ނުމަނިޓް ވިދާޅުވީ ސިންގް އެސްޓޭޓް އިން ގަބޫލުކުރާ ގޮތުގައި ލޯކަލް ކޮންޓްރެކްޓަރުން ބައިވެރިކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ، އެ މަޝްރޫއުތައް ހިންގާ ތަންތަކަށް ކަމަށެވެ.

"ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރުމަށް މަގުފަހިވާ ކަމެކެވެ."އަހަރަމެން މަސައްކަތްކުރަނީ އަހަރަމެންގެ މިންގަނޑުތަކަށް ފެތޭ، ތަޖުރިބާ ލިބިފައިވާ، ފެންވަރު ރަނގަޅު ކޮންސްޓްރަކްޝަން ކުންފުނިތަކާއެކު،" ސީޑީއޯ މިސްޓަ ޓެރަޗާޓް ނުމަނިޓް ވިދާޅުވި އެވެ.

ކްރޮސްރޯޑްސްގެ ރެސްޓޯރަންޓްތަކުގެ ބެކް އޮފް ހައުސް އާއި މައި ޓައުންޝިޕްގެ އިތުރުން ހާޑް ރޮކް ހޮޓެލް އާއި ޓައުންޝިޕްގެ ރީޓެއިލް ބައި އިމާރާތްކުރަން ހަމަޖެހިފައިވަނީ އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ.

އައިމާ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އަބްދުލް އަޒީޒް ވިދާޅުވީ ކްރޮސްރޯޑްސްއާއެކު މަސައްކަތްކުރަން ފުރުސަތު ލިބުނީތީ ވަރަށްބޮޑަށް އުފާކުރާ ކަމަށާ، ކްރޮސްރޯޑްސް އަކީ ތައި ކުންފުންޏަކުން ކުރިއަށްގެންދާ ވަރަށް ބޮޑު މަޝަރޫއުއަކަށްވެފައި ކަމަށެވެ.

"މި މަޝްރޫއުގައި ބޭނުންކުރަން ހަމަޖެހިފައިވާ ޕްރީކާސްޓް ސްރަކްޗާތައް ބޭނުންކޮށްގެން އިމާރާތްކުރާއިރު ދިމާވާނެ އެކިއެކި ގޮންޖެހުންތައް ހައްލުކޮށްގެން ކުރިއަށްދިއުމަށް އަހަރަމެން މި ތިބީ ތައްޔާރަށް،" އަޒީޒް ވިދާޅުވި އެވެ.

އެލިއާ ކޮންސްޓްރަކްޝަން

ތަނުގެ ހައިބަތު ދައްކައިދޭ ގޮތަށް "ދަ ސިޓީ އޮފް ޖަޔަންޓްސް" ގެ ކޮންސެޕްޓް އަށް ކްރޮސްރޯޑްސް ގައި ބިނާކުރާ ކިއުރިއޯ ބައި ހިލްޓަން ހޮޓެލް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އަލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްގެ ފަރާތުންނެވެ. މި ހޮޓެލް ކޮމްޕްލެކްސްގައި ބެންސްލީ އިން ފަރުމާކޮށްފައިވާ ބީޗް ވިލާތަކާއި އޯވަރ ވޯޓަރ ވިލާ ތަކާއި 120 ކޮޓަރީގެ ފަސް ތަރީގެ ރިސޯޓެއް ބިނާކުރެވޭނެއެވެ. ކްރޮސްރޯޑްސްއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފުރަތަމަ މަރުހަބާކިޔާ ދެ ހޮޓެލް އަށް މި ދެ ހޮޓެލް ވެގެންދާނެއެވެ.

އެސްއޭއެސްއީ ކޮންސްޓްރަކްޝަން

އެސްއޭއެސްއީ ކޮންސްޓްރަކްޝަން އަކީ ދެމެހެއްޓެނިވި ގޮތުގައި ބިނާކުރުމާއި ތިމާވެށި ރައްކާތެރިކުރުމަށް އަމަލުކުރަންވީ ގޮތްތަކުގެ ތަޖުރިބާކާރު ކުންފުންޏެކެވެ. އެހެންކަމުން ކްރޮސްރޯޑްސް މަޝްރޫއުގެ ޝޯލައިން ރައްކާތެރިކޮށް، އެކަން ކުރެވެނީ ދެމެހެއްޓެނިވި ގޮތަކަށްކަން ޔަގީންކުރުމާ ހަވާލުވެފައިވަނީ އެސްއޭއެސްއީ ކޮންސްޓްރަކްޝަންއެވެ. މީގެ އިތުރުން އެސްއޭއެސްއީ ކޮންސްޓްރަކްޝަން އިން ކްރޮސްރޯޑްސްގެ ޓައުންޝިޕްގައި ބިނާކުރާ ޔޮޓް މަރީނާ ހެދުމުގައިވެސް ދައުރެއް އަދާކުރާނެ އެވެ.

އެސްއޭއެސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑް ގެ މެނޭޖިން ޑައިރެކްޓަރު ސައުދުﷲ އަހުމަދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ތަޖުރިބާގެ އަލީގައި ދެމެހެއްޓެނިވި ގޮތުގައި ޝޯލައިން ރައްކާތެރި ކުރުން ކަމަށެވެ.

"އަހަރަމެންގެ ތަޖުރިބާގެ އަލީގައި ދެމެހެއްޓެނިވި ގޮތެއްގައި ޝޯލައިން ރައްކާތެރިކޮށް، މި ބިޔަ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު އެނބޫދޫ ފަޅުގެ ހިތްގައިމު އީކޯސިސްޓް ރައްކާތެރިކޮށް ހެޔޮގޮތުގައި ދެމިއޮންނާނެކަން ޔަގީންކޮށްގެން މި މަޝްރޫއު ކުރިއަށްގެންދިއުމުގައި ދައުރެއް އަދާކުރަން ލިބުނު މި ފުރުސަތާމެދު ވަރަށް އުފާކުރަން،" އެސްއޭއެސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑް ގެ މެނޭޖިން ޑައިރެކްޓަރު ސައުދުﷲ އަހުމަދު ވިދާޅުވި އެވެ.

ކްރޮސްރޯޑްގެ ތައާރަފެއް

ކްރޮސްރޯޑްސް މަޝްރޫއަކީ ދިވެހިރާއްޖޭގައި އިންޓަގްރޭޓަޑް ލެޝާ އެންޑް ރެކްރިއޭޝަން މަންޒިލެއް ގާއިމުކުރުމަށް ހިންގޭ ފުރަތަމަ މަޝްރޫ އެވެ. ކްރޮސްރޯޑްސް މަޝްރޫއުގެ ސަބަބުން ރާއްޖެއަކީ ބައިނަލްއަގުވާމީ ބާޒާރުގައި އާއިލީ ދަތުރުތަކަށް އެންމެ ކަމުދާ މަންޒިލަށް ވެގެންދިއުމުގެ އިތުރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އައު ދިރުމެއް މި މަޝްރޫއުގެ ތެރެއިން ލިބި، ރާއްޖޭގައި ޗުއްޓީ ހޭދަކުރުގެ މާނަ މުޅިން ބަދަލުވެގެންދާނެ އެވެ.

މެރިޓައިމް ސިލްކް ރޯޑްގެ ތެރެއިން އިރާއި ހުޅަނގުގެ ސަގާފަތްތައް ހިއްސާކުރަމުން، ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ މައި އެއާޕޯޓުން ސްޕީޑް ބޯޓުގައި އެންމެ 15 މިނެޓުން ދެވޭހާ ކައިރީގައި ހަތް ކިލޯމީޓަރު ދިގު ފަޅެއްގައި ގާއިމުރެވޭ ކްރޮސްރޯޑްސް އަކީ ދަތުރުވެރިންނާއި މާލޭގައި ދިރިއުޅޭ މީހުންނަށްވެސް ފަސޭހައިން ޒިޔާރަތްކުރެވޭނޭހެން، އައު ތަޖުރިބާތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިންގޭ މަޝްރޫއު އެކެވެ. އެންމެ ރަނގަޅު ފެންވަރުގެ މަރީނާއަކާއި ތަފާތު ވައްތަރުގެ ހޮޓާތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، މިހާތަނަށް ނުފެންނަ ފަދަ ބީޗް ކްލަބް އެއްގެ އިތުރުން ރީޓޭލް ފިހާރަތަކާއި ފައިން ޑައިނިންގް ރެސްޓޯރަންޓްތަކާއި، ދިވެހިރާއްޖޭގެ ސަގާފީ އުފެއްދުންތަކާއި އެހެނިހެންވެސް ސަގާފީ ކަންތައްތައް ކުރިއެރުވުމަށް ކަލްޗަރަލް ސެންޓަރެއް ކްރޮސްރޯޑްސްގެ ދަށުން ގާއިމުކުރެވޭނެއެވެ. ކޮރޮސްރޯޑްސް އަކީ ރާއްޖޭގެ ބަޔޯ ޑައިވަރސިޓީ އާއި މެރައިން އީކޯސިސްޓަމް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ޓޫރިޒަމްގެ މައްޗަށް ބިނާކުރާ މަޝްރޫއަކަށްވާއިރު، މި މަޝްރޫއުގެ ތެރެއިން ރާއްޖެ މުޖުތަމައުގެ ދުޅަހެޔޮ ކަން އިތުރުވެގެންދާނެ އެވެ.