ހަބަރު

އަދީބު ނެންގެވި ފައިސާ ހުރިތަނެއް އިދިކޮޅު ފަރާތްތަކަށް އެނގޭނެ: ރައީސް

އެމްއެމްޕީއާރުސީގެ ތެރެއިން ގެއްލުނު ފައިސާގެ އަދަދު ތަހުގީތަކުން ސާފުވާ ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ދައުލަތަށް އަނބުރާ ނުހޯދިގެން އުޅެނީ އެ ފައިސާ ހުރިތަނެއް ނޭނގޭތީ ކަމަށް ވިދާޅުވެ، އެ ފައިސާ ވީތަނެއް އެމްޑީޕީގެ ބައެއް ބޭފުޅުންނަށް އެނގޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ތ. ގުރައިދޫގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ، އަދީބު ނައިބު ރައީސްއަކަށް ހުންނެވި އިރު އެންމެ ބޮޑެތި ތުހުމަތުތައް އެމަނިކުފާނުގެ މައްޗަށް ކުރީ އެމްޑީޕީއިން ކަމަށެވެ. މިއަދު އަދީބާ މެދު ހެޔޮ އެދިގެން އެބޭފުޅުން އުޅެން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދީބާ ގުޅޭ ގިނަ ވާހަކަތަކެއް ރައީސް މިއަދު ދެއްކެވި އިރު އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފައިސާއާއި އެމްޑީޕީގެ އިސް ވެރިންނާ ގުޅުވައިގެންވެސް ރައީސް ތުހުމަތުތަކެއް ކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ފައިސާގެ ވާހަކަތައް އެމްޑީޕީ މުޒާހަރާތަކުގައި ދެއްކި ނަމަވެސް އެކަން ތަހުގީގުކުރުމުގެ ހިއްވަރެއް އިދިކޮޅު ލީޑަރުންގެ ނުހުންނާނެ ކަމަށެވެ. އެކެއް ފެބްރުއަރީގެ ހުކުމުގައި އަދީބުގެ ނަން ހިމަނާފައި އޮތުމުން އެކަނިވެސް އެކަން ހާމަވާ ކަމަށް ވިދާޅުވި އެވެ.

"އަދީބަށް ހެޔޮ އެދިގެން މިހާރު އުޅެނީ ކީއްވެ. މިކަންކަމުގެ ދިފާއުގައި މުޒާހަރާ ކުރިޔަސް، އެ ފައިސާ ހޯދަން ނުކެރޭނެ. އަދި ނުވެސް ކުރެވޭނެ. އެވަރުގެ ހިއްވަރެއް އެބޭފުޅުންގެ ނުހުންނާނެ. އެފައިސާތައް ވީތަނެއް މިއަދުވެސް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިއަދުވެސް ވިދާޅުވެ ދެއްވާ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ މައްސަލަ އިތުރަށް ތަހުގީގުކުރާކަށް ނުޖެހެ އެވެ. އެ މައްސަލަ އޭސީސީއިން ތަހުގީގު ކޮށް، ގެއްލުނު އަދަދު ހާމަކޮށްފައިވާކަމަށާއި އެހެން ނަމަވެސް އެ ފައިސާ ނުހޯދިގެން އުޅެނީ އެ ހުރި ތަން ނޭނގޭތީ އެވެ. ނަމަވެސް އެމްޑީޕީގެ ބައެއް ފަރާތްތަކަށް އެ ފައިސާއަށް ވީގޮތް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ތިރީސް ތިން އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަހުމަދު އަދީބަކީ ރައީސް އިންނެވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމަށް ޓެރަރިޒަމްގެ އަމަލެއް ހިންގި ކަމަށް ކޯޓްގައި ސާބިތުވެގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ބޭފުޅެކެވެ. އެ މައްސަލާގައި އަދީބަށް އިއްވާފައިވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ރައީސް ވިދާޅުވީ އަދީބާއި އެމަނިކުފާނާ ދޭތެރޭގައި ހިނގާފައި އޮތީ އަމިއްލަ ކަމެއް ކަމަށެވެ. ނަމަވެސް ހުންނެވީ އެކަންތައް ހަނދާން ނައްތާލައްވައި، ނުހައްގުން އަދީބު ދައުލަތުން ނަގާފައިވާ ފައިސާ އަނބުރާ ދައްކައިފިނަމަ ބޭސް ފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވެސް ފޮނުވައިދޭން ތައްޔާރަށް ކަމަށެވެ. އެނޫން ގޮތަކަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދެވެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑާއި ދޭތެރޭގައި ހިނގާފައި އޮތީ އަމިއްލަ ކަމެއް، އަޅުގަނޑު މިހިރީ އެކަން ހަނދާން ނައްތާލާފައި އޭނަ ބޭހަށް ވެސް ފޮނުވަން. އެކަމަކު ދައުލަތުން ނެގި ފައިސާތައް އަނބުރާ ދައުލަތަށް ދޭންޖެހޭނެ. އެއީ ދައުލަތުން ނެގި ފައިސާ އަނބުރާ ދިނީމަ ނޫނިއްޔާ އަދީބުގެ އިންސާނީ ހައްގެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.