އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ޔޮޓްމެރީނާ ހިންގަން ސިންގް އެސްޓޭޓް އާއި އަބޫދާބީގެ ޖަލިބޫޓް ހޯލްޑިންގްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާލެ އާ އެންމެ 15 މިނެޓް ދުރުގައި، ނުވަ ރަށެއްގެ މައްޗަށް، 1300 ކޮޓަރީގެ އިތުރުން 11000 އަކަމީޓަރުގެ ރީޓޭލް ޖާގައާއެކު ބިނާކުރާ ކޮރޮސްރޯޑްސް އިންޓަގްރޭޓަޑް ރިސޯޓްގެ މަގްސަދަކީ ލެޝަރ އަށް ދަތުރުކުރާ ފަތުރުވެރިންނާއި އާއިލާ އެކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ މާކެޓްތަކުގެ ސަމާލުކަން ހޯދުމެވެ. މި މަޝްރޫއުގެ އެންޓަޓެއިންމަންޓް ހަބް ގެ ގޮތުގައި ގާއިމުކުރެވޭ ދަ ޓައުންޝިޕް ގައި ބައިނަލްއަގުވާމީ ރެސްޓޯރަންޓްތަކާއި ރީޓޭލް އައުޓްލެޓްތަކާއި ދުނިޔޭގެ ފެންވަރުގެ ވެލްނަސް ސްޕާއަކާއެކު، ފަރުތަކުގެ މާހައުލާއި ގައުތައް ރައްކާތެރިކުރުމަށް ހާއްސަ، މޯލްޑިވްސް ޑިސްކަވަރީ ސެންޓަރ އެއްގެ އިތުރުން ޑައިވް ސެންޓަރަކާއި، މަލްޓި ޕާޕަސް ހޯލްއަކާއި، ކިޑްސް ކްލަބްއަކާއި ކަލްޗަރަލް ސެންޓަރެއް ހިމެނޭނެއެވެ. އަދި ދުނިޔެއަށް މަޝްހޫރު ބްރޭންޑްތައް ކަމުގައިވާ ހާޑް ރޮކް ކެފޭ އާއި ކެފޭ ޑެލް މާރ ގެ އިތުރުން، އޭޝިއާގެ އެންމެ ރަނގަޅު 50 ރެސްޓޯރަންޓްގެ ތެރޭގައި ހިމެނޭ ދެ ރެސްޓޯރަންޓް ކަމުގައިވާ މިނިސްޓްރީ އޮފް ކްރޭބް އާއި ނިހޮންބާޝީ ވެސް ކްރޮސްރޯޑްސްގައި ހިމެނެއެވެ.
ޖަލްބޫޓް ހޯލްޑިންގްސް އެލްއެލްސީ އަކީ ބޯޓުފަހަރު ފަރުމާކުރުމާއި ބިނާކުރުމުގެ އިތުރުން ޔޫއޭއީގެ އަބޫދާބީގައި ސައިޓްސިއިންގ އަދި ފެރީގެ ހިދުމަތް ފުޅާކޮށް ދެމުން އަންނަ ކުންފުންޏެކެވެ. ޖަލްބޫޓް 2013 ވަނަ އަހަރު ވުޖޫދަށް އައުމަށްފަހު މެރައިން ޓްރާންސްޕޯޓް އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި ހިދުމަތްދޭ އެއް ކުންފުނީގެ ގޮތުގައި ގާއިމުވެފައިވާއިރު އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކަށް ބޯޓު ކުއްޔަށްދިނުމުގެ ހިދުމަތްވެސް ޖަލްބޫޓްއިން އަންނަނީ ދެމުންނެވެ.
އެންމެ ފެންވަރު ރަނގަޅު ހިދުމަތްދޭ އެއް ކުންފުނީގެ ގޮތުގައި ފަހުރުވެރިވާ ޖަލްބޫޓްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ރަނގަޅަށް ތަމްރީނުވެފައިވާ މީހުންކަން އަބަދުވެސް އެ ކުންފުނިން ޔަގީންކުރާއިރު، ޖަލްބޫޓްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އަންނަނީ ދުނިޔޭގެ ފެންވަރުގައި އެކްރެޑިޓްކޮށްފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. ދުނިޔޭގެ ބާޒާރުގެ ވާދަވެރި މާހައުލުގައި ޔޫއޭއީގެ މެރައިން އިންޑަސްޓްރީ ކުރިއަރަމުން އައުމާއެކު، ޔޫއޭއީ ގެ ކަސްޓަމަރުންނާއި ބައިނަލްއަގުވާމީ ކަސްޓަމަރުންގެ މެދުގައި ޖަލްބޫޓްގެ މަގުބޫލުކަން ބޮޑުވެ، އެ ކުންފުނީގެ ހިދުމަތްތަކަށް ޑިމާންޑް ދަނީ އިތުރުވަމުންނެވެ. އަދި ޖަލްބޫޓްގެ ސަބްސިޑިއަރީ ކުންފުނިތައް ކަމަށްވާ ޖަލްބޫޓް މޯލްޑިވްސް އާއި ޖަލްބޫޓް މެރީނާސް އާއި ޖަލްބޫޓް މެރިން ސާވިސަސް އަދި އައި-ޔޮޓް މިޑަލް އީސްޓް ގެ އޮޕަރޭޝަންތައް ދުވަހުން ދުވަހަކަށް ދަނީ ފުޅާވަމުންނެވެ.
ސިންގް އެސްޓޭޓް އާއި ޖަލްބޫޓް އާ ދެމެދު ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ އަބޫދާބީ ގައި 3 ޖުލައި 2018 ގައެވެ. ޖަލްބޫޓް އަކީ ކަނޑުދަތުރުފަތުގެ އިދުމަތް ދިނުމާއި މެރީނާތައް ހިންގުމުގައި ތަޖުރިބާކާރު ކުންފުންޏަކަށް ވުމާއެކު، ކްރޮސްރޯޑްސް ގެ ކަނޑު ދަތުރުފަތުރުގެ ގިނަ އިންތިޒާމުތަކެއް ހަމަޖައްސާނީ ޖަލްބޫޓްގެ ފަރާތުންނެވެ. ކޮރޮސްރޯޑްސް ޓައުންޝިޕްގައި އެއްތަނަކުން ހުރިހާ ހިދުމަތެއްލިބޭފަދަ "ވަން ސްޓޮޕް ޝޮޕް" ރީޓޭލް ފިހާރައެއްވެސް ޖަލްބޫޓްގެ ފަރާތުން ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މިތަނުގައި އެކިއެކި ބޯޓުފަހަރުގެ އޭޖެންސީތަކާއި ސްޕެއާ ޕާޓްތަކާއި ބޯޓުތަކަށް ހާއްސަ ސްޕެޝަލިސްޓް ސަޕްލައިސް އާއި އިކުއިޕްމަންޓް ފޯރުކޮށްދޭ ޗާންޑްލަރީއެއް ހުންނާނެއެވެ. އަދި ޖަލްބޫޓް އިން ބާޒާރަށް ނެރޭ އެކިއެކި އުޅަނދުފަހަރު، އެ އުޅަނދުފަހަރަށް ނުގޮސް، އޭގެ ބޭރާއި އެތެރެ ބަލާލުމުގެ ފުރުސަތު ފަހިކޮށްދޭ ހާއްސަ ވަރޗުއަލް ޓުއާ ވީއާރު ލައުންޖް އެއްވެސް މި ރީޓޭލް ފިހާރައިގައި ހުންނާނެއެވެ.
ކްރޮސްރޯޑްސްގައި ގާއިމުކުރާ ލަގްޝަރީ ޔޮޓް މަރީނާ ހިންގުމުގެ އިތުރުން ލަގްޝަރީ ކްރޫޒް ގެ ހިދުމަތްވެސް ޖަލްބޫޓް ގެ ފަރާތުން އިންޓަގްރޭޓަޑް ރިސޯޓުގައި ދޭން ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖަލްބޫޓް އިން ދިނުމަށް ހަމަޖެހިފައި ހިދުމަތްތަކުގެ ތެރޭގައި މުޅިއެކު ހަ އުޅަނދު ބޭނުންކޮށްގެން:
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އާއި މާލެއާއި މާލެ ކައިރީގައިވާ ރަށްތަކަށް ފެރީގެ ހިދުމަތް
- ޔޮޓް ޗާޓަރުކުރުމުގެ ހިދުމަތް
- އެންމެ ޒަމާނީ ފެންވަރަށް ފަރުމާކޮށްފައިވާ އިލެކްޓްރިކް ދޯނީގައި ފަޅުތެރޭގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ހިދުމަތްވެސް ޖަލްބޫޓް އިން ދިނުމަށް
4،000 ފަސިންޖަރުން އުދުލޭ އުޅަނދުތަކެއް ގެންނާނެ
ޖަލްބޫޓް އިން ކްރޮސްރޯޑްސްގައި ބޭނުންކުރުމަށް ރާވާފައިވަނީ އެއާކޮންޑިޝަނިން ކޮށްފައި ހުންނަ، ދުވާލަކު 4000 ފަސެންޖަރުން އުފުލޭގޮތަށް ރާއްޖެއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ. އެގޮތުން ދެމެހެއްޓެނިވިގޮތެއްގައި މި ހިދުމަތް ދިނުމުގެ ވިސްނުން އިސްކޮށް، ޖަލްބޫޓް އިން ރާއްޖޭގައި ބޭނުންކުރާ ބޯޓުތަކުގައި:
- އާއްމުކޮށް ކަނޑު ބޯޓުފަހަރުގައި ބޭނުންކުރާ ބުރަފަތީގެ ސަބަބުން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ގެއްލުން ވުމުގެ ފުރުސަތު އޮތުމާއެކު ޖަލްބޫޓްގެ ބޯޓުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ މާހައުލާ ގުޅޭ ވޯޓަރ ޖެޓް ޕްރޮޕަލްޝަން ޓެކްނޮލޮޖީ
- ފުލް ސްކޭލް ސޯލާސް (އެސްއޯއެލްއޭއެސް) މިންގަނޑުގެ ފެސިލިޓީތައް
- އުޅަނދުގެ ލޮޅުން ކުޑަކޮށް ހަމަޖެހުން އިތުރުކުރުމަށް ހާއްސަ ކަޓަމަރާންގެ ފަރުމާ އުޅަނދުތަކުގައި ބޭނުންކޮށްފައި ހުންނާނެ
ދެރަށް ދޭތެރޭގައި ފޯރުކޮށްދޭން ހަމަޖެހިފައިވާ ދަތުރުފަތުރުގެ ހިދުމަތް ކަރަންޓުގެ ހަކަތަ ބޭނުންކޮށްގެން ދިނުމަށް ޖަލްބޫޓް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގައި މެރީނާ އަދި ޔޮޓްގެ މާކެޓް ކުރިއަށްއޮތްތާނގައި ފުޅާވުމުގެ އުއްމީދު ބޮޑުވުމުގެ ސަބަބުން، މަރީނާއާއި ޔޮޓް މެނޭޖްމަންޓްގެ ހިދުމަތަށް އެކަށީގެންވާވަރުގެ ބޮޑު އިންވެސްޓްމަންޓްއެއް ކުރުމަށް ޖަލްބޫޓް އިން އަމާޒުކުރެއެވެ. ޖަލިބޫޓް ގެ ފަރާތުން ކްރޮސްރޯޑްސް އަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ކުންފުނީގެ އައު ލަގްޝަރީ އުޅަނދުތައް ދައްކާލުމަށް ހާއްސަ ޝޯއެއް ބާއްވާނެއެވެ. މީގެ އިތުރުން ސެލެބްރިޓީ ޝެފުންނާއި މަޝްހޫރު ޑީޖޭއިން ބައިވެރިކޮށްގެން ރޭގަނޑުގެ ހާއްސަ ކެއުންތައްވެސް މެރީނާގައި ގާއިމުކުރެވޭ އަޕްސްކޭލް ބްރޯޑްވޯކްގައި ބާއްވަން ވަނީ ރޭވިފަ އެވެ.
"ޖަލްބޫޓް އާ އެކު މަސައްކަތްކުރުމަށް ވެވުނު މި އެއްބަސްވުމާމެދު ސިންގް އެސްޓޭޓްއިން ވަރަށް އުފާވޭ. އަޕްސްކޭލް ކަނޑުގެ ދަތުރުފަތުރާއި އެހެނިހެން ހިދުމަތްތަކުން މަރީނާއެއްގެ މުޅިން އައު ތަޖުރިބާއެއް އަހަރަމެންނަށް ފޯރުކޮށްދެވޭނެ. އަދި މިކަމަށްޓަކައި ޖަލްބޫޓް އަކީ ކްރޮސްރޯޑްސް އަށް ހަމަ އެންމެ ފުރިހަމަ ޕާޓްނަރު،" ސިންގް އެސްޓޭޓް ޕަބްލިކް ކޮމްޕެނީ ލިމިޓަޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަރިސް ޗޭކްލިން ވިދާޅުވި އެވެ.
ޖަލްބޫޓް ހޯލްޑިންގްސްގެ ސީއީއޯ މުހައްމަދު ރޮއެސްޓާލީ އާއި ގްރޫޕް ޗީފް ފައިނޭންޝަލް އޮފިސާ ތޮމަސް ރިބޮލިނީ ވިދާޅުވީ
ޖަލްބޫޓް އާއި ސިންގް އެސްޓޭޓްގެ ކްރިއޭޓިވް ޑީއެންއޭ ވަރަށް އެއްގޮތް. ސިންގް އެސްޓޭޓްއަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.
"އެ ކުންފުނިން ދިވެހިރާއްޖޭގެ ފުރަތަމަ މަރީނާއާއި އިންޓަރލިންކްޑް ރިސޯޓު މިވަނީ ގެނަސްދީފައި. ޖަލްބޫޓް އިންވެސް ވަނީ ޔޫއޭއީގެ ފުރަތަމަ ވޯޓަރ ޓްރާންސްޕޯޓް ނެޓްވޯރކް ގާއިމުކޮށްފައި. މިހާތަނަށް ދިވެހިރާއްޖޭގައި މީހުންނަށް ތަޖުރިބާ ނުކުރެވޭފަދަ އައު ކަންތައްތަކެއް މި ދެކުންފުނި އެކުގައި ކުރެވިދާނެ،" ސީއީއޯ މުހައްމަދު ރޮއެސްޓާލީ ވިދާޅުވި އެވެ.
ސިންގް އެސްޓޭޓް އާއި ޖަލްބޫޓް ގުޅިގެން ހިންގަންފަށާ މަރީނާއާއެކު ކްރޮސްރޯޑްސް މަރީނާގައި ޖަލްބޫޓްގެ ތަޖުރިބާކާރުންގެ އުކުޅުތައް ދިވެހިންނާ ހިއްސާކުރުމަށް ހާއްސަ ސްޓާޓް-އަޕް ގްރޫޕްއެއް ގާއިމުކުރަން ވަނީ ހަމަޖެހިފައެވެ. އަދި މި ސްޓާޓް-އަޕް ގްރޫޕެއްގެ އެހީގައި ދިވެހިރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ޖަލްބޫޓްއިން ވަނީ ރާވާފަ އެވެ.