މިއުޒިކް

ލަންޑަަންގައި ޑިޓިއުންއަށް ތައުރީފު!

ރާއްޖެ ތަމްސީލުކުރުމަށްޓަކައި މި މަހު 22 ގައި އިނގެރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދިޔަ މަޝްހޫރު ދިވެހި ބޭންޑް ޑިޓިއުންއިން އެ ގައުމުގައި ޕާފޯމްކޮށްފި އެވެ. މި ބޭންޑުން ޕާފޯމްކުރީ ލަންޑަންގެ ރޫތަމް ޕާކުގައި، ބޮޑު ކްރައުޑަކާއެކު ބޭއްވި ޝޯއެއްގަ އެވެ.

ޑިޓިއުންއާއެކު ލަންޑަންގެ ނަން ހިނގާ މަޝްހޫރު ބައެއް ބޭންޑުތަކާއި ސޯލޯ އާޓިސްޓުންވެސް ވަނީ ޕާފޯމްކޮށްފަ އެވެ. ނަމަވެސް އެންމެ ގިނަ ބައެއްގެ ތައުރީފު އޮހިގެންދިޔައީ ޑިޓިއުން އަށެވެ. އިނގެރޭސިވިލާތުގެ ގިނަ މަހުޖަނުންތަކެއް ބައިވެރިވި މި ޝޯގައި، އެމީހުންވެސް އެންމެ ގިނަ ތައުރީފުކުރީ ޑިޓިއުން އަށެވެ.

"ވަރަށް ކާމިޔާބު ޝޯއެއް ދެވިއްޖެ، ރާއްޖެ ތަމްސީލުކުރަން ފުރުސަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއް، އަހަރެމެންނަށް ސަޕޯޓުކުރި އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޑިޓިއުންގެ ފޭސްބުކް ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ މުއްސަނދި މަހުޖަނުންނާއި ދައުލަތުގެ އިސް ބޭފުޅުން ބައިވެރިވި ޝޯއަކަށްވުމުން ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން އެ ޝޯގައި ވީޑިއޯ ރެކޯޑުކުރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް އެ ބޭންޑުން އެ ޝޯގައި ދައްކާލި ޕާފޯމަންސްގެ ވީޑިއޯ ފުޓޭޖެއް އާންމުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި އިވެންޓް މެނޭޖަރާއި ވާހަކަދައްކަމުން އަންނަކަމަށް އެ ބޭންޑުންގެ ބުންޏެވެ.

މި ބޭންޑް އެނބުރި ރާއްޖެ އަންނަނީ މި މަހު 30 ގަ އެވެ.

ރާއްޖެ ތަމްސީލުކުރުމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޑިޓިއުން އިން ވަނީ ޖަރުމަނުގެ ވެރިރަށް ބާލިންގައި އޮތް އައިޓީބީ ޓޫރިޒަމް ފެއާގައިވެސް ޕާފޯމްކޮށްފަ އެވެ. ޑިޓިއުން ބޭންޑަކީ ދިރާގުގެ ބްރޭންޑް އެމްބަސޭޑަރެއްވެސްމެ އެވެ. މި ބޭންޑުން ވަނީ މިހާތަނަށް އެއް އަލްބަމް ނެރެފަ އެވެ. އަދި ދެ ވަނަ އަލްބަމެއްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި އަހަރު 12 އަހަރު ފުރޭނެ މި ބޭންޑުން އަންނަނީ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަަގަކުރުމަށްޓަކައި ގްރޭންޑް ޝޯއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މި ޝޯ އޮންނާނީ އަންނަ ނޮވެމްބަރު މަހުގައި މެދު ތެރޭގައި އޮލިމްޕަސް ސިނަމާގަ އެވެ.