ހަބަރު

ގެއްލިގެން ހޯދި ނަޝްފާ އެފްސީޕީޑީއަށް ހާޒިރުވެއްޖެ

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި އަންހެން ކުދިންތަކެއްގެ ބުލީގެ ޝިކާރައަކަށްވީ އަންހެން ކުއްޖާ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް، އެފްސީޕީޑީ މިރޭ ހާޒިރުވެއްޖެ އެވެ.

ފުލުހުން ބުނީ، ހޯދަމުންދާ ގދ.ތިނަދޫ / އާބާދުވާދީ، ނަޝްފާ ހަސަން (15އ) މިރޭ 6:50 އެހާއިރު އެފްސީޕީޑީއަށް އަމިއްލަ އަށް ހާޒިރުވެފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ.

އެކުއްޖާ ގެއްލިގެން އާއިލާއިން ހޯދަން ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް އެމައްސަލަ ފުލުހަށް ހުށަހަޅާފައިނުވާ ކަމަށް އެއިދާރާއިން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ތިން އަންހެން ކުދިން ވެގެން އެއް އަންހެން ކުއްޖެއްގެ މޫނުމަތީ ޖަހައި، ކޮއްޕައި އަދި ހުތުރު ބަހުން އެއްޗެހި ކިޔާ ހަދާތަން ފެނެ އެވެ.

އެނގިފައިވާ ގޮތުގައި އެ ވީޑީއޯ އަކީ މިދިޔަ މޭމަހު ނަގާފައިވާ ވީޑިއޯ އެކެވެ. އެ ވީޑިއޯ އާންމުވުމާ ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ވީޑިއޯ އާންމުވުމާއެކު އެތަށް ބައެއްގެ ފާޑު ކިޔުން ބުލީ ކުރާ ކުދިންނަށް ވަނީ އަމާޒުވެފަ އެވެ. އަދި އެ ފަދަ މައްސަލަތައް ޖެންޑާ މިނިސްޓްރީ ފަދަ މުއައްސަސާތަކުން ނުބަލާ ކަމަށް ބުނެ ވެސް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.