ހަބަރު

ބުރާސްފަތި ދުވަހު ބްރިޖު ހުޅުވާ، ކައިވެންޏަށް ތައްޔާރު ވަނީ!

Aug 27, 2018
28

މާލެއާއި ހުޅުލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖު އަންނަ ބުރާސްފަތި ދުވަހު ހުޅުވައި، ބްރިޖު މަތީ ފުރަތަމަ ކައިވެނި ޕާޓީ ބޭއްވުމުގެ ތައްޔާރީތައް ހައުސިން މިނިސްޓްރީ އިން ވާން ފަށައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ މިމަހުގެ ނިޔަލަށް ބްރިޖު ހުޅުވާނެ ކަމަށް ވިދާޅުވެފަ އެވެ. އިތުބާރު ހުރި ގޮތަކަށް "އަވަސް"އަށް ކަށަވަރުވެފައިވާ ގޮތުގައި އަންނަ ބުރާސްފަތި ދުވަހުގައި ބްރިޖު ހުޅުވުމަށް ވަނީ ނިންމައިފަ އެވެ. އަދި މިހާރު ކުރިޔަށް ދަނީ ބްރިޖު ހުޅުވުމަށް ފަހު ބާއްވާ ކައިވެނި ހަފްތާއަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.

އެނގިފައިވާ ގޮތުގައި ބްރިޖު ހުޅުވާ ހަފްލާ ވަރަށް ކުލަ ގަދަކޮށް ބޭއްވުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. އެމްއެންޑީއެފް އިން އަންނަނީ ބޮޑުތަކުރުފާނު މަގު ދަރުބާރުގެއާ ދިމާލުން ބަންދު ކޮށްގެން ބްރިޖުގެ ހަފްލާގައި ހަވާ އެރުވަށް ތައްޔާރުވަމުންނެވެ. އަދި ކައިވެނި ހަފްލާ ބޭއްވުމަށާއި ސްޓޭޖު ތައްޔާރުކޮށް އެކަމާ ގުޅުން ހުރި އެހެން މަސައްކަތްތައް ވެސް ހައުސިން މިނިސްޓްރީ އިން މިވަގުތު އަންނަނީ ކުރަމުންނެވެ.

ބްރިޖު މަތީ ކުރާ ކައިވެނީގެ ބޮޑު ހަރަދެއް ސަރުކާރުންކޮށްދޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އަދި އެ ފުރުސަތަށް އެދި އެތައް ބަޔަކު ވަނީ ފޯމް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ބްރިޖު މަތީ ކައިވެނި ކުރާ މީހުންގެ ސީދާ އަދަދެއް ހައުސިން އިން އަދި ހާމައެއް ނުކުރެ އެވެ.

ޗައިނާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ބްރިޖު ބުރާސްފަތި ދުވަހު ހުޅުވާއިރު ހުކުރު ދުވަހު ބްރިޖު މަތީ ބައިސްކަލު ދުއްވުމުގެ ހަރަކާތެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ. ބްއިކް މޯލްޑިވްސް އާއި ހައުސިން މިނިސްޓްރީ ގުޅިގެން ބާއްވާ އެ ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.