ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ރެއާލް މެޑްރިޑް ލީގްގައި ކުޅުނު ދެ ވަނަ މެޗުގައި، ކަރީމް ބެންޒެމާ އާއި ގެރެތު ބޭލްގެ ލަނޑުތަކުން 4-1 ން ޖިރޯނާ އެފްސީގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ.
ވަރުގަދައަށް ޕްރެސްކޮށްގެން ކުޅޭ ޖިރޯނާ އަތުން މިދިޔަ ސީޒަންގެ ފުރަތަމަ ހާފުގައި ރެއާލް ވަނީ ބަލި ވެފަ އެވެ. ރޭގެ މެޗުގައިވެސް ފުރަތަމަ ލީޑް ނެގީ، އެ ޓީމުންނެވެ. މެޗުގެ 16 ވަނަ މިނެޓްގައި، އެ ޓީމަށް ލީޑް ނަގައިދިނީ ބްރޮހާ ގާސިއާ އެވެ.
ލަނޑަށް ފަހު، ޖިރޯނާއިން ވަނީ ހަމަލާ އުފެއްދުމަށް ރެއާލުން ކުރި މަސައްކަތަށް ހުރަސް އަޅާފަ އެވެ. ވަރުގަދައަށް ޕްރެސްކޮށްގެން ކުޅުމުން ރެއާލު އުފައްދާ ޕާސްތައް އަނބުރާ ހޯދުމުގައި ޖިރޯނާގެ ކުޅުންތެރިން ވަނީ ކާމިޔާބު ހޯދާފަ އެވެ.
ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ލިބުނު ޕެނަލްޓީ އެއްގައި ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. ޖިރޯނާގެ ޕެނަލްޓީ އޭރިއާ ތެރެއިން މާކޯ އެސެންސިއޯއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީގައި، ރާމޯސް ވަނީ ޖިރޯނާގެ ކީޕަރު ނުބައި ފަޅިއަށް ފޮނުވާލައި ގޯލްގެ މެދަށް ބޯޅަ ވައްދާލާފަ އެވެ.
ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓްގައި ރެއާލް ލީޑް ނެގީވެސް އެސެންސިއޯ އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެއްގަ އެވެ. މިފަހަރު ޕެނަލްޓީ ކާމިޔާބު ކުރީ ބެންޒެމާ އެވެ.
މެޗުގެ 59 ވަނަ މިނެޓްގައި، ބޭލް ވަނީ އިސްކޯ ދިން ފުރުސަތެއްގައި ލީޑް ނަގާފަ އެވެ. އިސްކޯ ވަރަށް ބަލާލާފައި ބޭލްއަށް ބޯޅަ ދިނީ ރަނގަޅު ދިމާލަށް ބޭލް ހުސްވާން ދިއުމުންނެވެ. ބޯޅަ ކާމިޔާބު ކުރުމުގައި ބޭލްގެ ސްޕީޑް މުހިންމު ދައުރެއް އަދާ ކުރި އެވެ. ސްޕީޑް ބޭނުން ކޮށްގެން ބޯޅަ ހޯދައި އޭރިއާ ތެރެއަށް ވަދެ، އޭނާ ގޯލަށް ބޯޅަ ފޮނުވާލީ ޖިރޯނާގެ ކީޕަރު ޔާސީން ބޮނުއޫ އަށްވެސް ފުރުސަތު ނުދީ އެވެ. ލީގްގައި ކުޅުނު ދެ މެޗުގައިވެސް ބޭލް ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ހަތަރު ވަނަ ލަނޑު ބެންޒެމާ ކާމިޔާބު ކުރީ މެޗުގެ 80 ވަނަ މިނެޓްގައި ބޭލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން، ރެއާލްގެ ކޯޗް ހުލެން ލޮޕެޓެގީ ބުނީ، ޖިރޯނާއިން ލީޑް ނެގި ނަމަވެސް ރެއާލްއަށް ނަތީޖާ އަނބުރާ ލެވުނީ ރަނގަޅު ވިސްނުމެއްގައި ކުޅުންތެރިން ތިބުމުން ކަމަށެވެ.
ރެއާލްގެ ވައިސް ކެޕްޓަން މާސެލޯ ބުނީ، ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ނެތްނަމަވެސް ބޭލް އާއި ބެންޒެމާގެ ކުޅުން ބަރާބަރު ކަމަށެވެ.