ޗެލްސީ

ބެނިޓޭޒް އަހަރެން ހައިރާން ކޮށްލައިފި: ސާރީ

ނިއުކާސަލް ޔުނައިޓަޑްގެ ކޯޗް ރަފާ ބެނިޓޭޒް ގެންގުޅުނު ޓެކްޓިސް ފެނިފައި އޭނާ ހައިރާންވެއްޖެ ކަމަށް، ރޭ ނިއުކާސަލް އަތުން ފަހު ވަގުތު 2-1 ން މޮޅުވި ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފި އެވެ.

މެޗު 1-1 ން އެއްވަރުވާން ދަނިކޮށް، ޗެލްސީ މޮޅުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ނިއުކާސަލްގެ ޑިފެންޑަރު ޑިއަންޑްރޭ ޔެލްޑިން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މެޗުގައި، ނިއުކާސަލްގެ ގޯލް ފޫއަޅުވާލުމުގައި ޗެލްސީއަށް ވަރަށް ބޮޑަށް އުނދަގޫ ކުރިމަތިވި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 75 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޑެން ހަޒާޑް އެވެ. އެ ޕެނަލްޓީއަކީ، ނިއުކާސަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ފެބިއަން ޝާރ ޗެލްސީގެ މާކޯ އެލަންސޯއަށް ފައުލު ކުރިކަމަށް ބަލައި ދިން ޕެނަލްޓީ އެކެވެ.

ސާރީ ބުނީ، މެޗަކީ ވަރަށް އުނދަގޫ ގޭމެއް ކަމަށެވެ. ނިއުކާސަލްއިން ވަރުގަދައަށް ވިއްދައިގެން ކުޅުމުން ޗެލްސީގެ ކުޅުންތެރިންނަށް ޖާގަ ހޯދައިގެން ކުޅެން އުނދަގޫވި ކަމަށް އޭނާ ބުންޏެވެ.

"އިޓަލީގައި ބެނިޓޭޒް ފަސް ޑިފެންޑަރުން ބޭނުން ކުރަނިކޮށް އަހަރެން ނުދެކެން، އެހެންވެ (މި މެޗުގައި ފަސް ޑިފެންޑަރުން ބޭނުން ކުރުމުން) ފުރަތަމަ ކޮޅު އަހަރެން ވަރަށް ބޮޑަށް ހައިރާންވި." ކުރިން އިޓަލީގެ އިންޓަމިލާން އާއި ނަޕޯލީއަށް ކޯޗު ކޮށްދިން ބެނިޓޭޒްއާ ބެހޭގޮތުން ސާރީ ބުންޏެވެ.

ނިއުކާސަލްގެ ލަނޑު، މެޗުގެ 83 ވަނަ މިނެޓްގައި ހޮސެލޫ ކާމިޔާބު ކުރީ ޔެލްޑިން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.