ސިނަމާލޭ ބްރިޖުގައި ބައިސްކަލު ދުއްވުމުގެ ފުރުސަތު ލިބޭ ހާއްސަ ހަރަކާތެއް ބޭއްވުމަށް ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.
ބައިކް މޯލްޑިވްސްގެ ސީއީއޯ އަހުމަދު ހުސެއިން ދީދީ "އަވަސް"އަށް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ދައުވަތަކަށް އެ މިނިސްޓްރީއާ ގުޅިގެން ބްރިޖު މަތީގައި ބައިސްކަލު ދުއްވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އެ ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 6:00 އަކުން 9:00 އަށް ކަމަށެވެ. އެގޮތުން މާލެއިން ހުޅުލެއަށް ބައިސްކަލުގައި ދުއްވާފައި ދިޔުމަށް ފަހު، ހުޅުލެއިން މާލެއަށް އަނބުރާ އަންނާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.
"ހުޅުމާލެއިން ވެސް ޖޮއިން ކުރާ ގޮތަށް އަޅުގަނޑުމެން އޮންނާނި ރާވާފައި، ފޮޓޯ ސެޝަންތަކާއެކު ވަރަށް ފޯރީގައި ކުރިޔަށް ދާނެ،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ އެ ހަރަކާތުގައި 200-300 އެއްހާ މީހުން ބައިވެރިވާނެ ކަމަށް ލަަފާ ކުރެވޭ ކަމަށާއި އެ ހަރަކާތުގައި ބައިވެރުވުމަށް ކުރަން ޖެހޭ ކަންކަމުގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށެވެ. އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަމިއްލަ ބައިސްކަލެއް ގެންނަން ޖެހޭނެ ކަމަށާއި ނަމަވެސް ސިޓީ ރައިޑް ކުންފުނިން ވެސް ބައިސްކަލު ކުއްޔަށް ދިނުން އެތަނުގައި އޮންނާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.
ކުލަ ގަދަ ހަފްލާއަކާއެކު ބްރިޖު ހުޅުވަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގަ އެވެ.