ހަބަރު

ރާއްޖެ ހިފަން ގޮވާލި ގޮވާލެއްވުން ސުބްރަމާނިއަން ދިފާއު ކުރައްވައިފި

Aug 27, 2018
18

ރާއްޖެ ހިފަން ޖެހޭ ކަމަށް ބުނެ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީއަށް ނިސްބަތްވާ ގާނޫނު ހަދާ މަޖިލިސް މެންބަރު، ސުބްރަމާނިއަން ސުވާމީ ވިދާޅުވުމުން އެކަމާ މެދު އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދަނިކޮށް އެ ވާހަކަތައް އޭނާ ދިފާއު ކުރައްވާ އަނެއް ވެސް ވާހަކަ ދައްކަވައިފި އެވެ. އޭނާ ކުރިން ވިދާޅުވި ވިދާޅުވުން ދިފާއުކުރައްވައި ރާއްޖެއާ މެދު މިފަހަރުވެސް ވަނީ ހަރުކަށި ބަސްފުޅުތަކެއް ވިދާޅުވެފަ އެވެ.

އިންތިހާބު އޮޅުވާލައިފި ނަމަ ރާއްޖެ ހިފުމަށް ގޮވާލުމަކީ މާބޮޑުވަރު ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ރައްދުދެއްވަމުން ސުބްރަމާނިއަން މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ 1988 ވަނަ އަހަރު ސްރީލަންކާގެ ޓެމިލް ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ "ޕްލޮޓް" އިން ރާއްޖެ ހިފުމުން އިންޑިއާއިން ރާއްޖެއަށް އަތްގަދަކޮށް އޭރުގައި އޮތް ވެރިކަން ދަމަހައްޓައިދިން ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގައި މަސައްކަތް ކުރާ އިންޑިޔާ މީހުން ރާއްޖެއިން ބޭރުވުމަށް އަންގަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުން ރިޔާސީ އިންތިހާބު އޮޅުވާލައިފި ނަމަ ރާއްޖެ ޓެރަރިސްޓު ޖަމާއަތަކަށް ވެދާނެ ކަމަށް ސުބްރަމާނިއަންގެ އެ ޓްވީޓްގައި ސިފަކުރެއްވި އެވެ.

ސުބްރަމާނިއަން ކުރެއްވި ޓްވީޓު

ރާއްޖެ ހިފާ ވާހަކަޔާ ގުޅިގެން އިންޑިއާގެ ހާރިޖިއްޔާއިން ބުނީ، އެއީ ވަކި ފަރުދެއްގެ ހިޔާލެއް ކަމަށާއި އިންޑިޔާ ސަރުކާރުން އެފަދަ ފިޔަވަޅެއް ނާޅާނެ ކަމަށާއި ރާއްޖެ ހިފުމަކީ އެ ގައުމުން ކުރާނެ ކަމެއް ނޫން ކަމަށެވެ. ސުބްރަމާނިއަން މިފަދަ ވާހަކަތަކެއް ރާއްޖެއާ މެދު ދައްކަވަން ފެއްޓެވީ ސްރީލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމަކަށް ފަހު އެވެ. އެކަމާ ގުޅިގެން ސަރުކާރާއި ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބޭފުޅުންގެ ހަމަލާތައް އެމްޑީޕީ އަށާއި ރައީސް ނަޝީދަށް ވަނީ އަމާޒު ކުރައްވައިފަ އެވެ. އަދި ސުބްރަމާނިއަމްގެ ވާހަކަތައް ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުވެސް އޭނާގެ ވާހަކަތައް ކުށްވެރި ކުރައްވާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ވުރެ މުހިންމު ކަމެއް ނޯންނާނެ ކަމަށާއި ޖަޒުބާތުގައި ނަމަވެސް ގައުމުގެ މިނިވަންކަން ގެއްލިގެން ދާފަދަ ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަން އިބޫ ކުށްވެރި ކުރެއްވީ އެކަމުގައި އޭނާ ހަނު ހުންނަވާތީ ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އެވެ.

އެ މައްސަލަ ފެންމަތިވެފައިވާ ވަނިކޮށް، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވަނީ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފަ އެވެ.