ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ފަހިކޮށްދިނުމާ ގުޅޭ މަޝްވަރާތަކެއް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.
މިނިސްޓްރީން މިއަދު ވަނީ ގައުމީ ޔުނިވަސިޓީއާއި އައިޖީއެމްއެޗްގެ ބައެއް އިސް ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ. ހެލްތު މިނިސްޓަރު ނާޒިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމާ ގުޅޭގޮތުން އެ މިނިސްޓްރީން މިއަދު ބުނީ، މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ނަރުހުންނާ ބެހޭ އާ އޮނިގަނޑުގެ ދަށުން ޑޮކްޓަރުންނެކޭ އެއްގޮތަށް ނަރުހުންނަށް ވެސް ވަޒީފާގައި ތިބެގެން މަތީ ތައުލީމަށް އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަލަށް ތަމްފީޒުކުރަން ފަށާފައިވާ ނަރުހުންގެ އޮނިގަނޑުގައި މައިގަނޑު ހަތަރު ކަމެއް ހިމަނާފައިވެ އެވެ.
އެގޮތުން މުވައްޒަފުގެ ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ޕްރޮމޯޝަން ލިބޭ ގޮތަށާއި، ނާސިން ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމުން އެ ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ފުރުސަތު ފަހިކޮށްދިނުމަށް ހިމަނާފައިވެ އެވެ. އަދި ނަރުހުންގެ ދާއިރާއަށް ހާއްސަ ނަރުހުންގެ ހިދުމަތް ތައާރަފްކުރުމާއި ޖެނެރަލް އަދި ސްޕެޝަލިޓީ ދާއިރާތަކުން މަގާމުގެ ޕްރޮމޯޝަން ދޭ އުސޫލުތަކަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ.
އާ އޮނިގަނޑުގެ ދަށުން މިއަދު ފަށާފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓްރީން މިއަދު ބުނީ، ސިއްހީ ދާއިރާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދާއިރާ އަށް ގާބިލު މީހުން އިތުރުކުރުމަށް ޑޮކްޓަރުންނެކޭ އެއްގޮތަށް ނަރުހުންނަކީ ވެސް މަސައްކަތުގެ މާހައުލުގައި ތައުލީމާއި ތަމްރީން ދިނުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.
ވަޒީފާގައި ތިބެގެން ބޭރު ގައުމުތަކަށް ނުވަތަ ސްކޮލާޝިޕްތަކުގައި ކިޔެވޭނެ ފުރުސަތު މިހާތަނަށް ނަރުހުންނަށް ފަހިކޮށްދީފައެއް ނުވެ އެވެ. ނަމަވެސް ޑޮކްޓަރުންނަސް އެފަދަ ފުރުސަތުތައް 2015 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދަނީ ފަހިކޮށްދެމުންނެވެ.