ދުނިޔެ

ސައުދީ ތެޔޮ ކުންފުނީގެ ހިއްސާ ވިއްކުން ރަސްގެފާނު ހުއްޓުވައިފި

Aug 28, 2018

ރިޔާދު (އޯގަސްޓް 27) - ސައުދީ ސަރުކާރުގެ މައި ތެޔޮ ކުންފުނި އަރަމްކޯގެ ހިއްސާ އާންމުންނަށް ވިއްކުން، ރަސްގެފާނު ސަލްމާން ހުއްޓުވައިފި އެވެ.

ސަތޭކަ ބިލިއަން އެމެރިކާ ޑޮލަރުގެ އަގަށްވާ އަރަމްކޯގެ ފަސް ޕަސަންޓް ހިއްސާ ދުނިޔޭގެ ހިއްސާ ބާޒާރަށް ހުޅުވާލުމަށް ވަލީއަހްދު މުހައްމަދު ބިން ސަލްމާން އިސްވެ މަސައްކަތް ކުރަން ފެށީ މީގެ އެއް އަހަރު ކުރިންނެވެ. އެކަމުގެ މަޝްވަރާތައް ބައިނަލްއަގުވާމީ ބޭންކުތަކާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ވެސް ވަނީ ކުރެވިފަ އެވެ.

ސައުދީގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެނައުމަށް ވިސްނައިގެން ހިއްސާ ވިއްކުން ހުއްޓުވާފައިވަނީ ސައުދީ ރަސްގެފާނުގެ ސީދާ އެންގެވުމަށް ކަމަށް، ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސްގައި ރިޕޯޓުކޮށްފައިވެ އެވެ.

ރަސްގެފާނުގެ މި ނިންމެވުމަކީ ދަރިކަލުން މުހައްމަދު ބިން ސަލްމާންގެ ބާރު ހަނިކުރެއްވުމަށް ނިންމެވި ނިންމެވުމެއްގެ ގޮތުން ތަޖުރިބާކާރުން ވަނީ ސިފަކުރައްވާފަ އެވެ. ނަމަވެސް، އަރަމްކޯގެ ހިއްސާ ދުނިޔޭގެ ބާޒާރަށް ހުޅުވާލައިފިނަމަ، އެ ކުންފުނީގެ މާލީ ހާލަތު ހާމަކުރައްވަން ރަސްގެފާނު ބޭނުންފުޅު ނުވަނީކަމަށް ވެސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ރޮއިޓާސްގެ ރިޕޯޓު ސައުދީ ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. ސަރުކާރުން ބުނަނީ ހިއްސާ ނުވިއްކަން ނިންމާފައިނުވާކަމަށާއި، އެކަން ކައިރި މުސްތަގުބަލެއްގައި ކުރާނެ ކަމަށެވެ.