ވިޔަފާރި

ފިނި މޫސުމަށް އެއާލައިންތައް އިތުރުވާނެތީ އެއާޕޯޓްގެ ޖާގަ ބޮޑު ކުރަނީ

ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެ އަށް އާ އެއާލައިންއެއްގެ ދަތުރުތައް ފަށައި، ބާރު ބޮޑުވާނެތީ ޓާމިނަލްގެ ޖާގަ ބޮޑު ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފަށައިިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގެ އާ ރަންވޭގެ ހުޅުވުމުގެ ތައްޔާރީތަކާ ބެހޭ ގޮތުން، މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ފިނި މޫސުމަށް ގިނަ ފްލައިޓްތަކެއް އިތުރުކޮށް، ބާރު ބޮޑު ވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ވަރަށް ގިނަ ފްލައިޓްތަކުގެ ފްރިކުއެންޓް އިތުރުކޮށްފި. މިސާލަކަށް ޔޫރަޕުން އަންނަ އޭރޯ ފްލައިޓްވެސް ވަނީ ޑެއިލީއަކަށް ބަދަލުކޮށްފަ. ގަތަރު އެއާލައިންސްއާއި އެއާލައިންތައް އެޑިޝަނަލް މޫވްމަންޓެއްވެސް އެބަ އިތުރުކުރޭ. އެހެންވެ އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ސީޒަންއަކީ މިދިޔަ ސީޒަންއަށްވުރެ ވެސް އިތުރުވާނެ ކަމަށް،" އާދިލް ވިދާޅުވި އެވެ.

ޗެކިން ކައުންޓަރުތައް އިތުރުކުރާނެ

ވީއައިއޭ އާރަންވޭ މަތީގައި ބޭއްވި ނިއުސް ކޮންފަރެންސުގައި "އަަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާދިލް ވިދާޅުވީ ސީޒަނަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ޗެކިން 10 ކައުންޓަރު ހަދަމުންދާ ކަމަށެވެ.

"ޗެކިން ކައުންޓަރުތައް ހެދުމުގެ މަސައްކަތްވެސް އިތުރުކޮށް ނިމޭނެ. އެހެންވެ އާ ރަންވޭ ނިމުމުގެ ކުރިންވެސް ޑިމާންޑް އެބައޮތް. ޕާކިން އޭރިއާ ވެސް ނިމުމާއެކު އިތުރު އެއާލައިންތަކެއް ދަތުރު ކުރަން ފަށާނެ،" އާދިލް ވިދާޅުވި އެވެ.

ޓޫރިޒަމްގެ މައި ސީޒަން ފެށިގެން ދާނީ ޑިސެމްބަރު މަހުން އެޕްރީލް މަހުގެ ނިޔަލަށެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އާއަހަރުގެ ޗުއްޓީއާ ދިމާކޮށް، 38 ޕްރައިވެޓް ޖެޓް ވީއައިއޭގައި ބާއްވާފައިވެ އެވެ. މިއީ ކުރީ އަހަރާ އަޅާ ބަލާއިރު 35 ޕަސެންޓުގެ އިތުރުވުމެކެވެ.