ހަބަރު

ރައީސް ޔާމީންގެ މަންމާފުޅުގެ ރަށް، ވެލިދޫއިން ހޫނު މަރުހަބާއެއް

Aug 28, 2018
3

ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅުގެ އުފަން ރަށް ނ. ވެލިދުއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި
އެވެ.

ރައީސް އަބްދުﷲ ޔާމީން ވެލިދުއަށް ވަޑައިގެންނެވީ، މިރޭ 8:30 އެހާކަންހާއިރު އެވެ. ރައީސް އަބްދުﷲ ޔާމީންއަށް މަރުހަބާ ދެންނެވުމަށް ރަށުގެ ބަނދަރު ސަރަހައްދު އޮތީ ފިޔާތޮށި ކުލައިގެ ދިދައިންނާއި ޕޯސްޓަރުތަކުން ޖަރީކޮށްފަ އެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކުދިބޮޑު އެންމެން ވެސް ބަނދަރު މައްޗަށް ޖަމާވި އެވެ. އެމަނިކުފާނު ބަނދަރަށް ފައިބާ ވަޑައިގަތުމާ އެކު، "ރައީސް ޔާމީން 2018" އޭ ހަރުއަޑުން ގޮވާލައި އެމަނިކުފާނަށް ފޯރީގައި ވެލިދޫއިން މަރުހަބާކިޔެވެ.

އެމަނިކުފާނު ގިނަ އިރުވަންދެން އާންމުންނާ ސަލާމް ކުރައްވަން ހޭދަކުރެއްވުމަށް ފަހު ދެން ވަޑައިގެން، ދެ މަޝްރޫއެއްގެ ނިމުން ރައީސް ވެލިދޫގައި ފާހަގަކުރެއްވި އެވެ. އެގޮތުން ވެލިދޫގެ ނަރުދަމާ އާއި ފެނުގެ ނިޒާމުގެ ނިމުން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވާހަކަފުޅު ދެއްކެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ވެލިދޫއަކީ އެމަނިކުފާނު އެންމެ ލޯބިވާ ރަށް ކަމަށާއި އެ މަނިކުފާނަށް އަބަދުވެސް ވެލިދޫއިން ހާއްސަ މަރުހަބާއެއް ކިޔާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު މަޖިލީހުގައި ހޭދަކުރެއްވި ދުވަސްތަކުގެ ތެރެއިން އެންމެ ފަހު ދައުރު ފިޔަވާ ހުރިހާ ދައުރެއް ހޭދަ ކުރެއްވީ ވެލިދޫ ނިސްބަތްވާ، ނ އަތޮޅުގެ މެންބަރުކަން ކުރެއްވުމުގައި ކަމަށެވެ. އެހެން ކަމުން އެމަނިކުފާނާ ވަރަށް ގާތްގުޅުމެއް އަބަދުވެސް ވެލިދޫ ރައްޔިތުންނާ އެކު އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ވެލިދުއަކީ 24 ގަޑިއިރު ކަރަންޓް ދެވުނު ފުރަތަމަ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށެވެ. އަދި އެކަން ކުރެވުނީ، އެމަނިކުފާނު ސްޓެލްކޯގެ ޗެއާމަނަކަށް ހުންނެވި ދުވަސްވަރު ކަމަށާއި، އެކަމާ ގުޅިގެން އެމަނިކުފާނަށް ސުވާލު އައި ކަމަށެވެ. އަދި ރައީސް ވިދާޅުވީ އެމަނިކުފާނު ލޯބިވާ އަޅާލުން ބޮޑު ރަށަކަށް ކަންކަން ކޮށް ދިނުމަށް ޝައުގުވެރިކަން ހުންނާނެ ވެސް ކަމަށެވެ.

"އަޅުގަނޑު މި ރަށަށް އައުމުން ކުރެވެނީ އަބަދުވެސް އުފާވެރިކަމުގެ އިހުސާސެއް. އެދެނީ މި ރަށުން ތިޔަ އަޅުގަނޑަށް ދެއްވާ ލޯބި ވޯޓަށް ބަދަލުކޮށްދެއްވުން. ސެޕްޓެމްބަރު 23 ގައި އެކަން އަޅުގަނޑުމެންނަށް ދެއްކުން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް މި ހަފްތާ ބަންދުން ފެށިގެން، ނ އަތޮޅާއި ރ އަތޮޅަށް އަންނަނީ ކެމްޕޭން ދަތުރުފުޅެއް ކުރައްވަމުން އެވެ. އެ ދަތުރުފުޅުގައި މިހާތަނަށް 10 ރަށަށް ވަނީ ވަޑައިގެންފަ އެވެ.