ފަސް އަހަރުގެ އިތުރު ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، ނ. އަތޮޅުގައި އިތުރު އެއާޕޯޓެއް ހައްދަވާނެ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ. އެފަދަ އިޝާރާތެއް ރައީސް ކުރެއްވީ، ރޭ ނ. ވެލިދޫގައި ވާހަކަފުޅު ދައްކަވަމުން އެވެ.
ވެލިދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ރޭ ވިދާޅުވީ، ވެލިދޫއާ ކައިރި އޮންނަ ފިނޮޅެއް ކަމަށްވާ، "ވިހަފަރަށް" ފްލައިޓްގައި އައިސް ނުޖެެއްސެންވީ ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނުގެ އުންމީދަކީ އިތުރު ފަސް އަހަރު ލިބިވަޑައިގެންފި ނަމަ ވެލިދޫއަށް ވަޑައިގަންނަވާއިރު އެތަނަށް ފައިބައި ވަޑައިގަތުން ކަމަށެވެ. އެހެން ނަމަވެސް، ސީދާ އެއާޕޯޓްގެ ވާހަކައެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ. އަދި އެމަނިކުފާނަށް ވިހަފަރުން މަރުހަބާ ދަންނަވަން ވެލިދޫގެ ރައްޔިތުން ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ވިހަފަރަކީ ވެލިދޫއިން ސްޕީޑް ލޯންޗެއްގައި ފުރައިގެން ފަސް މިނަޓަށް ވުރެވެސް މަދުވަގުތުކޮޅެއްގައި ދެވޭ ހިސާބު ކައިރީގައި، ބޮޑު ފަޅެއްގެ ތެރޭގައި އޮންނަ ކުޑަކުޑަ ފިނޮޅެކެވެ. އެކި ބޭނުންތަކަށް އެތަނުން މީހުން ވެލި ނެގުމުގެ ސަބަބުން އެ ފިނޮޅު ވަނީ ވަރަށް ބޮޑަށް ގިރައިގެން ގޮސް، ކުޑަވެފަ އެވެ. އެހެން ނަމަވެސް ދަތުރު ދިޔުން ފަދަ ކަންކަމަށް ބައެއް ފަހަރު އެ ތަން ބޭނުން ކުރެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވި އިރު، މީގެ ކުރިން ރައީސް ޔާމީން ވެލިދޫއަށް ވަޑައިގަތުމުން އެރަށާ ކައިރި ހިސާބެއްގައި އެއާޕޯޓެއް އެޅުމަށް ރައީސްއަށް ވަނީ އެ ރަށުގެ ރައްޔިތުން ދަންނަވައިފަ އެވެ. ޔޫއޭއީގެ ޝާހީ އާއިލާއިން ނ. މާފަރުގައި ތަރައްގީ ކުރި އެއާޕޯޓް ރައީސް އަބްދުﷲ ޔާމީން ވަނީ އިއްޔެ ހުޅުއްވައި ދެއްވައިފަ އެވެ. އެހެން ނަމަވެސް، އެ އެއާޕޯޓާ ވެލިދޫއާ ދުރެވެ. އަދި އެ އެއާޕޯޓަށް ވުރެ ވެލިދުއާ ކައިރީ، ރ. އިފުރުގައި ހުޅުވާފައިވާ އެއާޕޯޓެވެ. އެ އެއާޕޯޓަށް ސްޕީޑް ލޯންޗެއްގައި ދާން 30 ހަކަށް މިނެޓް ނަގާނެ އެވެ.
ރައީސް ޔާމީން ވިދާޅުވީ ވިހަފަރަށް އާދެވޭ ގޮތް ވެއްޖެ ނަމަ، އެއި ވެލިދޫ އާއި ހޮޅުދޫގެ ރައްޔިތުންނަށް ލިބޭނެ ފަސޭހަޔަކާއި ބޮޑުއ އުފަލަކަށް ވާނެ ކަމަށެވެ. އަދި އެފަދަ ތަރައްގީތައް ގެނައުމަށް އެމަނިކުފާނު އިތުރު ފަސް އަހަރުގެ ދައުރަކަށް ހޮވަވައިދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.