މާދަމާއަކީ ދިވެހި ތާރީހުގައިވެސް ލިޔެވިގެންދާނެ ބޮޑު ދުވަހެކެވެ. އެތައް ދިވެހިންނެއްގެ ފޮނި އުއްމީދުތަކާއި ގުޅިފައިވާ މާލެ އާއި ހުޅުމާލެ ދެމެދުގައި ދަމާލި "ސިނަމާލެ" ބްރިޖު މާދަމާ ހުޅުވާނެ އެވެ. މާދަމާ ދިވެހިން ހިނގާނީ މި ފޮނި އުއްމީދުގެ މަތީގަ އެވެ. ޗައިނާ ސަރުކާރުގެ އެހީގައި ގާއިމްކުރި މި ބްރިޖު ހުޅުވުމުގެ ތައްޔާރީތައް ހަލުވި މިނެއްގައި އަންނަނީ ކުރަމުންނެވެ.
ރޭގަނޑު ބްރިޖު ދިއްލައި އަލިކޮށް، ޒީނަތްތެރިކޮށްފައި އޮންނައިރު އެހާވެސް ހިތްގައިމެވެ. އެކި މީހުންގެ އިންސްޓަގުރާމާއި ޓުވިޓާ އަދި ފޭސްބުކްގައިވެސް މިހާރު އެންމެ ހިނގަނީ މި ހިތްގައިމު މަންޒަރެވެ. ހިތައް ފިނިކަމާއި އުފާވެރިކަން ގެނެސްދޭ މި ބޮޑު މަންޒަރެވެ. އެންމެންގެ ފޯންތައް އަމާޒުވަނީ މިހާރު ބްރިޖްގެ ތަފާތު ފޮޓޯތަކަށެވެ. އިންސްޓަގްރާމާއި ފޭސްބުކާއި ސްނެޕްޗެޓްގެ ސްޓޯރީ ވެސް ފުރިފައި މި އޮތީ ބްރިޖްގެ ފޮޓޯތަކުން އެވެ. ހާއްސަކޮށް ރޭގަނޑުގެ ވަގުތު ބްރިޖް ދިއްލައިލާފައި އޮންނަ ފޮޓޯ އަކީ އެންމެ ހިނގާ އެއް ފޮޓޯ އެވެ.
"މީހުން އަހާ ބްރިޖުން ވަނީ ކޮން ފައިދާއެއްތޯ، އަހަންނަށް ހީވަނީ ވަރަށް ގިނަ ފައިދާވާހެން، އޭގެ ތެރެއިން އެކައްޗަކީ 'އުއްމީދު އާވުން'، ހާއްސަކޮށް ޒުވާނުންނަށް، މި ބްރިޖަކީ އެތަށް ބަޔަކު ދެކުނު ހުވަފެނެއް، މި ބްރިޖް އެޅުމަށް އެތަށް ބަޔަކު މަސައްކަތްކުރި އެކަމަކު ކާމިޔާބު ވާގޮތެއް ނުވި، އެކަމަކު މިއަދު އެ ހުވަފެން މިވީ ހަގީގަތަކަށް،" މިދުއާމް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި
ބުނެފައިވެ އެވެ.
އޭނާގެ ޕޯސްޓުގައި ބްރްޖްގެ މަސައްކަތް ފެށި އިރާއި ނިމުނުއިރުގެ ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ. އަދި ބްރިޖުގެ މަސައްކަތްކުރި ބައެއް މަސައްކަތްތެރިންގެ ފޮޓޯތައްވެސް ހިމަނާފައިވެ އެވެ.
"މިއީ ހަމަ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް،" ހަމަ އެ ޕޯސްޓަށް ކޮމެންޓުކޮށްފައިވާ މުހައްމަދު ނަވާޒް ބުނެފައިވެ އެވެ.
އިސްލާމީ ގޮތަކަށް ތައްޔާރުކޮށްފައިވާ ބްރިޖުގެ މައި ގޭޓަށްވެސް ލޯތައް ވަނީ ހުއްޓިފަ އެވެ. އެ ގޭޓު ތައްޔާރުކޮށްފައި ވަނީ ދެ ފަރާތުގައި ދިގު ދެ މުންނާރާއި، މިސްކިތުގެ ގުއްބުގެ ބައްޓަމަށެވެ. އެއީ އިސްލާމީ ވަހުދަތު ދައްކުވައިދޭ ފަރުމާ އެކެވެ އަދި ގުއްބުގެ ދެ ފަރާތުގައި ދިވެހި ބަހުންނާއި ޗައިނާ ބަހުން އަދި އިނގިރޭސިން "ސިނަމާލެ ބްރިޖް" ލިޔެފައިވެ އެވެ.
"ސިނަމާލެ ބްރިޖުގެ އާކްވޭ، ރީތި އަދި ހިތްގައިމު ގޭޓްވޭއެއް، ރައީސް ޔާމީނަށް ޝުކުރު އަދާކުރަން،" ބްރިޖުގެ ގޭޓުގެ ފޮޓޯއަކާއެކު ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވި އެވެ.
މި ބްރިޖު ހެދުމުގެ މަސައްކަތް ފެށީ މީގެ ދެ އަހަރު ކުރިންނެވެ. މި މަސައްކަތް ކުރަނީ ބްރިޖުގެ މަސައްކަތް ކުރަން ދުނިޔޭގައި ވެސް އެންމެ ފާހަގަ ކުރެވޭ އެއް ކުންފުނި ކަމުގައިވާ، ޗައިނާގެ ސީސީސީ ކުންފުނިންނެވެ. ހުޅުލެ-މާލެ ގުޅިގެން ދާތަން ފެނުމަކީ އެތައް ދިވެހިންނެއް ޒަމާނުއްސުރެ ދެކުނު ހުވަފެނެކެވެ. އެކަން މި ހަގީގަތަކަށްވީ އެވެ.