ސިނަ މާލެ ބްރިޖް

ހަވާ ޖައްވަށް، އެންމެންގެ ފޯނު މައްޗަށް!

ދިވެހި ގައުމުގެ ތާރީހުގައި ރަން އަކުރުން ދުވަހެއް ލިޔެވި، ފެވިގެން ގޮސްފި އެވެ. މި ދުވަހުގެ އުފާވެރި ބާރުގަދަ އަޑުފަތްގަނޑުން މާލެ ގުގުމައިފި އެވެ. މުޅި ޖައްވަށް އުފާވެރި ކަމުގެ ކުލަތައް އަރައިފި އެވެ. ހާސިލުވެގެން މި ދިޔައީ އެތައް އަހަރެންވަންދެން ދިވެހިން ކުރަމުންއައި ފޮނި އުއްމީދެކެވެ. މި ފޮނި އުއްމީދުގެ ރަހަ ރަނގަޅަށްވެސް އަރުތެރޭގައި ލައިފި އެވެ. ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އެއްފަސްކުރި، ސިނަމާލެ ބްރިޖު ހުޅުވީ އެވެ.

ރޭ ބޭއްވި ހާއްސަ ބޮޑު ހަފްލާއެއްގައި ސިނަމާލެ ބްރިޖު ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް އެވެ.

ސިނަމާލެ ބްރިޖު ހުޅުވިގެންދިޔައީ ފޯރިގަދަ ހަވާ އެރުވުމުގެ ހަރަކާތްތަކާއި ލޭޒާ ޝޯއަކާއި އެކުގައި އެވެ. މީގެ ކުރިން ރާއްޖޭގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައި ނުވާހައި ފުރިހަމައަށް، ޒަމާނީ ފެންވަރުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ. ބްރިޖުގެ އެއްކޮޅުން އަނެއްކޮޅަށް ލޭޒާ ލައިޓުތައް ދިއްލާއި ހަވާ އެރުވި އެވެ. އަދި ދިފާއީ ބާރު، އެމްއެންޑީއެފްގެ ފަރާތުން ވަނީ ވޯޓާވޯކްސް ހަރަކާތްތަކެއްވެސް ދައްކާލައިފަ އެވެ. ހަވާ އެރުވީ ގިނިސް ވޯލްޑް ރިކޯޑްސް ފޮތުގައި މިކަން ކުރުމުގައި ދުނިޔޭގެ
ރެކޯޑުވެސް އޮތް ބައެކެވެ.

ޖައްވުގައި މި ހަވާތައް ފިޔަޖަހަމުންދިޔައިރު، މި މަންޒަރުތައް އެންމެ ގާތުން ބެލީ މި ސަރަހައްދަށް ޖަމާވެފައި ތިބި މީހުންގެ ފޯނުތަކުންނެވެ. އެއް ބަޔަކު ފޮޓޯ ނަގާއި އިންސްޓަގުރާމް ކުރަމުންދިޔަ އިރުގައި، އަނެއް ބަޔަކު ފޭސްބުކް ލައިވް ޖައްސާލައިގެން ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުންނަށް މި މަންޒަރުތައް ވަގުތުން ދުރަށް ފޮނުވަމުންދިޔަ އެވެ. މުޅި ހިސާބުގަނޑު ގުގުމަމުން ދިޔައީ ހަޅޭކުގެ އަޑާއި "އޯއެމްޖީ، ވާއު، ސޯ ބިއުޓިފުލް" އިންނެވެ. މި ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާވެސް ވަނީ ފުރިފަ އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދާއި ރާޅުގަނޑު ސަރަހައްދު އަދި ކާނިވާ ސަރަހައްދަށް މީހުން ޖަމާވެ އޮތީ ފުރިބާރުވެފަ އެވެ. ގޭގޭގެ ބެލްކަނީތަކާއި ޓެރަސްތައް ފުރާލައިފައި، މި ހަރާކާތް ބަލާލުމަށް އެތައް ބަޔަކު ބޯ ދިއްކޮށްގެން ތިއްބެވެ. އަދި މި ހަރާކާތް ބަލާލުމަށް މި ސަރަހައްދަށް ވަނުމަށް ކިއުގައި ޖެހިގެން އިންތިޒާރުގައިވެސް އެތައް ބަޔަކު ތިއްބެވެ. އެ އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމާއި ކާމިޔާބީގެ ހިނިތުންވުންތަކެވެ.

ހަވާގެ އިތުރުން ޗައިނާގެ ސަގާފީ ނެށުންތަކާއި އެ ގައުމުގެ ތަފާތު އެކި ކުޅިވަރު ހަރާކާތްތައްވެސް ދައްކާލައިފައިވެ އެވެ. އަދި ދިވެހި ފަންނާނުންގެ ފަރި ހަރަކާތްތަކާއި ބޮޑުބެރާއި ދިވެހި ސަގާފީ ހަރަކާތްތައްވެސް މި ހަފްލާގައި ކުރިއަށް ގެންދިޔަ އެވެ. މީގެ އިތުރުން ބަހުގައި ހުޅުލެއަށް ވަކި އަދަދަކަށް މީހުންނަށް ދަތުރުކޮށްލުމުގެ ފުރުސަތުވެސް ރޭގައި ވަނީ ދީފަ އެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ދިވެހި ދައުލަތުގެ އިސްވެރިންނާއި އަދި ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބަކާއި ވަފުދަކުން ބައިވެރިވެވަޑައިގެންނެވި އެވެ.

ބްރިޖު ހުޅުވުމުގެެ އުފާވެރި މުނާސަބަތު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ވަނީ ތައްޔާރުވެފަ އެވެ. އެގޮތުން ރޭގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ އިތުރުން، ކުރިއަށް އޮތް ހަތް ދުވަހުވެސް ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. މިއަދު ބްރިޖު މަތީގައި ކައިވެނިކުރުންތައް އޮޮންނައިރު، އަންނަ މަހު އެކަކުން ފެށިގެން ފަހަކާއި ހަމަޔަށް ކޮންމެ ދުވަހަކުވެސް ބްރިޖަށް އަރާއި ފޮޓޯނެގުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ އެވެ. ބައިސްކަލު ބުރު ޖެހުމާއި ރޯޑް ޝޯތަކާއި ޕެރޭޑް އަދި އެފަދަ އެހެނިހެން ހަރަކާތްތައްވެސް އޮންނާނެ އެވެ.