ތާރީހީ ބްރިޖު އެ އޮތީ ނިމިފަ އެވެ. އެތައް ގިނަ މަސައްކަތެއް، އެތައް ބުރައެއް އުފުލައި ބްރިޖުގެ ކުރެހުން ވަނީ ހަގީގަތަކަށް ހަދާފަ އެވެ. ބްރިޖު ހަގީގަތަކަށް ވެގެން މިދިޔަ ދުވަސްތަކުގައި އެންމެންނަށް އެ މަންޒަރުތައް ކުރަހައިދިނީ ކުޅަދާނަ، ޒުވާން ފޮޓޯގްރާފާ އަބްދުﷲ އަބީދެވެ.
ހައުސިން މިނިސްޓްރީގައި ވަޒީފާ އަދާކުރާ އަބީދު އެ މަންޒަރުތައް ކުރަހައިދޭން ފެށީ، ވަރުނުލާ ރާޅުގަނޑު ސަރަހައްދުން 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އެއްބައިފަހަރު ދެ ހޮޅި ދޭ ތެރޭން އަނެއްބައިފަހަރު އެތައް ސަތޭކަ ފޫޓެއް މަތިންނެވެ. ރޭގަނޑުގެ ނިދި ނަގާލާފައެވެ.
ހެނދުނު ނޫސްތަކުގެ ފަލަ ސުރުހީން އެންމެން ބެލީ އަބީދުގެ އެ ބުރަ މަސައްކަތުން ކުރަހަދޭ މަންޒަރުތަކެވެ. ހަވީރުފިނިކަންމަތީ އުއްމީދީ ނަޒަރަކުން ވެސް ބަލަން ހަމަ ތިބެވެނީ އަބީދުގެ ކެމެރާއިން ކުރަހާފައިވާ ނަލަ މަންޒަރުތަކަށެވެ.
ބްރިޖްގެ ތާރީހީ މަސައްކަތް ކުރަމުންދިޔައިރު އެ މަންޒަރުތައް ވަރަށް ކައިރިން ދުށުމުގެ ނަސީބު އަބީދަށް ލިބުނެވެ. އެކަމަށް އޭނާ ވަރަށް އުފާކުރެ އެވެ. ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ޕްރޮޖެކްޓްގައި ބައިވެރިވެ އަދި އެ ތާރީހީ މަސައްކަތުގެ މަންޒަރުތައް ތާޒާކަންމަތީ ހިތްސާކުރެވުމަކީ އަބީދުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ބްރިޖު މިރޭ ހުޅުވަނީ އެވެ. އެކަމަކު އެ މަންޒަރުތައް އަބީދުގެ ކެމެރާއަކަށް ނާރާނެ އެވެ. އެ ނަސީބު އަބީދަށް ނުލިބުނެވެ. އަބީދުގެ ރީތި ކުރެހުންތައް ބަލާލަން އެހެން މީހުންނަށް ވެސް ފުރުސަތެއް ނެތެވެ.
ބްރިޖު ހުޅުވުމުގެ މަންޒަރުތައް އަބީދަށް ބަލަން މަޖުބޫރުވެފައިވަނީ އެތައް ހާސް މޭލު ދުރުންނެވެ. އެ ރިބަން ފަތް ކަޑާލާ މަންޒަރު ކެމެރާގެ ރައްކާކުރުމުގެ ނަސީބު ނުލިބުނީތީ އަބީދު އިންތިހާއަށް ހިތާމަކުރަމެވެ. އެކަމަކު އެއީ ތަގުދީރެވެ.
އަބީދު މިހާރު ހުރީ އޭނާގެ އަންހެނުންގެ މަންމައަށް ކެންސަރު ޖެހިފައިވާތީ ފަރުވާ ހޯދުމަށް އަވަށްޓެރި އިންޑިއާގަ އެވެ. ކެމެރާއަށް މަންޒަރުތައް ނޭރި ނަމަވެސް ގައުމީ އުފަލުގައި ފަހުރުވެރިކަމާއެކު އަބީދު ވެސް ހިނިތުންވާނެ އެވެ.