ހަބަރު

މުސާރައިގެ އާ އޮނިގަނޑާ މެދު ނަރުހުންގެ ޝަކުވާ

ނަރުހުންގެ މުސާރަ ބޮޑުކުރަން ރިސްކް އެލަވެންސް ކަނޑާލައި އޮނިގަނޑަށް ގެނައި ބަދަލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ސަރުކާރުން ނަރުހުންގެ އަސާސީ މުސާރަ ބޮޑުކުރަން ނިންމާފައިވަނީ 15 ޕަސެންޓަށެވެ. އެ ބަދަލު ގެންނަނީ ނަރުހުންނަށް ލިބޭ މުހިންމު ދެ އެލަވެންސްއެއް އުނިކުރުމަށްފަހު އެވެ. އާ އުސޫލު މިހާރު ނަރުހުންނާ ހިއްސާކޮށްފައިވާއިރު ރިސްކު އެލަވެންސް އާއި ޝިފްޓް އެލަވެންސް ކަނޑާލާނެ އެވެ.

"އަހަރެމެން ވަރަށް ބޮޑު ރިސްކުތައް ނަގައިގެން މި މަސައްކަތް ކުރަނީ، ކިތަންމެ މޫސުން ގޯސްވިޔަސް އެބަ ދަތުރުތައް ކުރަންޖެހޭ، ގޮތް ނޭނގޭ އިންފެކްޝަންތަކާ ކުރިމަތިލާން ކޮންމެ ދުވަހަކު މިޖެހުނީ، އެހެންވެ ރިސްކު ނެތުމަކީ ކަންބޮޑުވުމެއް،" ރަށެއްގައި މަސައްކަތް ކުރާ ނަރުހަކު ބުންޏެވެ.

ރިސްކު އެލަވެންސްގެ ގޮތުގައި މިހާރު ނަރުހުންނަށް 2000 ރުފިޔާ ދެ އެވެ. ޝިފްޓް އެލަވެންސްގެ ގޮތުގައި 600 ރުފިޔާ ދެ އެވެ. އެ ދެ އެލަވެންސްގެ އިތުރުން ހޮލިޑޭ އެލަވެންސް އާއި ކޯ އެލަވެންސް ވެސް ވަނީ ކަނޑާލަން ނިންމާފަ އެވެ. ކޯ އެލަވެންސްގެ ގޮތުގައި 700 ރުފިޔާ ލިބޭއިރު ހޮލިޑޭ އެލަވެންސްގެ ގޮތުގައި 561 ރުފިޔާ މިހާރު ދެ އެވެ.

މިހާރު ނަރުހެއްގެ އާންމު ގޮތެއްގައި އަސާސީ މުސާރައަކީ 5610 ރުފިޔާ އެވެ. އާ އުސޫލުގެ ދަށުން ނަރުހުންނަށް މުސާރަ ދޭން ނިންމާފައިވަނީ ތިން ރޭންޖަކުންނެވެ. ތިން ރޭންޖުގައި ވެސް އަސާސީ މުސާރަ 9000 ރުފިޔާއަށް އަރަ އެވެ. އެކަމަކު އެލަވެންސްގެ ގޮތުގައި ދެނީ ސާވިސް އެލަވެންސް އެކަންޏެވެ. ސާވިސް އެލަވެންސްގެ ގޮތުގައި ދޭން ނިންމާފައިވަނީ 3760 ރުފިޔާ އެވެ.

އަސާސީ މުސާރަ ބޮޑުކޮށްފައިވީ ނަމަވެސް އެލަވެންސްތައް ކަނޑާލުމުން ޖުމްލަ މުސާރައަށް މާބޮޑު ބަދަލެއް ނާންނަ ކަމަށް ނަރުހުން ބުނެ އެވެ.

ނަރުހަކު ބުނި ގޮތުގައި މިހާރު މުސާރައިގެ އޮނިގަނޑު އޮންނަ ގޮތުން ދުވަސްވީ ނަރުހުންނަށް އަސާސީ މުސާރަ ބޮޑުވާ ކަމަށެވެ. ނަމަވެސް އާ ބަދަލާއެކު ދުވަސްވީ ނަރުހުންނަށް އެފަދަ އެއްވެސް އިނާޔަތެއް ނެތްކަން އޭނާ ފާހަގަކުރި އެވެ.