ރިޕޯޓް

ބްރިޖާ އެކު އިގްތިސާދީ އާ ފުރުސަތުތައް، އެތައް ފަސޭހައެއް

"ސިނަމާލެ ބްރިޖް" މިރޭ ހުޅުވާއިރު ގިނަ މީހުންނަށް ހީވެފައި އޮންނާނީ ބްރިޖުގެ ސަބަބުން ހެޔޮ ބަދަލު ފެނިގެންދާނީ ހަމައެކަނި
ދަތުރު ފަތުރަށެވެ. ނަމަވެސް، ހުޅުލެ-މާލެ ބްރިޖާއެކު ވިޔަފާރިވެރިންނަށް ލިބޭނެ ނަފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ގިނަ ވާނެ އެވެ. އެއް ސަބަބަކީ ބޮޑު ދެ ސިޓީ ކަމަށްވާ ހުޅުމާލެ އާއި މާލޭގެ ދެމެދުގައި އެއާޕޯޓެއް އޮތުމެވެ. އަދި މައި އެއާޕޯޓަށް ދެވޭނެ ފަސޭހަ ގޮތް ތަކެއް ހަމަޖެހިގެން ދިއުމަކީ ވިޔަފާރި އަށްހީ ވެސް ނުކުރާވަރުގެ ފަހި ކަމަށް ވެގެންދާނެ ކަމަށް ވިޔަފާރިވެރިން ދެކެ އެވެ.

"މި ކުންފުނީގެ ގުދަން މި ހުންނަނީ ހުޅުމާލޭގައި، ކޮންމެ ދުވަހަކު މާލޭގެ ފިހާރަ އަށް މުދާ ގެންނަނީ ދޯނީގައި. މިއީ ހީވެސް ނުކުރާ ވަރުގެ ދަތިކަމެއް. މޫސުން ގޯސްވެއްޖިއްޔާ ވަރަށް ހާލުގައި އުޅެން ޖެހެނީ. އެކަމަކު ބްރިޖު ހުޅުވީމަ ބްރިޖުން މާލެ އަށް ފަސޭހަކަމާއެކު އެކްސަސް ވެވޭނެ. އެހެންވެ މިއީ ވަރަށް ބޮޑު ލުއި ފަސޭހައެއް،" މަހުގެ ވިޔަފާރި ކުރާ އެންމެ ބޮޑު އެއް ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.

ރާއްޖެ އަށް ގިނަ އިންވެސްޓަރުންތަކެއް ގެނެސް، ބޭރުގެ ޕާޓްނަރުންނާއެކު ވިޔަފާރިކުރަމުން ގެންދާ، ހޮޓެލް އެންޑް ރިސޯޓްސް (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ބްރިޖާއެކު ރާއްޖެ އަށް ހާއްސަކޮށް މާލެ ސަރަހައްދަށް ހީވެސް ނުކުރާ ވަރުގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

"ދުނިޔޭގައި ވެސް ނެތް ސިޓީއެއްގައ ހުރެފައި ފަސް މިނެޓުން އިންޓަނޭޝަނަލް އެއާޕޯޓަކަށް ދެވޭ ތަނެއްގައި ބްރިޖު އަޅާފަ މި ނޫނީ. އެހެންވެ، މިއީ ވިޔަފާރިއަށް އަންނާނެ ބޮޑު ފަސޭހައެއް. މިކަމުން ވިޔަފާރީގެ ގިނަ ފުރުސަތު ތަކެއް ހުޅުވިގެންދާނެ. މިކަމުގެ ސަބަބުން މުދާ އުފުލުމާއި މީހުން އުފުލުމުގެ ހިދުމަތްތައް އަދި މިނޫން ވެސް ގިނަ ދާއިރާ ތަކުން ކުރިއެރުން ލިބިގެންދާނެ،" ޖަނާހު
ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ އެހެން ވިޔަފާރި ވެރިޔަކު ވިދާޅުވީ ބްރިޖުގެ ފައިދާ ކުރާނީ ދުވަހުން ކަމަށާއި ބްރިޖު ވެގެންދާނީ ހީވެސް ނުކުރާވަރުގެ ފައިދާކުރާނެ ތަނަކަށް ކަމަށެވެ.

"އިމާރާތް ކުރުމަށް ހުޅުމާލެ އާއި މާލެ އިން ތަކެތި ގެންދިއުން މިހާރު އެއީ ގޮންޖެހުން ބޮޑު ކަމެއް. އެކަމަކު ބްރިޖުގެ ސަބަބުން މިއީ ލިބިގެންދާނެ ބޮޑު ފަސޭހައެއް،" ހުޅުމާލޭގައި އިމާރާތް ކުރުމުގެ ވިޔަފާރިކުރާ ކުންފުނީގެ ވެރިޔާ ވިދާޅުވި އެވެ.

އާ ވިޔަފާރިތަކެއް އުފެދޭނެ

ވިޔަފާރިއެއް ފުޅާކޮށް، ކުރިއެރުމުގައި އެތަނަކުން ހިދުމަތް ހޯދާ މީހުންގެ އަދަދު ނޫނީ "ވޮލިއުމް" މުހިންމު ދައުރެއް އަދާކުރެ އެވެ. އެހެންވެ މާލޭގެ އާބާދީ އާއި ހުޅުމާލޭގެ އާބާދީއަކީ ހުޅުލެއަށް އަންނަ ޓޫރިސްޓު އާބާދީ ގުޅިގެން ދިއުންވާނީ އާ ސްޓައިލްތަކުގެ ވިޔަފާރިއަށް ހުޅުވޭނެ މަގަކަށް ނޫނީ ނުވާނެ އެވެ. ބޮޑު އާބާދީއެއް އުފެދި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ފައްކާވަމުންދާއިރު، އެކަމަށް ވިޔަފާރިވެރިން ވެސް މިހާރުވެސް ވަނީ ތައްޔާރުވެފަ އެވެ. އެކަން އެނގެނީ ދުވަހަކު ވެސް ރާއްޖޭގައި ނުހަދާވަރުގެ ބޮޑެތި ވިޔަފާރި ސެންޓަރުތައް ހުޅުމާލޭގައި ހަދަމުން ދިއުމުމެވެ. މީގެ އެއް މިސާލަކީ "ރެޑްވޭވް މެގަ މޯލް" އެވެ. ގާތްގަނޑަކަށް 14 ކައުންޓަރާއެކު އެއްލައްކަ ވައްތަރުގެ މުދަލާއެކު މިތަން ހުޅުވުމުގައި ހަމަ ގައިމުވެސް މި ވިސްނުން ވަނީ
އިސްކޮށްފަ އެވެ.

ކުރިން ވާހަކަ ދެއްކި އެޗްއާރުސީގެ ޗެއާމަން ޖަނާހު ވިދާޅުވީ ބްރިޖުގެ ސަބަބުން ކެއިން ބުއިމުގެ ވިޔަފާރި އާއި ޑެލިވަރީގެ ހިދުމަތް ފަދަ ވިޔަފާރިތައް ފުޅާވެގެންދާނެ ކަމަށެވެ.

"ގިނަ ގައުމުތަކުގައި ކޮމާޝަލް ކެޕިޓަލް އާއި ޕޮލިޓިކަލް ކެޕިޓަލްމި އޮންނަނީ ތަފާތުކޮށް. މިސާލަކަށް އިންޑިޔާގައި ސިޔާސީ ކެޕިޓަލްއަކީ ދިއްލީ. މުންބާއީއަކީ ކޮމާޝަލް ކެޕިޓަލް. އެކަމަކު ރާއްޖޭގައި ދެކަންވެސް މިއޮތީ މާލޭގައި. އެހެންވެ، މީގެ ހެޔޮ
ފައިދާވެސް ކުރާނެ،" ޖަނާހު ވިދާޅުވި އެވެ.

ޝޮޕިން ސެންޓަރުތައް ހުޅުވާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބާ ޓޫރިސްޓު މީހާ އަށް ފަސޭހަކަމާއެކު މީހުން އުޅޭ ސަރަހައްދަކަށް މިހާރު ދިއުމަކީ ދަތި ކަމެކެވެ. ހުޅުލެ އަށް މައި އެއާޕޯޓުން އެކްސެސް އިންނަމަވެސް ކެޕިޓަލް އަށް އަންނަން ދަތިވެ އެވެ. ހާއްސަކޮށް މޫސުން ގޯސްވެއްޖެނަމަ ކަނޑު ހުރަސްކުރަން ދަތިތަކާ ދިމާވެ އެވެ. ނަމަވެސް ބްރިޖުގެ ސަބަބުން މިދަތިކަން ފިލައިގެން ދާނެ އެވެ. އަދި މާލޭގެ އާބާދީއަށް ފަސޭހަކަމާއެކު ހުޅުމާލެއަށް ދެވޭނެ މަގު ތަނަވަސް ވެގެން ދިއުން ވެގެންދާނީ ބިމުގެ ޖާގައޮތް ހުޅުމާލޭގައި ވިޔަފާރި
ކުރާނެ ބޮޑެތި ޝޮޕިން ސެންޓަރުތައް އުފެދިގެން ދާނެ ކަމަށެވެ.

ރެޑްވޭވްއިން ހުޅުމާލޭގައި ދާދިފަހުން ހުޅުވި ޝޮޕިން ސެންޓަރު

ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި މަސައްކަތް ކުރައްވާ އިސް ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ޖާގަ އޮތުމަކީ ފެމެލީ ޝޮޕިން ރާއްޖޭގައި ފުޅާކުރަން ރަނުގެ ފުރުސަތަކަށްވާނެ ކަމަށެވެ.

"އާއިލާއެއްކޮށް ޝޮޕިންއަށް ދެވޭނެ މާހައުލެއް އަދި ރާއްޖެއަކުނެތް. ސަބަބަކީ މާލޭގައި އެވަރުގެ ތަނެއް ނެތުން. އެކަމަކު ބްރިޖުގެ ސަބަބުން އުފެދޭ ފަސޭހަ ޓްރާންސްޕޯޓާއެކު މިކަން ފަހިވެގެންދާނެ. މިވެގެންދާނީ އާ ވިޔަފާރިތަކެއްގެ ފެށުމަށް،" ނަން ނުޖެހުމަށް އެދި
ވިދާޅުވި އެވެ.

ސުވާލު: ވިޔަފާރި މުދާ އުފުލަން ނަގާނެ އަގު؟

"ސިނަމާލެ" ބްރިޖު ހުޅުވާލާއިރު ބްރިޖުގައި ދުއްވާ އުޅަނދު ފަހަރުން ނަގާ ފީ އަދި ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ. އަންނަ މަހުގެ ހަތްވަނަ ދުވަހު މިތަން ހުރިހާ އުޅަނދު ފަހަރަށް ހުޅުވާލުމާއެކު ވިޔަފާރި މުދާ އުފުލުން ވެސް ފެށިގެން ދާނެ
އެވެ.

ކުރިން ވާހަކަ ދެއްކި މަސް ކުންފުނީގެ ވެރިޔާ ވިދާޅުވީ އެ ކުންފުނިން މާލޭގައިވެސް ފިހާރަ ހިންގާއިރު، މުދާ ހިފައިގެން ބްރިޖަށް އަރާ އުޅަނދު ފަހަރުން އެކަށީގެންވާ ފީއެއް ނެގުން މުހިންމު ކަމަށެވެ.

"މިހާރު ކަނޑު މަހުން މުދާ ގެނައުމާ ބަލާއިރު ފަސޭހަ އަދި ސޭފް ވެގެންދާނެ ބްރިޖުން ގެނައުމުން. އެކަމަކު އުޅަނދު ފަހަރު މުދާ ހިފައިގެން އަރަން މާބޮޑު އަގެއް ނަގައިފިނަމަ އަޅުގަނޑުމެންނަށް ފީޒިބަލްއެއް ނުވާނެ. އެކަމަކު އެކަށީގެންވާ އަގެއް ނަގާ ގޮތަށް ކުރިއަަށް ދާނަމަ މިވާނީ ބޮޑު ފަސޭހައަކަށް،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ގުދަންކޮށް، އަދި ގަރާޖު ހިންގައި އަދި މެރިން އިންޖީނު ވެސް ވިއްކާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވި ގޮތުގައި ބްރިޖުން ނަގާނެ ފީ ވެގެންދާނީ ވިޔަފާރިތައް ކުރިއެރުމަށް އަންނާނެ ބަދަލެއްގެ ފެށުމަށް ކަމަށެވެ. އަދި ބްރިޖާއެކު މާލޭގެ ތޮއް ޖެހުން ކުޑަކުރަން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަކަށް ހީވަނީ މާލޭގެ ވިޔަފާރި ބަނދަރާއި އަތޮޅު ފިހާރަތައް ވެސް މާލެ އިން ބަދަލު ކުރަން ޖެހޭހެން. އޭރުން މީގެ ފައިދާ އެންމެ ބޮޑަށް ކުރާނީ. މި ބަދަލު ހަގީގަތުގައި ގެންނަން ޖެހޭތާ މާލަސް ވެއްޖެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ގްރޭޓާ މާލެ ސަރަހައްދަށް ބޮޑު ބަދަލެއް އަންނާނެ ބްރިޖު ހުޅުވަން ދެން އޮތީ މަދު ގަޑިކޮޅެކެވެ. އެ ތާރީހީ ވަރުތާއެކު މި ސަރަހައްދުގައި ވިޔަފާރީގެ އާ ފުރުސަތެއް ހުޅުވިގެން ދިއުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.