ހަބަރު

ބްރިޖު މަތީ ކުރަނީ ފަސް ކައިވެނި!

ސިނަމާލޭ ބްރިޖު މަތީ ކައިވެނި ކުރާނީ ފަސް ޖޯޑެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިއ މުއިއްޒު ވިދާޅުވީ ބްރިޖު މަތީ ކައިވެނި ކުރުމުގެ ފުރުސަތު ދިނީ ފަސް ޖޯޑަކަށް ކަމަށާއި އެގޮތަށް ނިންމީ އިންތިޒާމްތައް ކުރަން ފަސޭހައަކަށް ކަމަށެވެ. ކައިވެނި ކުރުން އޮންނާނީ ދުވާލު ގަޑީގައި ކަމަށާއި ރޭގަނޑު 9:00 އަކާ ހަމަޔަށް ފޮޓޯ ނެގުން ފަދަ ހަރަކާތްތައް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ފަސް ފަރާތުގެ ކައިވެނި ވެސް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު،" މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖުގައި ކައިވެނި ކުރުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލީ މިމަހުގެ ފަސް ވަނަ ދުވަހުގަ އެވެ. އެގޮތުން އަލަތު ކައިވެނި ކުރާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އޮންނަ އިރު ބްރިޖުގައި ކުރާ ކައިވެނީގެ ފޮޓޯ ނަގައިދިނުމާއި ޑެކޮރޭޝަން ފަދަ ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުންނެވެ. ކުރިން އަންހެންމީހާއަށް ހެދުން ގަތުމަށް 15،000 ރުފިޔާ، ފިރިހެން މީހާ އަށް 7000 ރުފިޔާ ވެސް އޮތީ ސަރުކާރުން ދޭ ގޮތަށެވެ. ނަމަވެސް އެކަމަށް ކުރިމަތިލީ މީހުން އަދަދު ގިނަ ކަމުން ފަހުން އެ ހަަރަދުތައް އުނި ކުރީ އެވެ.

ބްރިޖް މަތީގައި ކައިވެނި ކުރެވެނީ ވަކި ތީމްތަކެއްގަ އެވެ. އެގޮތުން ފަސް ތީމެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މޯލްޑިވިއަން، ޗައިނީސް، ފްލޯރަލް، ސަންސެޓް އަދި ވިންޓޭޖް އެވެ. އެތަނުން ރިކްއެސޓް ކުރެވޭނީ ގިނަ ވެގެން ދެ ތީމަކަށެވެ. އެ ދެ ތީމްގެ ތެރެއިން ފުރުސަތު ދެވެން އޮތް ތީމް ފައިނަލް ކުރާނީ މިނިސްޓްރީ އިންނެވެ.