ހަބަރު

ބްރިޖު ހުޅުވުމުގެ އުފާ ހަތް ދުވަސް ވަންދެން ފާހަގަކުރަނީ

މާލެ އާއި ހުޅުލެ ގުޅުވައިދޭ، ސިނަމާލޭ ބްރިޖު ހުޅުވުން ހަފްތާއެއް ވަންދެން ފާހަގަ ކުރަން ސަރުކާރުން ނިންމައިފި އެވެ.

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލާނެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މާދަމަ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގެ ސަރަހައްދުގައި ފައްޓާނެ ކަމަށެވެ.

އެ ހަފްލާގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާއި ޗައިނާގެ ރައީސްގެ ހާއްސަ މަންދޫބުންނާއި ސަރުކާރުގެ ވެރިންނާއި އިސް ރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކޮންމެ ރަށެއް ތަމްސީލު ކުރާނެ މީހުންް ބައިވެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރުން އާންމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ރަސްމިއްޔާތުގައި ބައިވެރިވުމަށް އާޓިފިޝަލް ބީޗާއި ކާނިވާ ސަރަހައްދު ހުޅުވާލާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބްރިޖު ހުޅުވުމުގެ ގޮތުން އެންމެ ބޮޑު އެއް ކަމަކަށް ކުރިޔަށް ދާނީ ހަވާ އެރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރާއްޖޭގައި މިހަތަނަށް އަރުވާފައިވާ ހަވާތަކާ ހިލާފަށް މާދަމާ ރޭ ހަވާ އަރުވާނީ އެކަމުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުންފުނިން ކަމަށާއި މި ސަރަހައްދުގައި މިހާތަނަށް ނާރުވާ ފަދަ ކުލަ ގަދަކޮށް މާދަމާ ހަވާ އެރުވުމާއި ލޭޒާ ޝޯ އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ބްރިޖު ހުޅުވުމަށް ފަހު ބަހުގައި ހުޅުލެއަށް ވަކި އަދަދަކަށް މީހުންނަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސް ޔާމީން އަބަދުވެސް ވިދާޅުވޭ މި ބްރިޖަކީ ހަމައެކަނި ދެ ރަށެއް ގުޅުވާލާ ބްރިޖެއް ނޫނޭ، މާލޭގެ ރައްޔިތުންނަށް އެކަނި ހުރި ބްރިޖެއް ނޫނޭ، މި ބްރިޖަކީ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބްރިޖެކޭ، ހުރިހާ ރައްޔިތުންނަށް މީގެ ފައިދާތައްވޭ، އެހެންވެ މި އިވެންޓު މި ބާއްވަނީ ވެސް ހުރިހާ ރައްޔިތުން ރިޕްރެޒެންޓު ކުރުމުގެ ބޭނުމުގައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާދަމާ ރޭގެ ހަރަކާތްތައް ފަހު ކުރިޔަށް އޮތް ހަތް ދުވަހުގައި ވެސް ބްރިޖު ހުޅުވުމުގެ އުފާ އެކި ހަރަކާތްތަކާއެކު ފާހަގަ ކުރުން އޮންނާނެ ކަމަށެވެ. އެގޮތުން 31 ވަނަ ދުވަހު ބްރިޖު މަތީ ކައިވެނި ކުރުން އޮޮންނަ އިރު އަންނަ މަހު އެކަކުން ފެށިގެން ފަހަކާ ހަމަޔަށް ކޮންމެވެ ދުވަހުގައި ވެސް ބްރިޖަށް އަރާ ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ދުވަސްތަކުގެ ތެރޭގައި ތަފާތު އެކި ހަރަކާތްތައް އޮންނާނެ ކަަމަށާއި އެގޮތުން ބައިސްކަލު ބުރު ޖެހުމާއި ރޯޑް ޝޯތަކާއި ޕެރޭޑު އަދި އެފަދަ އެހެނިހެން ހަރަކާތްތައް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަކި ގަޑިތަކެއް ކަނޑައަޅާ އިއުލާން ކުރެވިގެން ދާނެ ހާއްސަ އިވެންޓުތަކެއް ކުރިޔަށް ދާނެ، މިސާލަކަށް ބައިކް މޯލްޑިވްސްގެ ފަރާތުން 1 ސެޕްޓެމްބަރުގައި އެބައޮތް ބައިވެރު ހަރަކާތްތައް ރާވާފައި، އެއީ ހެނދުނު، ދެން މެންދުރު ފަހު ވެސް އެބައޮތް ވަރަށް ގަނަ އިވެންޓަސްތައް،" މުއިއްޒު ވިދާޅުވި އެވެ.

ހަރަކާތްތަކަށް ފަހު ހަ ވަނަ ދުވަހު އަލުން ބްރިޖު ދުއްވުމަށް ތައްޔާރު ކުރާނެ ކަމަށާއި ސެޕްޓެމްބަރު މަހު ހަތް ވަނަ ދުވަހު ބްރިޖުގައި އުޅަނދުތައް ދުއްވުމަށް ހުޅުވާލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.