ސިނަމާލޭ ބްރިޖު ހުޅުވުމާއެކު ރާޅާ އަޅާ ފަރާތްތަކަށް އެ ސަރަހައްދަަށް އެރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބްރިޖު ހުޅުވުމާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ ރާޅާ އަޅާ ފަރާތްތަކަށް ރާޅުގަނޑު ސަރަހައްދު މޫދަށް އެރުން މަނާ ކުރީ އެ ސަރަހައްދުގައި މަސައްކަތްތައް ހިނގާތީ އެ ފަރާތްތަކުގެ ރައްކަލަކަށް ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ނިމުމާއެކު ބްރިޖު ހުޅުވުމުން ރާޅާ އަޅާ ފަރާތްތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތްތައް ކުރިޔަށް ދިޔަ އިރު ރާޅާ އަޅާ ފަރާތްތަކުން އިހުތިޖާޖު ކުރުމުގެ ގޮތުން ވެސް އެ ތަނުގައި ރާޅާއެޅުނެވެ. އަދި އެ މައްސަލާގައި އެތަނުން ޒުވާނުންތަކެއް ހައްޔަރު ކުރުމަށް ފަހު ފަހުން ދޫކޮށްލި އެވެ. މިހާރު އެ ފަރާތްތައް ރާޅާ އެޅުމަށް ވަކި ރަށަކަށް ސަރުކާރުން ގެންގޮސްދެ އެވެ.