ހަބަރު

ބްރިޖް ހުޅުވުމާ އެކު މާލޭގައި ތިބެގެން ފްލައިޓުތަކަށް ޗެކިން ވެވޭ ގޮތް ހަދަނީ

ސިނަމާލޭ ބްރިޖު ހުޅުވުމާއެކު މާލޭގައި ތިބެގެން އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތަކަށް ޗެކިން ވެވޭ ގޮތް ހެދުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބްރިޖާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެއާއި ހުޅުލެއާ ދެމެދު ބަސް ދަތުރުތައް ފެށުމަށް އިންޑަސްޓްރިއަލް ވިލެޖުގައި ބަސް ޓާމިނަލްއެއް އަޅައި އޭގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އެ ބަސް ދަތުރުތައް ފެށުމާ އެކު، ސިޓީ ޗެކިންގެ ހިދުމަތް، ނޫނީ އެ ބަސް ޓާމިނަލްއިން ފްލައިޓްތަކަށް ޗެކިން ވެވޭނެ ގޮތް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން އެ ބަސް ޓާމިނަލްގެ ތެެރެއިން، އެއާޕޯޓަށް ދިޔުމުގެ ކުރިން މާލޭގައި ތިބެފައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތަކަށް ޗެކިން ވެވޭނެ ކަމަށާއި އެއަށް ފަހު ބަހުގައި ދަތުރުކޮށްފައި ހުޅުލެއަށް ދެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މާލޭގައި ތިބެފައި ޗެކިންގެ ކަންތައް މި ނިމެނީ. އެއާޕޯޓަށް ދިޔުމުގެ ކުރިން ލަގެޖު ދޫކޮށްލެވޭނެ ބަހަށް. އޭރުން ފްލައިޓަށް ޗެކިން ހަދާ އެ ނިމުނީ. އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓުތަކަށް، އެހާ ހިސާބުން ހުޅުލެއަށް ދާންވީ، ޕެސެންޖަރު،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ސިޓީ ޗެކިން ހަދާފައި ހުޅުލެއަށް ދެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށް ވިދާޅުވި އެވެ. ސިޓީ ޗެކިންގެ ހިދުމަތްތައް ވެސް މާލޭ ކޮޅުން ބްރިޖުގައި ދަތުރު ކުރަން ފަށާ ދުވަހު ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ބްރިޖު މިރޭ ހުޅުވި ނަމަވެސް، އާންމު ދަތުރުތައް ބްރިޖްގައި ފަށާނީ، ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގަ އެވެ.