ހަބަރު

ބްރިޖާ ގުޅޭ ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަނީ

ސިނަމާލެ ބްރިޖް ހުޅުވުމާއެކު ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިނަމާލޭ ބްރިޖް ހުޅުވުމާއެކު ބައެއް މަގުތަކުގެ ދަފްތަރުގެ ނިޒާމަށް ބަދަލުގެންނަން ނިންމާފައިވާ ކަމަށެވެ.

ބަދަލުތައް ގެނައުމަށް ނިންމާފައިވާ މަގުތައް:

- ސައިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ނިރޮޅުމަގު ބޯށިމާ ހިނގުން ގުޅޭ ހިސާބަށް އުތުރުން ދެކުނަށް އެއްކޮޅަށް ދުއްވާ ގޮތަށް
- ބޯށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ފެށިގެން ބޯށިމާ ހިނގުން ރީތިގަސް މަގު ގުޅޭ ހިސާބަށް އިރުން ހުޅަނގަށް އެއްކޮޅަށް ދުއްވާ ގޮތަށް
- ބޯށިމާ ހިނގުން ރީތިގަސް މަގު ގުޅޭ ހިސާބުން ފެށިގެން ރީތިގަސް މަގު ސައިމާ ހިނގުން ގުޅޭ ހިސާބަށް ދެކުނުން އުތުރަށް އެއްކޮޅަށް ދުއްވާ ގޮތަށް
- ރީތިގަސް މަގު ކަށިމާ ހިނގުން ގުޅޭ ހިސާބުން ފެށިގެން ކަށިމާ ހިނގުން ނިރޮޅުމަގު ގުޅޭ ހިސާބުން ހުޅަނގުން އިރަށް ދުއްވާ ގޮތަށް

މި މަގުތަށް ފިޔަވައި އިތުރު މަގުތަކަށް ބަދަލު ގެންނަން ނިންމާފައިނުވާ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

ކުލަގަދަ ހަފްލާއަކާއެކު ސިނަމާލެ ބްރިޖް ހުޅުވުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. ނަމަވެސް ބްރިޖްގައި ރަސްމީކޮށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެންނެވެ.

ބްރިޖްގައި މައިގަނޑު ދެ ލޭނެއް އޮންނާނެ އެވެ. އެއް ލޭން ހާއްސަކޮށްފައިވަނީ ޕަބްލިކް ޓްރާންސްޕޯޓަށާއި އަމިއްލަ ސައިކަލްތަކަށެވެ. އަދި އަނެއް ލޭންއަކީ ބަރު އުޅަނދުތަކަށް ހާއްސަކޮށްފައިވާ ލޭނެކެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ، ބްރިޖްގައި ދަތުރުތައް ފަށަންވާއިރަށް ބްރިޖާ ގުޅޭ މާލޭގެ މަގުތައް ވެސް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން އަންނަ މަހުގެ ދެއެއް ނުވަތަ ތިންވަނަ ދުވަހު މާލޭގައި ތަރައްގީކުރާ ރިންގްރޯޑް ހުޅުވާލެވޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށާއި ހަމަ އެގޮތަށް ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ވެސް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި ބަސް ދަތުރުތައް ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.