ރިޕޯޓް

ސިނަމާލެ ބްރިޖް: ރާއްޖޭގެ ޓޫރިސްޓް އެޓްރެކްޝަނަކަށް ވާނެ

އިންޑިއާގެ އާގަރާ އަށް ދެވިއްޖެނަމަ ތާޖުމަހަލްގައި ސެލްފީއެއް ނަގާލަން ބޭނުންވާނެ އެވެ. އަދި މެލޭޝިއާ އަށް ދެވިއްޖެނަމަ ޓުއިންޓަވަރަށް އަރައި ނޫނީ އެތަނުގެ ބުޑުގައި ހުރެގެން، އެ ބިނާ އަރާ ގޮތަށް ނަގާ ފޮޓޯ އިންސްޓަގުރާމުގައި ތަތް ނުލައި ނުވާނެ އެވެ. މިއީ ކޮންމެހެންވެސް ކުރާނެ ކަންތަކެވެ. އެކަމަކު ރާއްޖޭގައި މިހާތަކަށް އެ ފަދަ "އައިކަން" ބިނާއެއް ނެވެތެ. ނަމަވެސް މިރޭ ހުޅުވާ "ސިނަމާލެ" ބްރިޖާއެކު، މި ތަން ވެގެންދާނީ މި ފަދަ ޝައުގުކުރުވާނެ ތަނަކަށެވެ. އެކަން ވަނީ ޓޫރިޒަމްގައި މަސައްކަތް ކުރާ މީހުން ވެސް ފާހަގަ ކުރެ އެވެ.

"ރާއްޖޭގައި މިފަދަ ބްރިޖެއް އަދި ނެތް. އެހެންވެ ހަމަ ގައިމުވެސް މިއީ ރާއްޖެ ޑެސްޓިނޭޝަނެއްގެ ގޮތުގައި އެޓްރެކްޓް ކުރަންވެސް ލިބޭނެ ރަނގަޅު ތަނަކަށް ވާނެ. ރާއްޖެ އަންނަ މީހުން މިތަނުގައި ހުރެ ފޮޓޯ ނަގާލައި ބަލާލަން ބޭނުންވާނެ،" ރާއްޖެ ޕްރޮމޯޓް ކުރާ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު "އަވަސް" އަށް ވިދާޅުވި އެވެ.

ބްރިޖު މަތިން ފެންނަ ހިތްގައިމު ވިއު

ރާއްޖެއަކީ ދުނިޔޭގެ ގިނަ ގައުމުތަކާ އަޅާ ބަލާއިރު ވައިގެ ސަރަހައްދު ސާފު ގައުމެވެ. އެހެންވެ، މި ބްރިޖު މަތީގައި ފޮޓޯ ނަގާލަން ބޭނުންވާ މީހުންގެ އަދަދު ގިނަވާނެ ކަމަށް ބެލެވެ އެވެ. ދެން އޮތީ ބްރިޖު މަތީގައި ހުންނައިރު ދުރުން ފެންނަން ރީތި މަންޒަރު ތަކެވެ. ހެނދުނުގެ އިރު އަރައިގެން އަންނަ ވަގުތާއި އިރުއޮއްސޭ ވަގުތު ބްރިޖު ވިއު ފެންނާނީ މުޅިން ތަފާތު މަންޒަތު ތަކެވެ. ތަފާތު ކުލަ ތަނެވެ. ގެސްޓުން އެންމެ ބޮޑަށް ފޮޓޯ ނަގަން ޝައުގުވެރިވާ ވަގުތެވެ. މި ދެ ވަގުތަކީ ވެސް ބްރިޖުން ފެންނަ މަންޒަރު އެންމެ ރީތިކޮށް ފެންނާނެ ދެ ގަޑިއަށް ވާނެ އެވެ. އަދި ގާދޫކޮލުން ވަންނަ އަންނަ އުޅަނދު ފަހަރާއި ވެލާނާ އެއާޕޯޓަށް ޖައްސަން އަންނަ ބޯޓު ފަހަރު ތިރި ކުރަމުންދާއި ވެސް މި ބްރިޖުގެ ރީތިކަން ފެނިގެން ދާނެ އެވެ. މިއީ ބްރިޖު އެޓްރެކްޝަނަކަށް ވެގެންދާނެ ސަބަބެކެވެ.

ރާއްޖޭގައި މިފަދަ ބްރިޖެއް އަދި ނެތް. އެހެންވެ ހަމަ ގައިމުވެސް މިއީ ރާއްޖެ ޑެސްޓިނޭޝަނެއްގެ ގޮތުގައި އެޓްރެކްޓް ކުރަންވެސް ލިބޭނެ ރަނގަޅު ތަނަކަށް ވާނެ. ރާއްޖެ އަންނަ މީހުން މިތަނުގައި ހުރެ ފޮޓޯ ނަގާލައި ބަލާލަން ބޭނުންވާނެ
ހާރިސް މުހައްމަދު | އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ

މާލޭގެ ހޮޓާތަކަށް ބޮޑު ފަސޭހައެއް!

މާލެއަކީ ޓޫރިސްޓު ބޮޑެތި ހޮޓާތައް ހިންގާ ސިޓީ އެކެވެ. ނަމަވެސް މިހާރު މި ހޮޓާތަކަށް އަންނަ މަތީ ފަންތީގެ ޓޫރިސްޓުންނާއި އާއްމު އެހެން ޓޫރިސްޓުންނަށްވެސް ހޮޓަލާ ހަމައަށް އަންނަން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހެ އެވެ. ސަބަބަކީ މާލޭގެ ބަނދަރުގެ ދަތިކަން ބޮޑުވުމެވެ. އެއް ނަންބަރު ފާލަން ސަރަހައްދު "ރަސްމީ" ފަރާތްތަކަށް ހުސްކޮށްފައި އޮންނައިރު އާއްމުކޮށް ޓޫރިސްޓުން މާލެ ފައިބަން ޖެހެނީ ބޭންކް އޮފް ސިލޯން ކައިރިންނެވެ. އެ ސަރަހައްދަށް ފައިބާ ޓޫރިސްޓުން އެތަނުން ނުކުމެގެން، ވެހިކަލާއި ހަމަ އަށް އަންނަން ބޮޑެތި ދަތިތަކެއް ހުރެ އެވެ. ނަމަވެސް ބްރިޖުގެ ސަބަބުން ހޮޓެލް ޖެން ފަދަ ހޮޓާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ހޮޓެލް ޖެންގެ، މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު ނީނާ މުހައްމަދު "އަވަސް" އަށް ވިދާޅުވީ ބްރިޖުގެ ސަބަބުން އެ ހޮޓަލުގެ ކްރޫބިޒަންސް ބޮޑުތަން އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ

"ބްރިޖު ހުޅުވީމަ ދެން ބްރިޖުން އަޅުގަނޑުމެން ޓޫރިސްޓުން ގެންނާނީ. މިހާރު ވާގޮތަކީ ބަނދަރުގެ ދަތިކަން ވަރަށް ބޮޑު. އަދި ކަނޑު މަގުން [ފްލައިޓްތަކުގެ] ކްރޫއިން އުފުލުމަކީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެއް. ކަނޑުމަގުން އުފުލީމަ އިންޝުއަރެންސްގެ ޗާޖު ވަރަށް ބޮޑުވޭ. މިހެންވެ، ވަރަށް ގިނަ ކްރޫ ބިޒްނަސް ގެއްލޭ .ނަމަވެސް ބްރިޖުގެ ސަބަބުން މިކަމަށް ހައްލު ލިބިގެން ދާނެ،" ނީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރިޖު ހުޅުވުމާއެކު، އެ ކުންފުނިން ކަނޑުމަގުން ޓޫރިސްޓުން އުފުލުމުގެ ހިދުމަތް 90 ޕަސެންޓް ހުއްޓާލާނެ ކަމަށެވެ.

ކަނޑު މަގުން [ފްލައިޓްތަކުގެ] ކްރޫއިން އުފުލުމަކީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެއް. ކަނޑުމަގުން އުފުލީމަ އިންޝުއަރެންސްގެ ޗާޖު ވަރަށް ބޮޑުވޭ. މިހެންވެ، ވަރަށް ގިނަ ކްރޫ ބިޒްނަސް ގެއްލޭ .ނަމަވެސް ބްރިޖުގެ ސަބަބުން މިކަމަށް ހައްލު ލިބިގެން ދާނެ
ނީނާ މުހައްމަދު | ހޮޓެލް ޖެންގެ، މާކެޓިން އެންޑް ކޮމިއުނިކޭޝަން މެނޭޖަރު

"ހަރަދުގެ ގޮތުން ބަލާނަމަވެސް ވަރަށް އެކްސްޕެންސިވް ކަމެއް މިއީ. އެހެންވެ އަޅުގަނޑުމެން ވަަރަށް ލުކްފޯއަޑް ކުރިކަމެއް ބްރިޖަކީ. އެހެންވެ ބްރިޖު ހުޅުވުމުން އަޅުގަނޑުމެން ފޭސްބުކް ޕޭޖުގައިވެސް ފާހަގަ ކުރާނަން،" ނީނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ބްރިޖު ވެގެންދާނީ ރާއްޖޭގެ ޓޫރިސްޓު އެޓްރެކްޝަނަކަށް."

ބްރިޖު ހުޅުވުން ވެގެންދާނީ މުޅިރާއްޖެ އަށް ވެސް ލިބިގެންދާނެ ކުރިއެރުމަކަށެވެ. ހާއްސަކޮށް ރާއްޖޭގެ އިކޮނޮމީގެ މައި ތަނބު ޓޫރިޒަމަށް އަންނަ ކޮންމެ ޝައުގުވެރިކަމެއްގެ ފައިދާ މުޅި ގައުމަށްވެސް ނުކޮށެއް ނުދާނެ އެވެ.