ކުރިމިނަލް ކޯޓުގައި މުއްދަތު މަޖިލިސްތައް ހުޅުވާލައިގެން ކުރިއަށް ގެންދަން ފަށައިފި އެވެ. މިގޮތަށް އަމަލު ކުރަން ފަށާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން މުއްދަތު މަޖިލިސްތައް ކުރިއަށް ގެންދަން ޖެހޭނީ ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގަ އެވެ. ނަމަވެސް މިވީހާ ދުވަހު މުއްދަތު މަޖިލިސްތައް ބޭއްވީ ސިއްރުން އާންމުނަށް ނުވަދެވޭ ގޮތަށެވެ.
މުއްދަތު މަޖިލިސްތައް ހުޅުވާލައިގެން ކުރިއަށް ގެންދަން ފަށާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލި ޝަރީއަތް ކުރުމާ ބެހޭ ގަވައިދަށް ކުރިމިނަލް ކޯޓުން އަމަލުކުރަން ފެށުމާއެކު އެވެ. އެ ގަވައިދުގައިވާ ގޮތުން ވެސް އެ މަޖިލިސްތައް ކުރިއަށް ގެންދަން ޖެހޭނީ ހުޅުވާލައިގެންނެވެ.
ކުރިމިނަލް ކޯޓުގެ ޝެޑިއުލްގައި ވެސް މިހާރު މުއްދަތު މަޖިލިސްތައް ބާއްވާ ގަޑި ހިމަނާފައިވެ އެވެ. މީގެކުރިން މުއްދަތު މަޖިލިސްތައް ބާއްވާ ގަޑިއެއް ވެސް ކޯޓުން އާންމުކޮށް ހާމައެއް ނުކުރެ އެވެ.
މިއަދު ބޭއްވި މުއްދަތު މަޖިލީހެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ މީހެއްގެ ގަޔަށް ވަޅި ޖެހުމަށް ފިލަން ދުވަނިކޮށް ފުލުހުން ހިފައި ހައްޔަރުކުރި މީހާގެ ބަންދު އިތުރުކޮށްފައިވެ އެވެ. ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ވަނީ އޭނާގެ ބަންދަށް 10 ދުވަސް މިއަދު
ދެއްވާފަ އެވެ.