ހަބަރު

ތައުރީފު ލިސްޓްގައި މައުމޫން ނެތުމުން ފާޑުކިޔުން

ހުޅުލެ އާއި މާލެ ގުޅުވައިދޭ، ބްރިޖު، ސިނަމާލެ ބްރިޖާ ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ތައުުރީފު ލިސްޓްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމަނާފައިނުވާތީ ފާޑުކިޔައިފި އެވެ.

ދެ އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް ވަހީދު މިއަދު ވިދާޅުވެފައިވަނީ ބްރިޖުގެ ހަގީގީ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރެއް ކަމަށެވެ. ތާރީހީ ޕްރޮޖެކްޓްގެ ފުރަތަމަ މަތީ ފެންވަރުގެ މަޝްވަރާތައް ކުރައްވަން އޭނާއަށް ލިބުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި ބްރިޖު މަޝްރޫއު އަސްލަކަށް ހެދުމުގެ ހުރިހާ ތައުރީފެއް ހައްގީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށެވެ.

އެ ލިސްޓްގައި ރައީސް މައުމޫންގެ ނަންފުޅު ހިމަނާފައިނުވާތީ ރައީސް ވަހީދަށް ފާޑުވިދާޅުވަމުން މައުމޫން ރިފޯމް މޫވްމަންޓްގައި އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ ވިދާޅުވީ، 1990 ވަނަ އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ ޕްލޭން ކުރިއިރު ވެސް ހުޅުމާލެ މާލެއާ ގުޅާލައި އެހެން ރަށްތައް ގުޅާލުމުގެ ކުރުހެއް ވެސް ކުރަހާފައިވާ ކަމަށެވެ. އެ ކުރެހުމުގެ ފޮޓޯއެއް ވެސް ނާދިރާ ޓްވީޓް ކުރެއްވި އެވެ.

ހަގީގަތް ބެއްލެވުމަށް ރައީސް ވަހީދަށް އިލްތިމާސް ކުރައްވަމުން ނާދިރާ ވިދާޅުވީ، ރައީސް މައުމޫނާއި އެމަނިކުފާނަކީ ދުރުވިސްނުންތެރިން ކަމަށާއި ބްރިޖްގެ ހަރަދާއި އެހެންވެސް ދިރާސާތައް އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ކުރި ކަމަށެވެ.

ރައީސް މައުމޫނަށް ތާއިދު ކުރާ އެހެން ބައެއް ފަރާތްތަކުން ވެސް ވަނީ ބްރިޖްގެ ހަގީގީ ތަސައްވުރަކީ ރައީސް މައުމޫންގެ ތަސައްވުރު ކަމަށް ބުނެފަ އެވެ. އެންމެ ފުރަތަމަ ބްރިޖްގެ ކުރުހުމެއް ކުރެއްސެވީ ރައީސް މައުމޫންކަން ފާހަގަކުރާއިރު 2003 ވަނަ އަހަރު ހެންވޭރު ޕާކްގައި ބްރިޖްގެ ބިލްބޯޑެއް ވެސް ބެހެއްޓި އެވެ.

ރައީސް މައުމޫންއާ ނާކާމިޔާބީ ކުރިމަތިވެވަޑައިގަތް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހުޅުލެ އާއި މާލޭގެ ބްރިޖްގެ ޑިޒައިނެއް ހިމަނުއްވި އެވެ. އެކަމާ ގުޅިގެން އޭރުގެ ވާދަވެރިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް މައުމޫނަށް ފާޑުވެސް ވިދާޅުވި އެވެ. އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭރު ރައީސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް ފަހުން 2011 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި ބްރިޖުގެ މަޝްވަރާތަކެއް ވަނީ ކުރައްވާފަ އެވެ.