ހަބަރު

މިނިވަން އިންތިހާބެއް ބޭއްވޭނެ މާހައުލެއް އެބައޮތް: އެޗްއާރްސީއެމް

މިނިވަން އިންސާފުވެރި ވެރިކަމެއް ބޭއްވޭނެ މާހައުލެއް ރާއްޖޭގައި މިހާރު އެބައޮތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ އިންސާފުވެރިކަމާ މެދު އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ބައިނަލް އަގުވާމީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިންތިހާބާ ގުޅިގެން އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ބެލި ބެލުމުން، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ މާހައުލެއް މިހާރު ރާއްޖޭގައި ފަހިވެފައި އެބަ އޮތްކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން މިހާރު މި އޮތް މާހައުލު ދެމެހެއްޓުމަށް ކަމާބެހޭ ފަރާތްތަކާއި ސިޔާސީ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ ކޮމިޝަނުން ބުނީ، ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ބާއްވަން އެކަށޭނަ މާހައުލެއް އޮތްތޯ ކަށަވަރު ކުރުމަށް ތިން ބަޔަކަށް ބަހާލައިގެން އެ ކޮމިޝަނުން މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން އަދި، އިޮންތިހާބާ ގުޅުންހުރި ގާނޫނުތަކާއި، ގަވާއިދުތަކާ އުސޫލުތަކަށް އައިސްފައިވާ ބަދަލުތައް ދިރާސާ ކުރުމުގެ މަސައްކަތްތަކާއި، އިންތިހާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމުގެ ގޮތުން ހަބަރު ފަތުރާ ވަސީލަތްތަކާއި މީޑީއާގެ އެކި ވަސީލަތްތައް މޮނިޓާކުރުމާއި، ކަމާގުޅުން ހުރި އިދާރާތްތަކާއި ސިޔާސީ ޕާޓީތަކާ ބައްދަލުކުރުމާއި، އިންތހާބާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކާ އަދި ކޮމިޝަނަށް ފާހަގަވި ކަންކަމާ ގުޅޭގޮތުން ކަމާގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް އެކަންކަން ހައްލު ކޮށްފައިވާކަމަށް ބުންޏެވެ.

މީގެ އިތުރުންވެސް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކޮމިޝަނުގެ ޓީމްތަކުން ޒިޔާރަތްކޮށް އެ ރަށްރަށުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުވެފައިވޭތޯ ދެނެގަނެފައިވާ ކަމަށާއި ވޯޓުލުމުގެ ހައްހައްގާއި އިންހާޚާބާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއްވެސް ކޮށްފައިވާކަމަށް ބުންޏެވެ. މި ހުރިހާ މައްސަކައްތަކަކަށް ފަހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ހެދުމަށް ރާއްޖެ ތައްޔާރުވެފައިވާ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމުން ވަނީ، މިނިވަން އިންސާފުވެރި އިންތިހާބަކަށް ރާއްޖޭގައި މިހާރު މި އޮތް މާހައުލު ތަންދޭތީ، މި މާހައުލު ދެމެހެއްޓުމަށް، ކެމްޕޭން މަސައްކަތްތައް ކުރިޔަށް ގެންދާއިރު މީހުންގެ މެދުގައި ރުޅިވެރިކަމާއި، ފިތުނަފަސާދަ އުފެދޭނެ ގޮތަށް ތާއީދު ހޯދުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.