ދިވެހިން މިއަދު ދެކެމުން މިދަނީ އުމްރާނީ ތަރައްގީގެ ރަންޒަމާން ކަމަށާއި މިރޭ ހުޅުވިގެންދިޔަ ބްރިޖާއެކު މި ތަރައްގީ އެތައް ގުނަ އިތުރުވެގެންދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް ވިދާޅުވެއްޖެ އެވެ.
ޗައިނާއާއި ހުޅުލެ ގުޅުވައިދޭ ތާރީހީ ބްރިޖް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންއަށް ހުރަސްތައް ގިރާކުރައްވަން އެނގިވަޑައިގަންނަވާ ކަމަށެވެ. ތަހައްދީތަކާއި ގޮންޖެހުންތައް ފުނޑުފުނޑުކޮށްލަން އެމަނިކުފާނު ދެނެވަޑައިގަންނަވާ ކަމަށާއި ފަސް އަހަރުގެ ތެރޭގައި މިއަދު ދިވެހިން މިދެކޭ ތަރައްގީ ގެނެވުނު ހަގީގީ ސަބަބަކީ އެއީ ކަމުގަ އެވެ.
ބަޑިބޭހުގެ ކުޅިވަރުތަކާއި ގިނަ ހަރަކާތްތަކަކާއެކު ސިނަމާލެ ބްރިޖް މިރޭ ހުޅުވާލާފައިވާއިރު، ބްރިޖާއެކު އެތަކެއް ދާއިރާތަކުން ކުރިއެރުން ދިވެހިންނަށް ލިބިގެންދާނެ ކަމަށް މުއިޒް ވިދާޅުވި އެވެ.
"މިއީ ނަނާ ހުވަފެނެއް ނޫން. މިއީ އަތްލެވޭ ހަގީގަތް. އުފާ ލިބޭ، މަންފާ ލިބޭ އަވަސް ފަހި ރާސްތާއެއް. އެހެންކަމުން ރައީސް ޔާމީންގެ ފަރާތުން ފެނިވަޑައިގަންނަވާ ކުޅަދާނަކަމަށްޓަކައި އުފާކުރަން. އެމަނިކުފާނުގެ ހަރުދަނާ ޚާރިޖީ ސިޔާސަތަށާއި އިގްތިސޯދީ ސިޔާސަތަށް ސާބަސް ދަންނަވަން،" މުއިޒް ވިދާޅުވި އެވެ.
މާލެ، ހުޅުމާލެ އަދި ހުޅުލެ ބްރިޖުން ގުޅާލެވިގެން ދިއުމުން ޑެސްޓިނޭޝަނެއްގެ ގޮތުގައި ދުނިޔޭގެ ލޯތައް ރާއްޖެއަށް އަމާޒުވެގެންދާނެ ކަމަށް މުއިޒް ވިދާޅުވި އެވެ. އެއާއެކު ފަތުރުވެރިކަމާއި އިގްތިސޯދަށް ހީނުކުރާ ވަރުގެ ކުރިއެރުންތަކެއް އަންނާނެ ކަމަށާއި އެ ކުރިއެރުންތަކުގެ ނަތީޖާ ދިވެހިންނާ ހަމައަށް ފޯރާއިރު، އާންމުންގެ އާމްދަނީ އެތައް ގުނަ އިތުރުވެ، އިގްތިސޯދީ އެތަކެއް ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް ވެސް މުއިޒް ވިދާޅުވި އެވެ.
"ޖެހިގެން ތިއޮށް ނިމެނީ އެއް ބިލިއަން ޑޮލަރުގެ އެއާޕޯޓް. މިހިސާބުން އާ އުނދުހުމަކުން ދިވެހިން އުނދުހެން ފަށަންވީ. މި އަމާންކަމުގެ ސުވަރުގެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އެތައް މިލިއަނަކަށް އަރާނެ. ދިވެހީން އާންމު އާމްދަނީ އެތައް ގުނައަކަށް ތަނަވަސްވެގެންދާނެ،" މުއިޒް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ތަރައްގީއަށް ދިވެހިން ނޫނެކޭ ނުބުނާނެ އެވެ. މިހާރު ދިވެހިން ތިބި އަމާން، މިނިވަން ހަޔާތެއްގައި ދިވެހިން ތިއްބައި ބޭރުގެ މީހުންގެ އަޅުވެތިކަމުގެ ދަށަށް ދިވެހިން ގެންނަން މަސައްކަތްކުރާ ބަޔަކަށް އިޖާބަދޭނެ ގޮތެއް އެބަ އޮތްތޯ މުއިޒް ސުވާލުކުރެއްވި އެވެ.
"ދިވެހި ރައްޔިތުން ދާންވީ މި ދިއްލުންތަކާއި މި އުފާވެރި އާރާސްވުންތަކާއި އެކީގައި ރާއްޖޭގެ ތަރައްގީގެ އުސް ކުރިބޯއްޓާއި ދިމާއަށްތޯ، ނުވަތަ ބައިބައިވުމާއި ގައުމު އަޅުވެތިކުރުމާއި، އެފަހުން މި ބިންމަތީގައި ދެމިގެންދާނެ ދިވެހި ރައްޔިތުންގެ ލޭކޯރުތަކާއި ދިމާއަށްތޯ؟،" މުއިޒް ސުވާލުކުރެއްވި އެވެ.
އެމަނިކުފާނު ވަނީ ޓައިމްލައިނާ އެއްގޮތަށް ބާރު ސްޕީޑުގައި ބްރިޖްގެ މަސައްކަތް ނިންމައިދީފައިވާތީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކޮށްފަ އެވެ.
ބްރިޖު ހުޅުވުމުގެ ގޮތުން މިރޭ ކުލަ ގަދަ ހަފުލާއެއް ބާއްވާފައިވާއިރު، ބްރިޖު ހުޅުވުމުގެ އުފާ ހަތް ދުވަސް ވަންދެން ފާހަގަ ކުރަން ވަނީ ނިންމާފަ އެވެ. ބްރިޖު އާންމުކޮށް ހުޅުވާލަނީ އަންނަ މަަހުގެ ހަތްވަނަ ދުވަހު އެވެ.